Roadha Mihaaru
އީވާ އަދިވެސް އާލާސްކަންފުޅާ، ޖަލްސާ ނުބޭއްވުނު

އީވާ އަދިވެސް އާލާސްކަންފުޅާ، ޖަލްސާ ނުބޭއްވުނު

05 ނޮވެމްބަރ 2023

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲގެ ހުމުގެ އާލާސްކަންފުޅު އަދިވެސް ރަނގަޅުނުވާތީ އާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް މައްސަލަ ކުރިޔަށް ނުގެންދެވިގެން އެމްޑީޕީން ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާތީ، އެ ގަރާރުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން އުޒުރުވެރިވެވަޑައިގަންނަވާކަން އެންގެވުމުން މިއަދުގެ ޖަލްސާ ވެސް ކެންސަލް ކޮށްފި އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲގެ ހުމުގެ އާލާސްކަންފުޅު އަދިވެސް ރަނގަޅުނުވާތީ އާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް މައްސަލަ ކުރިޔަށް ނުގެންދެވިގެން އެމްޑީޕީން ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާތީ، އެ ގަރާރުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން އުޒުރުވެރިވެވަޑައިގަންނަވާކަން އެންގެވުމުން މިއަދުގެ ޖަލްސާ ވެސް ކެންސަލް ކޮށްފި އެވެ.

މަޖިލީހުގެ އަޣުލަބިއްޔަތު އޮންނަ އެމްޑީޕީގެ 49 މެމްބަރުން ސޮޔާ އެކު، ހުށަހަޅާފައިވާ ނަޝީދުގެ އިތުބާރު ނެތް ކަމުގެ ގަރާރުގެ ނޯޓިސްގެ މުއްދަތު ހަމަވެ، މިދިޔަ ހަފުތާގެ އާދީއްތަ ދުވަހުން ފެށިގެން އެ ގަރާރު ކުރިއަށް ގެންދަން ޖަލްސާތައް ތާވަލުކުރަމުން އައި ނަމަވެސް، ޑެންގޫ ހުމުގެ އާލާސްކަންފުޅެއްގައި އުޅުއްވާތީ އީވާ ގެންދަވަނީ ކޮންމެ ދުވަހަކު ވެސް ސަލާން ފޮނުއްވަމުންނެވެ.

އީވާ އެންމެ ފަހުން މަޖިލީހުގެ ޖަލްސާއަކަށް ވަޑައިގަތީ މި ދިޔަ މަހުގެ 24 ވަނަ ދުވަހު އެވެ.

އީވާގެ އާލާސްކަންފުޅު ރަނގަޅު ނުވާތީ، ނަޝީދުގެ ގަރާރު ކުރިއަށް ނުގެންދެވި ދިގުލައިގެން ގޮސްފައިވާ އިރު، އެ ގަރާރު ފަސް ވަނަ ފަހަރަށް އެޖެންޑާކުރި ނަމަވެސް، އީވާ ރޭ މަޖިލީހަށް ފޮނުވި ސިޓީއެއްގައި ވިދާޅުވީ ނަޝީދު މަގާމުން ވަކި ކުރުމުގެ މައްސަލާގައި ސުޕްރީމް ކޯޓުން ވަކި ގޮތެއް ނިންމުމުގެ ކުރިން މަޖިލީހުގެ ޖަލްސާތައް ކުރިޔަށް ގެންދިޔުމަށް ރިޔާސަތުގައި އިންނަވަން އޭނާ އުޒުރުވެރިވެވަޑައިގަންނަވާ ކަމަށެވެ. ސުޕްރީމް ކޯޓުން އެ މައްސަލަ ބަލައިގަނެ މާދަމާގެ ހެނދުނު 10:00 އަށް ވަނީ އަޑުއެހުމެއް ތާވަލުކޮށްފަ އެވެ. އެމްޑީޕީން އެ މައްސަލަ ވެއްދީ މަޖިލީހުގެ ރައީސް ނަޝީދު މަގާމުން ވަކިކުރުމުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން ޖެހޭނީ މަޖިލީހުގެ ނައިބު ރައީސް ކަމަށް މަޖިލީހުގެ ގަވާއިދުގައި ބަޔާންކުރާތީ ކަމަށް މަޖިލީހުގެ އިދާރާ އިން ނިންމާފައިވާތީ އެވެ.

އެމްޑީޕީގެ ގާނޫނީ ޓީމުން ގަބޫލުކުރާ ގޮތުގައި އަމީންއާންމުގެ ނިންމުން ގާނޫނުއަސާސީގެ 82 ވަނަ މާއްދާ އާއި މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާއާ ހިލާފެވެ. އެއީ މަޖިލީހުގެ ނައިބު ރައީސަށް ރިޔާސަތު ނުބެލެހެއްޓެވޭ ހާލަތެއްގައި ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނެ ބޭފުޅުން މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާތީ އެވެ.

