Roadha Mihaaru
ޝަރީއަތް ނިމެންދެން އަދީބު ބަންދުކުރަން އަލުން އެދެފި

އަދީބު ޝަރީއަތް ނިމެންދެން ބަންދުކުރަން ދައުލަތުން ސުޕްރީމް ކޯޓުގައި އަނެއްކާވެސް އެދެފި

06 އޯގަސްޓް 2019

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ ދެކޮޅަށް ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައިވާ މައްސަލާގެ ޝަރީއަތް ނިމެންދެން އަދީބު ބަންދުގައި ބަހައްޓަން ދައުލަތުން އަނެއްކާވެސް ސުޕްރީމް ކޯޓުގައި މިއަދު އެދިއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ ދެކޮޅަށް ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައިވާ މައްސަލާގެ ޝަރީއަތް ނިމެންދެން އަދީބު ބަންދުގައި ބަހައްޓަން ދައުލަތުން އަނެއްކާވެސް ސުޕްރީމް ކޯޓުގައި މިއަދު އެދިއްޖެ އެވެ.

ޅ. މާބިންހުރާ ކުއްޔަށް ދޫކޮށްގެން ލިބެންޖެހޭ ފައިސާގެ މައްސަލާގައި އަދީބަށް އިއްވި އަށް އަހަރުގެ ޖަލު ހުކުމް ހައި ކޯޓުން ބާތިލްކުރި މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައިވާއިރު، އެ މައްސަލަ ނިމެންދެން އަދީބު ބަންދު ކުރުމަށާއި ޕާސްޕޯޓް ހިފަހައްޓަން ދައުލަތުން ކުރިން އެދުނެވެ. ކޯޓުން މިހާތަނަށް ނެރެދިނީ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެއް އެކަންޏެވެ. އަދި ޝަރީއަތް ނިމެންދެން ބަންދުކުރުމުގެ އަމުރެއް ނެރެ ނުދީ އޮތީ ކުރިން އެހެން ހުކުމެއްގައި އަދީބު ހުންނެވުމުން ކަމަށް ސުޕްރީމް ކޯޓުން ވަނީ ބުނެފަ އެވެ.

ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެއް ނެރެފައި އޮއްވައި އަދީބު ފިލައިގެން ރާއްޖޭން ބޭރަށް ވަޑައިގަންނަވަނިކޮށް އޭނާ ހުއްޓުވައި، މިހާރު ވަނީ ރާއްޖެ ގެނެސްފަ އެވެ. އަދި ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން އޭނާ މިހާރު ހުރީ 15 ދުވަހަށް ބަންދުކޮށްފަ އެވެ.

ދައުލަތުން އިސްތިއުނާފްކުރި މައްސަލައިގެ ޝަރީއަތް ސުޕްރީމް ކޯޓުގައި މިއަދު ފެށުމާ އެކު، ދައުލަތުން ބުނީ އަދީބު ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމުގެ އަމުރަކަށް ކުރިން ވެސް އެދިފައިވާނެ ކަމަށެވެ. މިހާރު އެހެން ބަންދެއްގައި އަދީބު ހުންނެވިޔަސް، އެ ބަންދަށް ކްރިމިނަލް ކޯޓާއި ހައި ކޯޓުން ވެސް ބަދަލެއް ގެނެސްފާނެ ކަމަށާއި އެހެންވެ، ޝަރީއަތް ނިމެންދެން އަދީބު ބަންދުގައި ބަހައްޓަން އެދޭ ކަމަށް ދައުލަތުން ބުންޏެވެ. އަދި ފުރުން މަނާކޮށް ނެރެފައިވާ އަމުރަކާ އަދީބް ޚިލާފްވެފައިވާތީ މި ހާލަތުގައި އެންމެ ރަނގަޅު ވާނީ އަދީބުގެ ބަންދާ މެދު ސުޕްރީމް ކޯޓުން ގޮތެއް ނިންމުން ކަމަށް ވެސް ދައުލަތުން ބުންޏެވެ.

ވަކީލެއް ނެތުމުން، އަމިއްލައަށް ޝަރީއަތުގައި ވާހަކަ ދައްކަވަމުން އަދީބު ވިދާޅުވީ އޭނާ މިހާރު ވެސް ހުންނެވީ އެ މައްސަލައާ ގުޅިގެން ބަންދުގައި ކަމަށާއި އެހެންވެ އިތުރު ބަންދެއް ކުރުމުގެ މާނައެއް ނެތް ކަމަށެވެ. އަދި އޭނާ ރާއްޖެއިން ބޭރަށް ވަޑައިގަތީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތާ ގުޅިގެން ރިޔާސީ ކޮމިޝަނާއި ފުލުހުންނާ ގުޅިގެން ތަހުގީގުކުރާ މައްސަލަ އަށް އެއްބާރުލުން ދޭން ފެށުމުން ލިބެންފެށި އިންޒާރުތަކާ ހެދި ކަމަށް އަދީބު ވިދާޅުވި އެވެ.

