Roadha Mihaaru
ޖަލްސާ ފެށިޔަ ނުދީ އިހުތިޖާޖު ކުރަނީ!

އެމްޑީޕީގެ މެމްބަރުން ރިޔާސަތަށް އަރައި، ޖަލްސާ ފަށަން ހުރަސްއަޅައި އިހުތިޖާޖު ކުރަނީ!

31 އޮކްޓޯބަރ 2023

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކި ކުރުމުގެ ގަރާރު އެޖެންޑާ ނުކުރާތީ، މިއަދުގެ ޖަލްސާ ފެށުމަށް ހުރަސްއަޅައި، އިހުތިޖާޖު ކުރަން ފަށައިފި އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކި ކުރުމުގެ ގަރާރު އެޖެންޑާ ނުކުރާތީ، މިއަދުގެ ޖަލްސާ ފެށުމަށް ހުރަސްއަޅައި، އިހުތިޖާޖު ކުރަން ފަށައިފި އެވެ.

ޖަލްސާ ފައްޓަވަން، ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް ރިޔާސަތަށް ވަޑައިގެންނެވި އިރު ވެސް، ރިޔާސަތު ވަށާލައިގެން އެމްޑީޕީގެ ބައެއް މެމްބަރުން ތިއްބެވި އެވެ. އޭނާގެ އަތުގައި އޮތް ގަނޑުތައް އަތުލައި، ރިޔާސަތުގެ ގޮނޑީގައި އިށީނދެވަޑައިގެންނެވުމަށް ހުރަސްއެޅުމަށް، އޭނާ ކޮށްޕާލާ މަންޒަރު ވެސް ފެނުނެވެ.

ދުންމާރި ހިފައިގެން އެމްޑީޕީގެ ދެން ތިބި މެމްބަރުން ތަޅުމުގައި ކޮޅަށް ތެދުވެވަޑައިގެން އަޑުގަދަ ކުރައްވަމުން ގެންދެވި އެވެ.

އޭގެ ކުޑަވަގުތު ކޮޅެއް ފަހުން، އަފީފް ވަނީ ޖަލްސާ ނުފެށިގެން، ރިޔާސަތު ދޫކުރައްވައި ވަޑައިގެންފަ އެވެ.

ނަޝީދު މަގާމުން ވަކި ކުރަން ހުށަހަޅާފައިވާ ގަރާރު ފަހަތަށް ޖައްސާލާފައި މި އަހަރަށް އިތުރު ކުރި ސަޕްލިމަންޓްރީ ބަޖެޓާއި އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ހުށަހެޅުން މަޖިލީހުގެ އިދާރާއިން ވަނީ ތާވަލުކޮށްފަ އެވެ.

މަޖިލީހުގެ އަޣުލަބިއްޔަތު އޮންނަ އެމްޑީޕީގެ 49 މެމްބަރުން ސޮއި އާ އެކު ހުށަހަޅާފައިވާ ނަޝީދުގެ އިތުބާރު ނެތް ކަމުގެ ގަރާރުގެ ނޯޓިސްގެ މުއްދަތު ހަމަވެ، އިއްޔެ އާއި އޭގެ ކުރީ ދުވަހު ވެސް އެ ގަރާރު ކުރިއަށް ގެންދަން ޖަލްސާއެއް އެޖެންޑާ ކުރި އެވެ.

ނަމަވެސް، މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އާލާސްކަންފުޅާ އުޅުއްވާތީ ސަލާން ފޮނުއްވުމުން އެ ދެ ޖަލްސާ ވެސް ވަނީ ބޭއްވޭ ގޮތް ނުވެފަ އެވެ. އެއީ މަޖިލީހުގެ ރައީސް މަގާމުން ވަކި ކުރުމުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަންޖެހޭނީ މަޖިލީހުގެ ނައިބު ރައީސް ކަމަށް މަޖިލީހުގެ ގަވާއިދުގައި ބަޔާންކުރާތީ ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ނިންމައިފަ އެވެ.

އެމްޑީޕީން ރުޅިގަދަވީ މިއަދަށް ޖަލްސާ ތާވަލުކުރި އިރު ނަޝީދުގެ މައްސަލަ އެޖެންޑާގައި ހިމަނާފައި ނެތުމުންނެވެ. ނަޝީދުގެ ގަރާރު "ޕާކުކޮށް" ދެ ބަޖެޓު ހުށަހެޅުން އެޖެންޑާ ކުރީ، އީވާ މިއަދު އަށް ވެސް ސަލާން ވިދާޅުވެފައިވާތީ، އަންނަ އަހަރުގެ ބަޖެޓު ހުށަހެޅުން ފަސްކުރެވެން ނެތިގެން ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ބުނެފަ އެވެ.

މަޖިލީހުގެ އިދާރާއިން އިއްޔެ ބުނެފައިވާ ގޮތުގައި، މާލިއްޔަތު ގާނޫނުގައިވާ ގޮތުން އޮކްޓޯބަރުގެ ނިޔަލަށް ދެން އަންނަ އަހަރެއްގެ ބަޖެޓު މަޖިލީހަށް ހުށަހަޅަންޖެހޭ އިރު، މިއަދަކީ ބަޖެޓް ހުށަހެޅުމަށް ލިބޭނެ އެންމެ ފަހު ދުވަހެވެ.

