Roadha Mihaaru
ހިސާންގެ އިސްލާހުތައް ފޮނުވީ މަސައްކަތް ނިމުނު ފަހުން

ހިސާން، އިސްލާހުތައް ފޮނުވީ ބަޖެޓްގެ މަސައްކަތް ނިމުނު ފަހުން

14 ޑިސެމްބަރ 2023

ޝަރުއީ ދާއިރާގެ މުވައްޒަފުންގެ މުސާރައާ މެދު ގޮތެއް ނިންމަން އިއްޔެ ބޭއްވި އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕްގެ ބައްދަލުވުމަށް ތުޅާދޫ ދާއިރާގެ މެމްބަރު އަދި ޖޭއެސްސީގެ ރައީސް ހިސާން ހުސައިން ވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ، ބައެއް މެންބަރުން ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ޝަރުއީ ދާއިރާގެ މުވައްޒަފުންގެ މުސާރައާ މެދު ގޮތެއް ނިންމަން އިއްޔެ ބޭއްވި އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕްގެ ބައްދަލުވުމަށް ތުޅާދޫ ދާއިރާގެ މެމްބަރު އަދި ޖޭއެސްސީގެ ރައީސް ހިސާން ހުސައިން ވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ، ބައެއް މެންބަރުން ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

އެ މެމްބަރުންގެ ކަންބޮޑުވުން އައީ ޝަރުއީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމަށް ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓަށް 49 މިލިއަން ރުފިޔާ އިތުރު ކުރުމަށް ހުށަހެޅުއްވި ނަމަވެސް އެ އިސްލާހު އެމްޑީޕީގެ ޕާލަމެންޓަރީ ގުރޫޕުން ބޭރުކޮށްލި ކަމަށް ހިސާން ވިދާޅުވުމާ ގުޅިގެންނެވެ. އޭނާ ވިދާޅުވީ، ޕާޓީގެ ވިޕާ ހިލާފު ނުވާން އެ އިސްލާހުތައް އަނބުރާ ގެންދެވީ ކަމަށެވެ.

އެކަމާ ގުޅޭ ގޮތުން "މިހާރު" އާ ވާހަކަ ދައްކަވަމުން ބަޖެޓު ކޮމިޓީގެ މުގައްރިރު އަދި ކިނބިދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ނާޝިޒު ވިދާޅުވީ، ބަޖެޓް ކޮމިޓީގެ މަސައްކަތް ފެށުމުގެ ކުރިން ހުރިހާ މުއައްސަސާއަކަށް ވެސް ބަޖެޓުގައި ހިމަނަން ބޭނުންވާ ކަންކަން ހުށަހެޅުމަށް ސިޓީއެއް ފޮނުވާ ކަމަށެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އާއި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ފަރާތުން ވެސް ހުށަހެޅުންތަކެއް ލިބުނު ކަމަށް އޭނާ ވިދާޅުވި އެވެ.

ޑީޖޭއޭގެ ހުށަހެޅުންތައް

- ޖުޑިޝަލް އެކެޑަމީ އަށް 15 މިލިއަން

- ސިވިލް ކޯޓުގެ މަސައްކަތަކަށް އެއް މިލިއަން

- އާކައިވްސް އަށް ފަސް މިލިއަން

- އިންޓަގްރޭޓަޑް ކޭސް މެނޭޖްމަންޓް ސިސްޓަމް 1.8 މިލިއަން

- ކޮމިއުނިކޭޝަން ސްޓްރެޓަޖީ އަށް ދެ މިިލިއަން

- ކޯޓުތަކުގެ ގަވައިދުތައް ހާމަނައިޒް ކުރުމަށް ދެ މިލިއަން

ޖޭއެސްސީގެ ފަރާތުން އައި ހުށަހެޅުންތައް

- ނިއު އިނީޝިއޭޓިވް ބަޖެޓަށް ބޭނުންވާ 480،000ރ.