މާބިންހުރާގެ މައްސަލަ އަކީ ވެސް އެމްއެމްޕީއާރުސީގެ މައްސަލައިގެ ތެރެއިން އެއް މައްސަލަ ކަން ފާހަގަކުރައްވައި، އަދީބު ވިދާޅުވީ އެ މައްސަލަ އަކީ ތަހުގީގު ފުރިހަމަވެފައި ނުވާ މައްސަލައެއް ކަމަށެވެ. އެ މައްސަލާގައި ކުރިން އޭނާ ޖަލަށްލީ ސިޔާސީ ބޭނުމެއްގައި ކުރީގެ ސަރުކާރުން ކަމަށާއި މިހާރު އެ މައްސަލައިގެ ތަހުގީގު ވެސް ފުރިހަމަ ކުރުމަށްޓަކައި ދައުލަތާ އެކު ހެދި އެއްބަސްވުމުގެ ދަށުން އެއްބާރުލުން ދެއްވާ ކަމަށް އަދީބު ވިދާޅުވި އެވެ.

މާބިންހުރާ މައްސަލައިގެ ތަހުގީގު ފުރިހަމަ ނުވާ ކަމަށް އަދީބު ވިދާޅުވަނީ ކީއްވެގެންތޯ ފަނޑިޔާރުންގެ ބެންޗުން ސުވާލު ކުރެއްވުމުން އަދީބު ވިދާޅުވީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ވެސް އެކަން ފާހަގަކޮށްފައި އެބައޮތް ކަމަށެވެ. އަދި ތަހުގީގު ފުރިހަމަވެފައިވާ ނަމަ، ދައުލަތުން އޭނާއާ އެކު އެއްބަސްވުމެއް ހެދުމުގެ މާނައެއް އެބައޮތްތޯ އޭނާ ސުވާލު އުފެއްދި އެވެ.

އެކަމާ ގުޅިގެން ދައުލަތުން ބުނީ އަދީބާއި ދައުލަތާ ދެމެދު އެއްބަސްވުމެއް އޮތަސް، މާބިންހުރާގެ މައްސަލައަކީ އެ އެއްބަސްވުމުގެ ތެރޭގައި ހިމެނޭނެ މައްސަލައެއް ނޫން ކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައި އޮންނާނެ ކަމަށެވެ. އަދި އެ މައްސަލައިގެ ތަހުގީގު ފުރިހަމަ ވެފައިވާ ކަމަށާއި އެކަން އެނގެނީ އަދީބާ އެކު އެ މައްސަލާގައި ދައުވާކުރި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ޖަލު ހުކުމް ހައި ކޯޓުން ދަމަހައްޓާފައި އޮތުމުން ކަމަށް ދައުލަތުން ބުންޏެވެ.

އަދީބު މިހާރު ބަންދުގައި ހުންނެވީ ފުރުން މަނާ ކުރުމުގެ އަމުރާ ޚިލާފްވި މައްސަލާގައި ތޯ ފަނޑިޔާރުންގެ ބެންޗުން ސުވާލު ކުރެއްވުމުން ދައުލަތުން ބުނީ އެއީ އެހެން މައްސަލައަކާ ގުޅިގެން ކަމަށެވެ. އަދި މިހާރު އޭނާ ދޫކޮށްލައިފި ނަމަ، މުޖްތަމައަށް ނުރައްކާވުމުގެ އިތުރުން ފިލައިގެން ދިއުމުގެ ފުރުސަތު އެބައޮތް ކަމަށް ވެސް ދައުލަތުން ބުންޏެވެ.

އެކަން ދޮގު ކުރައްވައި، އަދީބު ވިދާޅުވީ އޭނާ މިހާރު ވެސް ބަންދުގައި ހުންނެވީ ފުރުން މަނާކުރުމުގެ އަމުރާ ޚިލާފްވި މައްސަލާގައި ކަމަށެވެ. އަދި ވަކީލަކާ އެކު އެ ވާހަކަތައް ކޯޓުގައި ދެއްކުމުގެ ފުރުސަތަކަށް އެދިވަޑައިގެން، އެކަމަށް ދެ ދުވަހުގެ މުއްދަތެއް ދޭން އޭނާ އެދިވަޑައިގަތެވެ.

އެކަމަކު ދައުލަތުން އެދުނީ ވަކީލަކު ހަމަޖެއްސެންދެން ވެސް، މިއަދުން ފެށިގެން އަދީބު ޝަރީއަތް ނިމެންދެން ބަންދުކޮށް ދިނުމަށެވެ. އޭރުން ވަކީލަކާ އެކު ފަހުން ބަންދު އަމުރު ރިވިއުކުރެވިދާނެ ކަމަށް ދައުލަތުން ބުންޏެވެ.

ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ އަދީބުގެ ބަންދާ މެދު ފަނޑިޔާރުން މަޝްވަރާ ކުރެއްވުމަށް ފަހު، އެކަމުގައި ކޯޓުން ނިންމާ ގޮތެއް އަންގަވާނެ ކަމަށެވެ.

މީގެ އިތުރުން އެ މައްސަލައިގެ މައުޟޫއަށް ޖަވާބުދާރީވުމަށް ވަކީލަކު ހަމަޖެއްސުމަށްޓަކައި ވެސް ހަތް ދުވަހުގެ މުއްދަތެއް އަދީބަށް ވަނީ ދެއްވައިފަ އެވެ.

އެ މައްސަލަ ސުޕްރީމް ކޯޓުން ބައްލަވަނީ އުއްތަމަ ފަނޑިޔާރުގެ އިތުރުން ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދެވެ.