Roadha Mihaaru
އިންތިޚާބާގުޅޭ މައްސަލަ ހުށަހެޅުމުން ސަލީމަށް ފާޑުކިޔުން

"ޖޭއެސްސީގެ މެމްބަރަކު ވަކާލާތު ކުރައްވަން ވަޑައިގަތުމަކީ އަޚުލާގީ މައްސަލައެއް"

10 އޮކްޓޯބަރ 2018

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން އައްޔަން ކުރައްވާފައިވާ މެމްބަރަކު، ރިޔާސީ އިންތިޚާބާ ގުޅޭ މައްސަލައެއްގައި އެމަނިކުފާނުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ވަޑައިގަތުމަކީ މަސްލަހަތު ފުށުއަރާ ކަމެއް ކަން ފާހަގަކޮށް، ބައެއް ގާނޫނީ ވަކީލުން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން އައްޔަން ކުރައްވާފައިވާ މެމްބަރަކު، ރިޔާސީ އިންތިޚާބާ ގުޅޭ މައްސަލައެއްގައި އެމަނިކުފާނުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ވަޑައިގަތުމަކީ މަސްލަހަތު ފުށުއަރާ ކަމެއް ކަން ފާހަގަކޮށް، ބައެއް ގާނޫނީ ވަކީލުން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބާ ގުޅޭ ދުސްތޫރީ މައްސަލައެއް، އެ އިންތިޚާބުގައި ބޮޑު ތަނުން ބަލިވި، ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް ޔާމީންގެ ފަރާތްޕުޅުން ރާއްޖޭގެ އެންމެ މަތީ ކޯޓަށް ހުށަހެޅުއްވީ ޖޭއެސްސީއަށް އެމަނިކުފާނު އައްޔަން ކުރައްވާފައިވާ މުހައްމަދު ސަލީމް (ރޭނިސް) އެވެ.

ފަނޑިޔާރުންނާ ގުޅޭ ކަންކަން ބަލާ މިނިވަން މުއައްސަސާ އަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ގާނޫނީ ވަކީލް ސަލީމް އައްޔަން ކުރެއްވީ މި އަހަރުގެ ޖުލައި 31 ގަ އެވެ.

ޖޭއެސްސީ އަކީ ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބަލައި ފިޔަވަޅު އަޅާ ކޮމިޝަން ކަމަށް ވާއިރު، ބައެއް ގާނޫނީ ވަކީލުން ބުނާ ގޮތުގައި އެފަދަ ކޮމިޝަނެއްގައި ހުންނަވާ ބޭފުޅަކު ވަކާލާތު ކުރައްވަން ކޯޓުތަކަށް ވަޑައިގަތުމަކީ އަޚުލާގީ މައްސަލަ އެކެވެ.

މިހާރު އަމަލުކުރާ ގާނޫނު އުގޫބާތު އެކުލަވައިލުމުގައި އިސްކޮށް އުޅުއްވި އަދި ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ، ސުލޫކީ މައްސަލާގައި ފަނޑިޔާރުންނާ މެދު ފިޔަވަޅު އަޅަން ތިއްބަވާ ބޭފުޅުން، އެ ފަނޑިޔާރުންގެ ކުރިފުޅު މައްޗަށް ވަކާލާތު ކުރައްވަން ވަޑައިގަތުމަކީ ރާއްޖޭގެ ގާނޫނީ ނިޒާމު މަސައްކަތް ކުރާ ގޮތަށް ބަލާއިރު، ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ. އެއީ އިންސާފާ މެދު އޮންނަ އިތުބާރު ގެއްލޭނެ ކަމެއް ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ.

"އޭނާ [ޖޭއެސްސީގެ މެމްބަރު] މި ދަނީ ވަކާލާތު ކޮށްފައި ފިޔަވަޅު އަޅަން ވެސް. އެއް ކަމަކީ އޭގެ ސަބަބުން ތައައްސަބު އުފެދުން. އަނެއް ކަމަކީ ތައައްސަބު އުފެދޭ ކަން މީހުންނަށް ގަބޫލު ކުރެވުން. އެހެންވީމާ އެއީ ވެސް މައްސަލައެއް،" ޝަމީމް ވިދާޅުވި އެވެ.

