14 ނޮވެމްބަރ 2023
ބިން ވިއްކައިގެން ލިބޭނެ ކަމަށް އެޗްޑީސީންް ލަފާކުރި އާމްދަނީ ނުލިބޭ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
ބިން ވިއްކައިގެން ލިބޭނެ ކަމަށް އެޗްޑީސީންް ލަފާކުރި އާމްދަނީ ނުލިބޭ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
ސަޕްލިމެންޓްރީ ބަޖެޓު މިއަދު މަޖިލީހަށް ހުށަހަޅައިދެއްވަމުން އަމީރު ވިދާޅުވީ، ބަޖެޓުން އިތުރަށް ހަރަދު ކުރާ އެންމެ ބޮޑު އަދަދެއް، ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދޭން ޖެހުނު އެއް ސަބަބަކީ ބިން ވިއްކައިގެން ހޯދަން އެޗްޑީސީން ލަފާކުރި އާމްދަނީ ނުލިބުމުން ކަމަށެވެ.
"ހިޔާ ފްލެޓުތަކުގެ ކުލި ކުޑަކުރުމުންނާއި އެޗްޑީސީގެ ކޭޝްފްލޯ ހަމަޖެއްސުމަށް ދައުލަތުން އެ ކުންފުންޏަށް ކެޕިޓަލް ދޭން ޖެހިފައި ވެސް ވޭ. ކެޕިޓަލް ދޫކުރުމަށް ސަޕްލިމެންޓަރީ ބަޖެޓުގައި 611.7 މިލިއަން ރުފިޔާ ހިމަނާފައިވާނެ،" އޭނާ ވިދާޅުވި އެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކަށް 1.2 ބިލިއަން ރުފިޔާ ސަޕްލިމެންޓްރީ ބަޖެޓުން ހަރަދު ކުރަން ކަނޑައަޅާފައިވެ އެވެ. އޭގެ ތެރެއިން އެންމެ ބޮޑު ބައެއް ހޭދަކުރަނީ ފިއުލް ސަބްސިޑީއަށެވެ. ފިއުލް ސަބްސިޑީއަށް ފެނަކަ އާއި ސްޓެލްކޯއަށް 530 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ.
އަމީރު ވިދާޅުވި ގޮތުގައި ކުންފުނިތަކުގެ ވޯކިން ކެޕިޓަލަށް ބޭނުންވާ ފައިސާ ދޫކުރަން ބަޖެޓުން ޓްރެޝަރީ ލޯނަށް އާރުޑީސީއަށް 291.3 މިލިއަން ރުފިޔާ، ދޭން ވަނީ ކަނޑައަޅައިފަ އެވެ.
މިނިސްޓަރު ވިދާޅުވީ، މިއަހަރު ފިއުލް ސަބްސިޑީއަށް 1.8 ބިލިއަން ރުފިޔާ އަރާނެ ކަމަށެވެ. ތެލުގެ ސަބްސިޑީ އެހާ ބޮޑުވީ ބޭރުގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން ކަމަށް ވެސް ވިދާޅުވި އެވެ.
އަމީރު ވިދާޅުވި ގޮތުގައި 6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓުން ބޮޑު ބައެއް އާސަންދައަށް ހޭދަކުރަން ޖެހޭ އިރު އާސަންދައިގެ ހަރަދު އެހާ ބޮޑުވީ، ކޮވިޑް-19 އަށް ފަހު ބޭސްފަރުވާގެ ހިދުމަތް ހޯދުން މަޑުޖެހިފައިވުމަށް ފަހު، މި އަހަރު ރައްޔިތުން ބޭސްފަރުވާގެ އެކިއެކި ހިދުމަތް ހޯދާ މިންވަރު އިތުރުވެފައިވާތީ އެވެ.
"ދެމެހެއްޓިނިވި ގޮތެއްގައި އާސަންދަ ނިޒާމް ހިންގުމަށްޓަކައި ބޮޑެތި ރިފޯމްތަކެއް ގެންނަން ޖެހޭ. ނަމަވެސް، ބޭސްފަރުވާގެ ޔަގީންކަން ރައްޔިތުންނަށް ހޯދައިދިނުމަށް މިއީ މުހިއްމު ދައުރެއް އަދާކުރާ ނިޒާމެއް. މި ނިޒާމުގައި ހިމެނޭ ލީކޭޖްތައް ރަނގަޅުކުރުމަށްޓަކައި މި އަހަރުގެ ތެރޭގައި ބަލްކް ޕްރޮކިއުމަންޓްގެ ދަށުން ބޭސް ހޯދުމުގެ ސިޔާސަތު ފެށުމަށް ރޭވި، ޔޫއެންޑީޕީ އާއެކު ވަނީ ގަނޑުކޮށް ބޭސް ގަތުމުގެ އިންތިޒާމް ހިމެނޭ އެއްބަސްވުމެއް ހަދާފައި،" އޭނާ ވިދާޅުވި އެވެ.
ސަޕްލިމެންޓްރީ ބަޖެޓުން އާސަންދައަށް 1.2 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ.
ކުންފުނިތަކަށް ދޫކުރާ ކެޕިޓަލް އަށް އިތުރުކުރުމަށް ހުށަހަޅާފައިވަނީ މި އަހަރު ކްރޮސް ސަބްސިޑީގެ އުސޫލުގެ ތެރެއިން ދައުލަތަށް ލިބުނު ފައިސާ ކަމަށް އަމީރު ވިދާޅުވި އެވެ.
މިދިޔަ އަހަރު 2023 ވަނަ އަހަރުގެ ބަޖެޓުގެ ގޮތުގައި ފާސް ކުރީ 42.8 ބިލިއަން ރުފިޔާ އެވެ. ބަޖެޓަށް އިތުރު ކުރި އަދަދާ އެކު ޖުމްލަ މި އަހަރުގެ ބަޖެޓު 49.4 ބިލިއަން ރުފިޔާއަށް އަރާނެ އެވެ.
ޑިމޮކްރެޓުންގެ ހަޅޭކުގެ ތެރޭ ދެ ބަޖެޓު ހުށަހަޅައިފި
އަމީރު ބަލިވެ، މަޖިލީހަށް ނުދެވޭނެ ކަން އަންގައިފި
ދެ ބަޖެޓު ހުށަހަޅަން މާދަމާ އިތުރު ޖަލްސާއެއް
ބަޖެޓް ހުށަހަޅަން ވަޑައިނުގަތުމަށް އަމީރަށް ލަފާދީފި
ނަޝީދުގެ މައްސަލައިގެ ބަދަލުގައި ދެ ބަޖެޓް ހުށަހެޅުން
5.1ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓު ފާސްކޮށްފި
ހިލޭ އެހީގެ ގޮތުގައި ލިބުނީ 23 މިލިއަން: ޒަމީރު
ސަޕްލިމެންޓްރީ ބަޖެޓް ކޮމިޓީން ފާސްކޮށްފި
މުސާރަ ކުޑަކުރާއިރު ޕްރޮފެޝަނަލް ސްޓާފުން އިސްތިސްނާވާނެ
ދައުލަތުގެ ދަރަންޏަށް މިއަހަރު 22 ބިލިއަން އިތުރުވާނެ