Roadha Mihaaru
އެމްޑީޕީގެ ޕީޖީ ލީޑަރަކަށް ނާޒިލް

އެމްޑީޕީގެ ޕީޖީ ލީޑަރަކަށް ނާޒިލް އިންތިހާބުކޮށްފި

27 މެއި 2024

މާދަމާ ހުވާކުރާ 20 ވަނަ ރައްޔިތުންގެ މަޖިލިހުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރަކަށް ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް މިއަދު އިންތިހާބުކޮށްފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

މާދަމާ ހުވާކުރާ 20 ވަނަ ރައްޔިތުންގެ މަޖިލިހުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރަކަށް ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް މިއަދު އިންތިހާބުކޮށްފި އެވެ.

އެ ޕާޓީގެ ޕީޖީ ގުރޫޕްގެ ލީޑަރުގެ މަގާމަށް ނާޒިލް އިންތިހާބުކުރިއިރު، މާދަމާ ފަށާ 20 ވަނަ ރައްޔިތުންގެ މަޖިލީހަކީ އޭނާގެ ދެވަނަ ދައުރެވެ. ނާޒިލަކީ އެމްޑީޕީގެ ބޮޑު ސަޕޯޓެއް އޮންނަ އައްޑޫ އިން މި ފަހަރު ގޮނޑި ދިފާއު ކުރެއްވުނު ހަމައެކަނި މެމްބަރު ވެސް މެ އެވެ.

އެމްޑީޕީގެ ޕީޖީ ގުރޫޕުގެ އެކި މަގާމުތަކަށް ބޭފުޅުން އިންތިހާބު ކުރުމަށް މިއަދު ބޭއްވި އިންތިހާބުގައި ޑެޕިއުޓީ ޕީޖީ ލީޑަރުކަމަށް އިންތިހާބުކުރީ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު (ފިއްޓެ) އާއި މަރަދޫ ދާއިރާގެ އިންތިހާބީ މެންބަރު އަހުމަދު ދީދީ އެވެ.

ސެކްރެޓަރީ ޖެނެރަލަކަށް އިންތިހާބުކުރީ ގަލޮޅު އުތުރު ދާއިރާގެ އިންތިހާބީ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ. އޭނާގެ ޑެޕިއުޓީއަކަށް އިންތިހާބުކުރީ މާވަށު ދާއިރާގެ އިންތިހާބީ މެމްބަރު އަހުމަދު ޝާކިރެވެ.

އެމްޑީޕީ ޕީޖީގެ ޗީފް ވިޕަކީ ތޮއްޑޫ ދާއިރާގެ އިންތިހާބީ މެންބަރު ހުސެއިން ސަމީރެވެ. ވިޕުންގެ ގޮތުގައި ކަނޑިތީމު ދާއިރާގެ އިންތިހާބީ މެންބަރު އަމީން ފައިސަލާއި ކެޔޮދޫ ދާއިރާގެ އިންތިހާބީ މެންބަރު މުހައްމަދު ނިއުޝާދު ވެސް އިންތިހާބުކުރި އެވެ.

ވިހި ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި މެންބަރުން ހުވާ ކުރުމުގެ ޖަލްސާ މާދަމާ ބާއްވަން ހަމަޖެހިފައިވާއިރު، މަޖިލީހުގެ ރައީސް އަދި ނައިބު ރައީސް ހޮވުން އޭގެ ފަހުން އޮންނާނެ އެވެ.

މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދާފައިވާ ޕީއެންސީގެ ޕީޖީ އިން މިއަދު އިއްތިފާގުން ފާސްކޮށްފައިވަނީ މަޖިލީހުގެ ރައީސް ކަމަށް ފޮނަދޫ ދާއިރާގެ އިންތިހާބީ މެންބަރު އަބްދުއްރަހީމް އަބްދުﷲ އަދި ނައިބު ރައީސް ކަމަށް ދިއްގަރު ދާއިރާގެ އިންތިހާބީ މެންބަރު އަހުމަދު ނާޒިމް އިންތިހާބުކުރާށެވެ.

އެ ޕާޓީގެ ޕީޖީ ލީޑަރު ކަމަށް އިންތިހާބު ކޮށްފައިވަނީ އިނގުރައިދޫ ދާއިރާގެ އިންތިހާބީ މެންބަރު އިބްރާހިމް ފަލާހެވެ.