އެހެންވެ، މިއަދުގެ ޖަލްސާގައި ބަޖެޓު ހުށަހަޅަން ޖާގަ ދިނުމަށްފަހު، މާދަމާގެ ޖަލްސާއަށް ނަޝީދުގެ މައްސަލަ ވަނީ އެޖެންޑާކޮށްފަ އެވެ.

ނަމަވެސް، އެއީ އުސޫލުން ބޭރު ނިންމުމެއް ކަމަށް ބުނެ، ނަޝީދު މަގާމުން ވަކިކުރުމުގެ ގަރާރުގެ މައްސަލަ މިއަދުގެ ޖަލްސާ އަށް އެޖެންޑާ ކޮށްދިނުމަށް އެމްޑީޕީން އޮތީ އެދިފަ އެވެ. އެމްޑީޕީން ގަބޫލުކުރާ ގޮތުގައި ނަޝީދުގެ މައްސަލާގައި ގޮތެއް ނުނިންމައި މަޖިލީހުގެ އެހެން އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ އެވެ. އެކަމަށް އެއްބާރުލުން ނުދޭނެ ކަމަށް ވެސް އެމްޑީޕީން ބުނެފައިވެ އެވެ.

ބަޖެޓު ހުށަހަޅަން މިއަދުގެ ޖަލްސާއަސް ތާވަލުކުރިޔަސް، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަޑައިނުގަންނަވަން ބަންޑާރަ ނައިބު ލަފާ ދެއްވާފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ނަޝީދު ވަކިކުރުމުގެ ގަރާރު ކުރިއަށް ނުގެންގޮސް، މަޖިލީހުގެ އިތުރު މަސައްކަތެއް ނުކުރެވޭނެ ކަމަށް މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާތީ، މިއަދުގެ ޖަލްސާއަށް ވަޑައިގެން ބަޖެޓު ހުށަހަޅަން ވަޑައިނުގަންނަވަން އަމީރަށް އޭޖީ ލަފާ ދެއްވާފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވި އެވެ.

މަޖިލީހުގެ ގަވާއިދުގައި ބުނާ ގޮތުން، ނޮވެމްބަރު މަހުގެ އެއް ވަނަ ދުވަހުގެ ކުރިން އެ އަހަރެއްގެ ބަޖެޓު ފިނޭންސް މިނިސްޓަރު މަޖިލީހަށް ހުށަހަޅުއްވަންޖެހެ އެވެ.

އެހެންކަމުން، މިއަދަކީ ބަޖެޓު ހުށަހަޅަން ލިބޭނެ އެންމެ ފަހު ދުވަސް ނަމަވެސް، ފިނޭންސް މިނިސްޓަރު ވަޑައިނުގަންނަވާތީ މިއަދުގެ ޖަލްސާގައި އެކަން ކުރިއަށް ދާނެ ގޮތެއް އަދި ސާފެއް ނުވެ އެވެ. ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ނުގެންދާ މައްސަލާގައި އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި ވެސް އެދިފައިވަނީ އެކަމުގައި ގޮތެއް ނުނިންމާ މަޖިލީހުގެ އެހެން އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައިދިނުމަށެވެ. އެ މައްސަލަ ސުޕްރީމް ކޯޓުން މިހާރު ވަނީ ބަލައިގެންފަ އެވެ. އެމްޑީޕީގެ ގާނޫނީ ޓީމުން ގަބޫލުކުރާ ގޮތުގައި އަމީންއާންމުގެ ނިންމުން ގާނޫނުއަސާސީގެ 82 ވަނަ މާއްދާ އާއި މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާއާ ހިލާފެވެ. އެއީ މަޖިލީހުގެ ނައިބު ރައީސަށް ރިޔާސަތު ނުބެލެހެއްޓެވޭ ހާލަތެއްގައި ޖަލްސާގެ ރިޔާސަތު ބަލަހައްޓާނެ ފަރާތްތައް މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާތީ އެވެ.

އެއީ މަޖިލީހުގައި އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވި ފަސް މެންބަރުންނެވެ. އެ އުސޫލުގެ ދަށުން ނަޝީދުގެ މައްސަލަ ކުރިއަށް ގެންދަން ޖެހޭނެ ކަމަށް އެމްޑީޕީގެ ގާނޫނީ ޓީމުން ގަބޫލުކުރެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅާފައިވަނިކޮށް، އެ މައްސަލަ ކުރިއަށް ނުގެންގޮސް އެހެން އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭނެކަން މަޖިލީހުގެ ގަވާއިދުގެ 205 މާއްދާގެ (ރ) އެނގޭ ކަމަށް ވެސް އެމްޑީޕީން ހުށަހެޅި މައްސަލާގައި ވެ އެވެ. އެ މާއްދާގައި ބުނެފައިވާ ގޮތުގައި އިތުބާރު ނެތް ކަމުގެ ގަރާރެއް ޖަލްސާއަށް ހުށަހެޅުމަށްފަހު އެ ވަގުތު މަޖިލީހަށް ހުށަހެޅިފައިވާ އެހެން އެއްވެސް ކަމަކާ މެދު ބަހުސް ކުރެވޭނީ ނުވަތަ ގޮތެއް ނިންމޭނީ އެ ގަރާރާ މެދު ގޮތެއް ނިންމުމަށް ފަހު އެވެ.