Roadha Mihaaru
"މަސްވެރިންނަށް ފައިސާ ހޯދަދޭން މަސައްކަތް ކުރާނަން"

މަސްވެރިންނަށް ފައިސާ ހޯދައި ދޭން މަޖިލިސް ތެރެއިން މަސައްކަތް ކުރާނަން: އެމްޑީޕީ

23 ޖޫން 2024

މަސްވެރިންނަށް ފައިސާ ނުލިބޭ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން މަސައްކަތް ކޮށްދޭނެ ކަމަށް އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުން މިއަދު ބުނެފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

މަސްވެރިންނަށް ފައިސާ ނުލިބޭ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން މަސައްކަތް ކޮށްދޭނެ ކަމަށް އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުން މިއަދު ބުނެފި އެވެ.

ސަރުކާރުގެ މަސް ކުންފުނި، މިފްކޯ އިން ގަންނަ މަހަށް ފައިސާ ނުލިބި ގިނަ ދުވަސްތަކެއް ވާތީ އައްޑޫގެ މަސްވެރިން މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ދަނީ މުޒާހަރާ ކުރަމުންނެވެ.

އެ މައްސަލައިގެ ކަންބޮޑުވުން ފާޅުކުރުމަށް އެމްޑީޕީ ޕީޖީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވިދާޅުވީ މަސްވެރިންނަށް ފައިސާ ނުލިބޭތާ 80 އަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށާއި އެ މައްސަލާގައި އައްޑޫގެ 90 ޕަސެންޓު މަސްވެރިން މުޒާހަރާ ކުރަމުންދާ ކަމަށެވެ.

އައްޑޫ މަސްވެރިން ހުއްޓާ ނުލައި މުޒާހަރާ ކުރަމުންދާތާ ތިން ދުވަސް ވެފައިވާ އިރު، ސަރުކާރުން އެކަށީގެންވާ ހައްލެއް ހޯދައި ނުދިނުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންވެ، އެ މައްސަލާގައި ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އެމްޑީޕީގެ މެންބަރުން މަޖިލީހުގެ ތެރެއިން މަސައްކަތް ކުރާނެ ކަމަށް ނާޒިލް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މަޝްވަރާ އެބަކުރަން އެ މައްސަލާގައި ކުއްލި މައްސަލައެއްތޯ ގަރާރެއްތޯ ހުށަހަޅާނީ. އަދި ވަޒީރު ވެސް މަޖިލީހަށް ހާޒިރު ކުރާނަން،" އޭނާ ވިދާޅުވި އެވެ.

މަސްވެރިންގެ އެކި މައްސަލަތަކާ ގުޅޭ ގޮތުން މީގެ ކުރިން ދެ ފަހަރަކަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވަނީ މަޖިލީހަށް ހާޒިރުވެ މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދީފަ އެވެ.

މަޖިލީހުގައި ވެސް މިނިސްޓަރު ވިދާޅުވެފައިވާ ގޮތުގައި ސަރުކާރުގެ ވިސްނުމަކީ މަސްވެރިން މަސް ގަންނަތާ 48 ގަޑިއިރު ތެރޭގައި ފައިސާ ދިނުމެވެ. އެހެން ނަމަވެސް އެ ވައުދު ފުއްދުމަށްޓަކައި ދައުލަތުގެ މާލީ ހާލަތާއި މިފްކޯގެ ހާލަތު ރަނގަޅު ކުރަން ޖެހޭ ކަމަށް ޝިޔާމް ވިދާޅުވެފައިވެ އެވެ.

އައްޑޫގައި މަސްވެރިން މިހާރު ކުރަމުންދާ މުޒާހަރާގެ ތެރެއިން ވަނީ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް (އޭއެފްސީ) ގެ އޮޕަރޭޝަންތައް ހުއްޓުވާފައި އެވެ.

އެ ސައިޓު އޮޑިވެރިންނާއި މަސްވެރިންގެ ބެލުމުގެ ދަށަށް ގެންދާނެ ކަމުގެ އިންޒާރު އައްޑޫގެ މަސްވެރިން ދީފައިވާ ކަމަށް މިފްކޯ އިން ވަނީ ބުނެފަ އެވެ.