Roadha Mihaaru
ހުކުމް ފަސްކުރުމަކީ ގާނޫނު ދަންނަ ކަމެއް ނޫން: ޕީޖީ

ޖަލު ހުކުމް ތަންފީޒުކުރުން ފަސްކުރުމަކީ ގާނޫނު ދަންނަ ކަމެއް ނޫން: ޕީޖީ އޮފީސް

09 އޯގަސްޓް 2023

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޖަލު ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރަކަށް ހައި ކޯޓުގައި އެދިފައިވީ ނަމަވެސް އެއީ ޖިނާއީ އަދުލުގެ ނިޒާމު ދަންނަ ކަމެއް ނޫން ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ) އިން މިއަދު ބުނެފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޖަލު ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރަކަށް ހައި ކޯޓުގައި އެދިފައިވީ ނަމަވެސް އެއީ ޖިނާއީ އަދުލުގެ ނިޒާމު ދަންނަ ކަމެއް ނޫން ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ) އިން މިއަދު ބުނެފި އެވެ.

އާރަށް ކުއްޔަށް ދިން މައްސަލާގައި މަނީލޯންޑްރިން އަދި ރިޝްވަތު ގަބޫލުކުރިކަމުގެ ކުށް ސާބިތުވެ، ޔާމީންގެ މައްޗަށް ވަނީ 11 އަހަރުގެ ޖަލު ހުކުމަކާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާގެ ހުކުމެއް އިއްވައިފަ އެވެ. އެ ހުކުމް ޔާމީން ތަންފީޒު ކުރަމުންދާއިރު މައްސަލާގެ އިސްތިއުނާފު ހައި ކޯޓުގައި ވަނީ ފަށައިފަ އެވެ.

އެ ހުކުމް ތަންފީޒު ކުރުން ފަސްކުރަން ހައި ކޯޓުގައި ޔާމީންގެ ފަރާތުން އެދިފައިވާއިރު، ޕީޖީ އޮފީހުގެ އިސް އޮފިޝަލަކު ވިދާޅުވީ، އެއީ ގާނޫނު ދަންނަ ކަމެއް ނޫން ކަމަށެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނާއި ގަވައިދުގައި ވެސް ކޯޓުގެ އުސޫލަކުން ވެސް އެކަން ބަޔާންކޮށްފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކަމަށް އެދެން ފޯމެއް ވެސް ނެތީ އެއީ ކުރެވޭ ކަމަކަށް ނުވާތީ. ނުކުރެވޭނެ ކަމަކަށް އެދިގެން ވެސް ނުވާނެ. އެއީ ކޯޓުން ބަލައިގަންނާނެ ކަމެއް ވެސް ނޫން. ގަވައިދުން ހުއްދަ ކުރާނެ ކަމެއް ވެސް ނޫން،" އޮފިޝަލް ވިދާޅުވި އެވެ.

އެކަމަކު، ޔާމީންގެ ވަކީލުން ގަބޫލު ކުރައްވާ ގޮތުގައި އެއީ އޮތް ފުރުސަތެކެވެ. ނަމަވެސް އެކަމަށް އެދޭނެ ފޯމެއް ނެތްކަން އެ ވަކީލުން ވެސް ފާހަގަކުރައްވަ އެވެ.