- ކްރިމިނަލް ކޯޓުގެ ފެސިލިޓީ ބަދަލުކުރަން 10 މިލިއަން

ނާޝިޒު ވިދާޅުވިގޮތުގައި، ދެ މުއައްސަސާގެ ފަރާތުން އައި އެއްވެސް ހުށަހެޅުމެއްގައި މުއައްޒަފުންގެ މުސާރަ އިތުރު ކުރުމުގެ އެއްވެސް ވާހަކައެއް ނެތެވެ.

ނަމަވެސް ބަޖެޓުގެ ތެރޭގައި ޕޭ ހާމަނައިޒޭޝަނަށް ހާއްސަ 500 މިލިއަންގެ ކޯޑެއް އޮތް ކަމަށާއި އޭގެ ތެރޭގައި ޖުޑިޝަރީ އާއި އެހެން މުއައްސަސާތައް ވެސް ހިމެނޭ ކަމަށް ނާޝިޒު ވިދާޅުވި އެވެ.

އެ ކޯޑަށް އިތުރު ކޮށްފައި ވާނީ ރައްޔިތުންގެ މަޖިލީހުން މުސާރަ ކަނޑައަޅަން ޖެހޭ ފަރާތްތައް ކަމަށާއި އެ އިސްލާހުތަކާ އެކީ ބަޖެޓު ފާސް ކޮށްފައިވާ ކަމަށް ނާޝިޒު ވިދާޅުވި އެވެ.

"މިހެން މިކަން އޮއްވައި ބަޖެޓުގެ މަސައްކަތް ނިމުނު ފަހުން ރައްޔިތުންގެ މަޖިލީހަށް އެ ހުށަހެޅުއްވީ،" ނާޝިޒު ވިދާޅުވި އެވެ.

ދުވާފަރު ދާއިރާގެ މެންބަރު އިސްމާއިލް އަހުމަދު ވިދާޅުވީ "މިހާރު" އަށް ވިދާޅުވި ގޮތުގައި ހިސާންގެ އެ ހުށަހެޅުން އައުމާ ގުޅިގެން އެކަމާ ގުޅޭ ގޮތުން ގޮތެއް ނިންމުމަށް އިއްޔެ ހެނދުނު ޕީޖީ ބައްދަލުވުމެއް ބޭއްވި ކަމަށެވެ.

އެއީ ބަޖެޓުގައި މި މަސައްކަތް ކުރިޔަށް ގެންދިޔަ ގޮތާއި ޝަރުއީ ދާއިރާގެ މުއައްޒަފުންގެ މުސާރައާ ގުޅޭ ގޮތުން ވަރަށް ތަފްސީލްކޮށް މެންބަރުންނަށް ސާފުކޮށްދީ، އެކަމާ ގުޅޭ ގޮތުން ވޯޓެއް ނަގައި ގޮތެއް ނިންމަން ބޭއްވި ބައްދަލުވުމެއް ކަމަށް އިސްމާއިލް ވިދާޅުވި އެވެ.

ނަމަވެސް އެ ބައްދަލުވުމަށް ހިސާން ވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައީސް ސޯލިހު ވެސް 11 ނޮވެމްބަރުގައި ވާހަކަ ދެއްކެވި އިރު ވިދާޅުވެފައި އޮންނާނެ އެ ދާއިރާތަކުގެ މުސާރަ ބޮޑު ކުރަން ބަޖެޓުގައި ހިމަނާ ވާހަކަ. އޭތި އެ އޮތީ އެގޮތަށް ހިމަނާފައި. އެ ތަފްސީލް ދެއްވި ޕީޖީ މީޓިން އަށް ހިސާން ވަޑައެއް ނުގަންނަވާ،" އިސްމާއިލް ވިދާޅުވި އެވެ.

އެ މައްސަލާގައި ހިސާންގެ ބަހެއް ހޯދަން ގުޅި ނަމަވެސް ފޯނެއް ނުނަންގަވަ އެވެ.