Roadha Mihaaru
"އެސްއޯއެފްގެ ވެރިންނަށް ދައުވާ ނުކުރާތީ ހައިރާންވޭ"

އެސްއޯއެފްގެ ވެރިންނަށް ދައުވާ ނުކުރުމުން ހައިރާންވޭ: ސުޕްރީމް ކޯޓު

30 ނޮވެމްބަރ 2021

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތުގެ ފައިސާ ދައުރުކުރި އެސްއޯއެފް ކުންފުނީގެ ވެރިންނަށް ދައުވާ ނުކުރުމުން ހައިރާންވާ ކަމަށް ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގަައި ބުނެފި އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތުގެ ފައިސާ ދައުރުކުރި އެސްއޯއެފް ކުންފުނީގެ ވެރިންނަށް ދައުވާ ނުކުރުމުން ހައިރާންވާ ކަމަށް ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގަައި ބުނެފި އެވެ.

މަނީ ލޯންޑްރިންގެ ކުށުގަައި ޔާމީން ފަސް އަހަރަށް ޖަލަށްލުމާ އެކު، ފަސް މިލިއަން ޑޮލަރު(77 މިލިއަން ރުފިޔާ) އިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމްކުރީ އެސްއޯއެފްއިން އެމަނިކުފާނުގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރުގެ މައްސަލައިގަ އެވެ. އެ ހުކުމަށް ހައި ކޯޓުން މިދިޔަ ފެބުރުއަރީ މަހު ތާއީދު ކޮށްފައި ވަނިކޮށް އެ މައްސަލަ ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުން މިއަދު ވަނީ އެ ހުކުމް ބާތިލްކޮށް، ޔާމީން މިނިވަންކޮށްފަ އެވެ.

ސުޕްރީމް ކޯޓުގެ ހުކުމުގަައިވަނީ އެ މައްސަލާގައި އެސްއޯއެފްއާ ގުޅޭ ތަހުގީގެއް އެކަށީގެންވާ ގޮތަކަށް ކޮށްފައިވާ ކަމަށް ނުބެލެވޭ ކަމަށެވެ. އަދި އެ ކުންފުންޏަކީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ދައުރުކޮށް، މަނީ ލޯންޑާކުރި އެންމެ ވަރުގަދަ ފަރާތް ކަމަށް ދައުލަތުން ތަކުރާރުކޮށް ބުނާއިރު، އެ ކުންފުނީގެ އިސް ފަރާތްތަކަށް ދައުވާ ނުކުރަން ދައުލަތުން ނިންމާފައި އޮތުމަކީ ހަައިރާން ވާންޖެހޭ ކަމެއް ކަމަށް ވެސް އެ ހުކުމުގައި ބުނެފައިވެ އެވެ.

"އަހުރެން ހައިރާންވީ އެސްއޯއެފް ކުންފުންޏަކީ އެމްއެމްޕީއާރުސީގެ މައްސަލާގައި މަނީ ލޯންޑާކުރުމަށް ބޭނުންކުރި އެންމެ ވަރުގަދަ އާލާތް ކަމަށް ދައުލަތުން ތަކުރާރުކޮށް ބުނުމަށްފަހު އެ ކުންފުނީގެ އިސް ފަރާތްތަކަށް ދައުވާ ވެސް ނުކުރުމަށް ނިންމާފައިވާ ވާހަކަ ބުނުމުންނެވެ." އެ ހުކުމުގައިވެ އެވެ.

ހުކުމުގައިވާ ގޮތުން ފައިސާ ޖަމާކުރުމުގައި ހަރަކާތްތެރިވި މީހުންގެ ހެކިބަަސް ނަގަން މަސައްކަތް ވެސް ކޮށްފައެއް ނުވެ އެވެ. އަދި އެގޮތަށް މަސައްކަތްކުރި ނަމަ، ދައުލަތަށް ފަހިވާ ގޮތަށް އެކަން ފާހަގަ ކުރެވުނީސް ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވެ އެވެ.

ސުޕްރީމް ކޯޓުގެ ހުކުމުގަައި އެގޮތަށް ފާހަގަ ކުރިއިރު، ދައުލަތުން ވަނީ އެސްއޯއެފްގެ ވެރިންނަށް ދައުވާ ނުކުރަން ނިންމައިފަ އެވެ. އެގޮތަށް އެކަންކުރީ ތަހުގީގަށް ބޭނުންވާ މައުލޫމާތާއި ހެކި ހޯދުމުގެ ގޮތުން ކަމަށް ދައުލަތުން ކުރިން ބުނެފައިވެ އެވެ.