Roadha Mihaaru
ދެ ބަޖެޓު ހުށަހަޅަން މާދަމާ އިތުރު ޖަލްސާއެއް

ނަޝީދު ވަކިކުރާ ގަރާރުގެ ކުރިއަށް، ދެ ބަޖެޓު ހުށަހަޅަން އިތުރު ޖަލްސާއެއް މާދަމާ ބާއްވަނީ

12 ނޮވެމްބަރ 2023

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ މަގާމުން ވަކިކުރުމަށް ހުށަހަޅާފައިވާ ގަރާރު އެޖެންޑާކޮށްފައިވާ ޖަލްސާގެ ކުރިއަށް، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާއި މި އަހަރުގެ ބަޖެޓަށް އިތުރުކުރާ ސަޕްލިމަންޓްރީ ބަޖެޓު ހުށަހަޅަން އިތުރު ޖަލްސާއެއް މާދަމާއަށް ތާވަލުކޮށްފި އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ މަގާމުން ވަކިކުރުމަށް ހުށަހަޅާފައިވާ ގަރާރު އެޖެންޑާކޮށްފައިވާ ޖަލްސާގެ ކުރިއަށް، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާއި މި އަހަރުގެ ބަޖެޓަށް އިތުރުކުރާ ސަޕްލިމަންޓްރީ ބަޖެޓު ހުށަހަޅަން އިތުރު ޖަލްސާއެއް މާދަމާއަށް ތާވަލުކޮށްފި އެވެ.

ނަޝީދުގެ ވަކިކުރުމުގެ ގަރާރު މިއަދު ދެ ޖަލްސާއަކަށް އެޖެންޑާކޮށްގެން ވެސް ކުރިއަށް ގެންދެވޭ ގޮތެއް ނުވި އެވެ.

މިއަދު ހެނދުނު 9:00 ގައި ބޭއްވި ފުރަތަމަ ޖަލްސާގައި ރިޔާސަތުން، ނަޝީދުގެ ޑިމޮކްރެޓްސްއަށް ނިސްބަތްވެވަޑައިގަންނަވާ ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް ވަނީ އެ ގަރާރު މަޖިލީހުގެ ގަވާއިދާ ހިލާފު ކަމަށް ނިންމަވައި އެ ގަރާރު ބޭރުކޮށްލައްވައިފަ އެވެ.

އެ ނިންމުން މަޖިލީހުގެ އިދާރާއިން ގަބޫލުނުކުރާތީ މިއަދު ހެނދުނު 11:30 އަށް ދެވަނަ ޖަލްސާއެއް ތާވަލުކުރުމުން، މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވަނީ އަފީފްގެ އެ ނިންމެވުން ދަމަހައްޓަވައި، އެ ގަރާރު ކުރިއަށް ގެންދެވެން ނެތް ކަމަށް ކަނޑައަޅުއްވައިފަ އެވެ.

ނަމަވެސް، އަފީފާއި އީވާގެ ނިންމެވުން ވެސް ގަބޫލުނުކުރާތީ، ނަޝީދު ވަކިކުރުމުގެ ގަރާރު މަޖިލީހުގެ އިދާރާއިން ވަނީ އަލުން އެޖެންޑާކޮށް، މާދަމާ ހެނދުނު 11:00 އަށް ޖަލްސާއެއް ތާވަލުކޮށްފަ އެވެ.

އޭގެފަހުން، ނަޝީދުގެ ވަކިކުރާ ޖަލްސާގެ ކުރިއަށް ހެނދުނު 9:00 ގައި އިތުރު ޖަލްސާއެއް ތާވަލުކޮށް، އަންނަ އަހަރުގެ ބަޖެޓާއި ސަޕްލިމަންޓްރީ ބަޖެޓު ހުށަހެޅުމަށް ތާވަލުކޮށްފަ އެވެ.

ދެ ބަޖެޓު ހުށަހަޅަން މިދިޔަ މަހުގެ 31 ގައި ވެސް އެޖެންޑާކުރި އެވެ. އެކަމަކު ނަޝީދު ވަކިކުރުމުގެ ގަރާރާ މެދު ގޮތެއް ނުނިންމައި، މަޖިލީހުގެ އިތުރު މަސައްކަތެއް ނުކުރެވޭނެ ކަމަށް ބުނެ އެމްޑީޕީން ވަނީ ޖަލްސާއަށް ހުރަސްއަޅައި، ހުއްޓުވައިފަ އެވެ.

ގާނޫނުއަސާސީގެ ދަށުން މަޖިލީހުގެ ގަވާއިދުގައި ބުނަނީ ދެން އަންނަ އަހަރެއްގެ ބަޖެޓު އެ އަހަރެއްގެ ނޮވެމްބަރު މަހުގެ އެއް ވަނަ ދުވަހުގެ ކުރިން ފިނޭންސް މިނިސްޓަރު މަޖިލީހަށް ހުށަހަޅުއްވަންޖެހޭނެ ކަމަށެވެ. ނަމަވެސް، ބަންޑާރަ ނައިބުގެ ލަފާގެ މަތިން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އެ ދުވަހުގެ ޖަލްސާއަށް ވަޑައެއްނުގަންނަވަ އެވެ.

މަޖިލީހުގެ ގަވާއިދުގައި ބުނެފައިވާ ގޮތަށް، މަޖިލީހުގެ ރައީސްގެ މަގާމުން ވަކި ކުރުމުގެ ގަރާރެއް ކުރިއަށްދާ ޖަލްސާގެ ރިޔާސަތު އިންނަވާނީ މަޖިލީހުގެ ނައިބު ރައީސް ކަމަށް މަޖިލީހުގެ އިދާރާއިން ނިންމާފައިވަނީ ގޯސްކޮށް ކަމަށް މާނަކޮށް ދިނުމުގެ އިތުރުން، އެ ގަރާރާ މެދު ގޮތެއް ނުނިންމައި، މަޖިލީހުގެ އިތުރު އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށް ކަނޑައަޅައިދޭން އެމްޑީޕީން ސުޕްރީމް ކޯޓުގައި އެދުނެވެ.

މިދިޔަ ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުން ކުރި ހުކުމްގައި ވަނީ އީވާ ނެތަސް ރިޔާސަތު ބެލެހެއްޓޭނެ ކަމަށް ގަވާއިދުގެ ދަށުން ކަނޑައަޅާފައިވާ މެމްބަރުންނަށް އެފަދަ ޖަލްސާއެއްގެ ރިޔާސަތު ވެސް ބެލެހެއްޓޭނެ ކަމަށެވެ.

ނަމަވެސް، އެ ހުކުމުގައި ބުނީ، ދައުލަތުގެ ބަޖެޓު ފާސްކުރުމާއި ވަޒީރުންގެ މަޖިލީހަށް ރުހުން ދިނުމަކީ ގާނޫނުއަސާސީން މަޖިލީހަށް ލާޒިމުކޮށްފައިވާ ކަންކަމަށްވާތީ، މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރެއް ނުނިންމިޔަސް، އެ ކަންކަން ކުރުމަށް ހުރަހެއް ނެތް ކަމަށެވެ.