ޔާމީންގެ ވަކީލް އަބްދުﷲ ސިޔާޒު ނެރުއްވި ބަޔާނެއްގައި ވާ ގޮތުން ޖިނާއީ މައްސަލަތަކާ ގުޅޭ ހައި ކޯޓުގެ ފޯމުތަކުގެ ތެރޭގައި ހުކުމް ތަންފީޒުކުރުން ފަސްކުރަން އެދޭނެ ފޯމެއް ނެތެވެ. އެހެންވެ، މިދިޔަ މެއި މަހު ހުކުމް ތަންފީޒުކުރުން ފަސްކުރުން އެދިފައި ވާނީ ސިޓީއަކުން ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ ފަހުން މި ހަފުތާގައި ޔާމީންގެ ފަރާތްޕުޅުން ވަނީ މަދަނީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ތައްޔާރު ކޮށްފައިވާ މަދަނީ މައްސަލަތަކުގައި ހުކުމް ތަންފީޒު ކުރުން ފަސްކުރުމަށް އެދި ހުށަހަޅާ ފޯމު ހައި ކޯޓަށް ހުށަހަޅައިފަ އެވެ. މަދަނީ މައްސަލަތަކުގައި ހުކުމް ތަންފީޒުކުރުން ފަސްކުރުމަކީ ގާނޫނާއި މަތީ ކޯޓުތަކުގެ ނިންމުންތަކުގައި ވެސް އޮތް އިޖުރާއަތެކެވެ.

ޔާމީންގެ މައްޗަށް މިދިޔަ އަހަރުގެ ޑިސެމްބަރު 25 ގައި އިއްވާފައިވާ ޖަލު ހުކުމާ އެކު މަދަނީ އުގޫބާތެއްގެ ގޮތުން ޖޫރިމަނާއެއް އޮތް ނަމަވެސް، މަދަނީ އިޖުރާއަތުގެ ފޯމުގެ ދަށުން އެކަމަށް އެދެވިދާނެ ކަމާ މެދު ވެސް ވަނީ ސުވާލު އުފެދިފަ އެވެ. ޖިނާއީ މައްސަލަތަކުގައި އިއްވާ ހުކުމް ތަންފީޒު ކުރުމުގެ އިހުތިސާސް އޮތީ ސިވިލް ކޯޓަށް ކަމަށް ވާތީ، މުއްދަތުގައި ފައިސާ ދައްކާފައި ނުވާތީ އެ ފައިސާ ހޯދުމަށް ދައުލަތުން މިހާރު ވަނީ ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ.

ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އިޖުރާއަތެއް ނެތް: ސުޕްރީމް ކޯޓު

ސުޕްރީމް ކޯޓުން ވެސް މީގެ ކުރިން ކަނޑައަޅާފައިވާ ގޮތުގައި ޖިނާއީ މައްސަލަތަކުގައި އަމަލުކުރާ ހާއްސަ ގާނޫނު ކަމަށްވާ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ހުކުމް ތަންފީޒު ކުރުން ފަސްކުރުމުގައި އަމަލު ކުރާނެ ގޮތެއް ނެތެވެ. ޖިނާއީ އަދުލުގެ ނިޒާމްގެ ތެރޭގައި އެހެން ގާނޫނެއްގައި ވެސް އެފަދަ އިޖުރާއަތެއް ނެތެވެ.

އެކަން އެގޮތަށް ކަނޑައަޅާފައި ވަނީ ގއ. ވޮޑަމުލާގެ މައްސަލާގައި ޔާމީންގެ މައްޗަށް އިއްވި ޖަލު ހުކުމާއި ޖޫރިމަނާގެ ހުކުމް ތަންފީޒު ކުރުން ފަސްކުރުމަށް އެދުނު މައްސަލާގައި އެ ކޯޓުން އިއްވި ހުކުމްގަ އެވެ.

ޖަލު ހުކުމް ތަންފީޒު ކުރުން ފަސްކުރެވެން ނެތް ނަމަވެސް، ސުޕްރީމް ކޯޓުން އޭރު ވަނީ ޖޫރިމަނާގެ ފައިސާ ދެއްކުން ފަސްކޮށްފަ އެވެ. ޖޫރިމަނާގެ ފައިސާ ހޯދުމަށް ދައުލަތުން މަދަނީ މައްސަލައެއް ހުށަހަޅާފައިވާ ނަމަ އެ މައްސަލައެއް ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅަން ދެން ކުރިއަށް ނުގެންދުމަށް އަމުރު ކޮށްފައި ވެ އެވެ.