Roadha Mihaaru
ޔާމީނާ ދެކޮޅު އާ ހެކިތައް ބަލައިގަންނަން ސުޕްރީމްކޯޓަށް

ޔާމީންގެ މައްސަލާގައި އާ ހެކިތައް ބަލައިގަނެވޭނެ ކަމަށް ބުނެ ޕީޖީން ސުޕްރީމް ކޯޓަށް

28 ޖުލައި 2024

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމް ބާތިލްކޮށް، މައްސަލަ އަލުން ބަލަން ހައި ކޯޓުން އެންގި އެންގުމުގައި ޔާމީނާ ދެކޮޅަށް ފަހުން ހުށަހެޅި އާ ހެކިތައް ބަލައިގަނެވޭނެ ކަމަށް ކަނޑައަޅަން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމް ބާތިލްކޮށް، މައްސަލަ އަލުން ބަލަން ހައި ކޯޓުން އެންގި އެންގުމުގައި ޔާމީނާ ދެކޮޅަށް ފަހުން ހުށަހެޅި އާ ހެކިތައް ބަލައިގަނެވޭނެ ކަމަށް ކަނޑައަޅަން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން 11 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ޑިސެމްބަރު 2022 ގައި ކުރި ހުކުމް ހައި ކޯޓުން ބާތިލްކުރީ ޔާމީނާ ދެކޮޅަށް ދައުލަތުން ފަހުން ހުށަހެޅި އާ ހެކިތަކެއް ބަލައިނުގަނެވޭނެ ކަމަށް ނިންމުމަށް ފަހު އެވެ. އެ ހެކިތައް އެއް ފަރާތް ކުރުމަށް ފަހު، އެ މައްސަލަ އަލުން ބެލުމަށް ހައި ކޯޓުން ދަށު ކޯޓަށް އަމުރުކުރި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ އާ ހެކިތައް ބަލައިނުގަނެވޭނެ ކަމަށް ހައި ކޯޓުން ނިންމާފައިވާ ނިންމުމަކީ ސުޕްރީމް ކޯޓުގެ ކުރީގެ ނިންމުންތަކާ ފުށުއަރާ ނިންމުންތަކެއް ކަމަށެވެ. އެހެންވެ، އެ މައްސަލަ އިސްތިއުނާފް ކުރުމުގެ ހުއްދައަށް އެދި ސުޕްރީމް ކޯޓަށް މިދިޔަ ބުދަ ދުވަހު ހުށަހަޅާފައިވާނެ ކަމަށް އެ އޮފީހުން ބުންޏެވެ. އެ މައްސަލާގައި އެދިފައިވާނީ އެ ހެކިތައް ބަލައިގަތުމާ މެދު ދަށު ކޯޓުން އަލުން ގޮތެއް ނިންމަން ޖެހޭނެ ކަމަށް ކަނޑައަޅައި ދިނުމަށް ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

ޕީޖީ އޮފީހުން ބުނިގޮތުގައި އެގޮތަށް އެދުނު ނަމަވެސް އެ މައްސަލަ އަލުން ބަލަން ޖެހޭނެ ކަމަށް ހައި ކޯޓުން ނިންމާފައިވާ ނިންމުމަށް ބަދަލެއް ނާންނާނެ އެވެ.

ޔާމީންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ވެސް ރިޝްވަތު ދިނުމުގައި ކުށުގައި ތިން އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ. އެ ހުކުމް ވެސް ހައި ކޯޓުން ބާތިލްކޮށް، އެންގީ އެ މައްސަލަ އަލުން ބެލުމަށެވެ.