ޖޭއެސްސީގައި ތިއްބަވާ މެމްބަރުން އެ މަގާމުގައި ތިިއްބަވާ މުއްދަތުގައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ވަކާލާތު ކުރުން މަނާ ކުރުމަށް މީގެ ކުރިން ހުށަހެޅި ނަމަވެސް އެގޮތަށް ކަނޑައަޅާފައެއް ނުވެ އެވެ. އެހެންވެ، އެއީ ގާނޫނީ ގޮތުން މަނާ ކަމެއް ނޫނެވެ.

ގާނޫނީ ވަކީލް ސުއޫދާއި ހުސައިން ޝަމީމް-- ފޮޓޯ: މިހާރު

ގާނޫނީ ވަކީލް ސުއޫދާއި ހުސައިން ޝަމީމް-- ފޮޓޯ: މިހާރު

ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު ވިދާޅުވީ، ޖޭއެސްސީގެ މެމްބަރަކު އެފަދަ މައްސަލައެއްގައި ރައީސްގެ ފަރާތްޕުޅުން ވަކާލާތު ކުރައްވަން ވަޑައިގަތުމަކީ އަޚުލާގީ ގޮތުން ބަލާ ނަމަ ރަނގަޅު ކަމެއް ނޫން ކަމަށެވެ.

ސަބަބެއް ކަމަށް ސުއޫދު ވިދާޅުވީ، އެއީ ނުފޫޒު ފޯރުވޭނެ މަގާމެއްގައި ހުންނެވި ބޭފުޅެއް ކަމަށް ރައްޔިތުންނަށް ގަބޫލު ކުރެވުމެވެ. އަދި، އެއީ މަސްލަހަތު ފުށުއަރާ ކަމެއް ކަމަށް ސުއޫދު ވިދާޅުވި އެވެ.

ސުޕްރީމް ކޯޓަށް މިއަދު މައްސަލަ ހުށަހެޅުއްވުމަށް ފަހު، މީޑިއާއާ ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ، ގާނޫނީ ތަރަހައަށް ބަލާއިރު، ޖޭއެސްސީގެ މެމްބަރެއްގެ ގޮތުގައި ހުންނަވައިގެން ވެސް ކޯޓުތަކަށް ތަފާތު މައްސަލަތަކުގައި ވަޑައިގެންނެވޭނެ ކަމަށެވެ. އަދި އެހެން މައްސަލަތަކުގައި ވަކާލާތު ކުރެއްވޭ ނަމަ، ރައީސް ޔާމީންގެ ފަރާތްޕުޅުން ކޯޓަށް ވަޑައިގެންނެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއީ ވެސް ދިވެހި ފަރުދެއް. ދިވެހި ރައްޔިތެއް އެއީ. އެހެންވީމާ، އެމަނިކުފާނުގެ ފަރާތްޕުޅުން ވެސް އަޅުގަނޑަށް ކޯޓުތަކަށް ގޮސް އުޅުމުގެ ހައްގު އޮންނާނެ ކަމަށް އަޅުގަނޑު ދެކެނީ. އެހެންވިއްޔާ އެހެން ދިވެހި ރައްޔިތުންގެ ފަރާތުން ވެސް އަޅުގަނޑަށް ކޯޓަށް ގޮސް ނޫޅެވޭނެ. އެހެންވީމާ ގާނޫނީ އެއްވެސް ހުރަހެއް ނެތް،" ސަލީމް ވިދާޅުވި އެވެ.

އިންތިހާބާ ގުޅޭ ދުސްތޫރީ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅި ސަބަބެއް ކަމަށް ސަލީމް ވިދާޅުވެފައި ވަނީ، ރައީސް ޔާމީންގެ ސަޕޯޓަރުންގެ ފަރާތުން ލިބިފައިވާ ޝަކުވާތަކަށް ބަލާއިރު، އެ ކޯޓަށް ހުށަހަޅަން ޖެހޭ ކަމަށް ފެނިވަޑައިގަންނަވާތީ ކަމަށެވެ.

އެ މައްސަލާގައި އެދިފައިވަނީ އިންތިހާބު ބާތިލްކޮށް ދިނުމަށް ތޯ ނުވަތަ ނޫން ތޯ ވަނީ ސާފުވާގޮތް ނުވެފަ އެވެ.