އެއީ މަޖިލީހުގައި އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވި ފަސް މެންބަރުންނެވެ. އެ އުސޫލުގެ ދަށުން ނަޝީދުގެ މައްސަލަ ކުރިއަށް ގެންދަން ޖެހޭނެ ކަމަށް އެމްޑީޕީގެ ގާނޫނީ ޓީމުން ގަބޫލުކުރެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅާފައިވަނިކޮށް، އެ މައްސަލަ ކުރިއަށް ނުގެންގޮސް އެހެން އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭނެކަން މަޖިލީހުގެ ގަވާއިދުގެ 205 މާއްދާގެ (ރ) އެނގޭ ކަމަށް ވެސް އެމްޑީޕީން ހުށަހެޅި މައްސަލާގައި ވެ އެވެ.

އެ މާއްދާގައި ބުނެފައިވާ ގޮތުގައި، އިތުބާރު ނެތް ކަމުގެ ގަރާރެއް ޖަލްސާއަށް ހުށަހެޅުމަށް ފަހު، އެ ވަގުތު މަޖިލީހަށް ހުށަހަޅާފައިވާ އެހެން އެއްވެސް ކަމަކާ މެދު ބަހުސް ކުރެވޭނީ ނުވަތަ ގޮތެއް ނިންމޭނީ އެ ގަރާރާ މެދު ގޮތެއް ނިންމުމަށް ފަހު އެވެ.

ނަޝީދު ވަކި ކުރުމުގެ މައްސަލަ ކުރިއަށް ނުގޮސް، މަޖިލީހުގެ މަސައްކަތްތައް އަނެއްކާ ވެސް ހުއްޓިފައިވާ އިރު، މަޖިލީހުގައި މިހާރު ހުރި މުހިންމު ބިލު ތަކުގެ އިތުރުން، މި އަހަރުގެ ބަޖެޓަށް އިތުރުކުރާ ސަޕްލިމަންޓްރީ ބަޖެޓާއި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ މަސައްކަތް ވެސް ވަނީ ހުއްޓިފަ އެވެ.

މިދިޔަ އާދީއްތަ ދުވަހާއި ހޯމަ ދުވަހު އީވާ ސަލާމުގައި ހުންނެވުމުން، ނަޝީދު ވަކިކުރުމުގެ ގަރާރު ކުރިއަށް ނުގެންދެވެމުން، އެ ގަރާރު ފަހަތަށް ޖައްސައިލުމަށް ފަހު، މި އަހަރަށް އިތުރު ކުރި ސަޕްލިމަންޓްރީ ބަޖެޓާއި އަންނަ އަހަރަށް ލަފާކުރާ ދައުލަރުގެ ބަޖެޓު ހުށަހެޅުން މަޖިލީހުގެ އިދާރާ އިން އަންގާރަ ދުވަހުގެ ޖަލްސާ އަށް އެޖެންޑާ ކުރި އެވެ. އެއީ އެ އިދާރާ އިން ބުނި ގޮތުގައި، މާލިއްޔަތު ގާނޫނުގައިވާ ގޮތުން އޮކްޓޯބަރުގެ ނިޔަލަށް ދެން އަންނަ އަހަރެއްގެ ބަޖެޓު މަޖިލީހަށް ހުށަހަޅަންޖެހޭ އިރު، މިދިޔަ އަންގާރަ ދުވަހަކީ ބަޖެޓް ހުށަހެޅުމަށް ލިބޭނެ އެންމެ ފަހު ދުވަސް ކަމަށް ވާތީ އެވެ.

އެކަމަކު، ނަޝީދުގެ މައްސަލަ ތާވަލް ނުކޮށް، މަޖިލީހުގެ އިތުރު މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ، އެމްޑީޕީ މެމްބަރުން ވަނީ ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް ރިޔާސަތުގައި އިށީނދެވަޑައިގަތުމަށް ހުރަސްއަޅައި، ބަޖެޓް ހުށަހެޅުމުގެ ޖަލްސާ ހުއްޓުވައިފަ އެވެ.

ބަޖެޓު ހުށަހަޅަން މިދިޔަ އަންގާރަ ދުވަހަށް ތާވަލުކުރިޔަސް، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މަޖިލިހަށް ވަޑައިނުގަންނަވަން ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ލަފާ ދެއްވާފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އެހެންވެ، މަޖިލިހަށް ބަޖެޓް ހުށަހެޅުން ވަނީ މަޑުޖެހިފަ އެވެ. ނަމަވެސް، ބަޖެޓްގެ ތަފުސީލްތައް ފިނޭންސް މިނިސްޓްރީން ވަނީ އާންމުކޮށްފަ އެވެ.