Roadha Mihaaru
52 މިލިއަންގެ މައްސަލަ:ޕީޖީން ސުޕްރީމް ކޯޓަށް ނުދާނެ

ޔާމީންގެ 52 މިލިއަންގެ މައްސަލަ: ޕީޖީން ސުޕްރީމް ކޯޓަށް ނުދާނެ

16 އެޕްރީލް 2023

ވ. އާރަށް މައްސަލާގައި ދައުލަތަށް 52 މިލިއަން ރުފިޔާ ދައްކަން ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އެންގި އަމުރު ހައި ކޯޓުން ބާތިލްކުރި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ނުކުރާނެ ކަމަށާއި އެކަމަކު ހައި ކޯޓުގައި އެކަން ފާހަގަ ކުރާނެ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ވ. އާރަށް މައްސަލާގައި ދައުލަތަށް 52 މިލިއަން ރުފިޔާ ދައްކަން ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އެންގި އަމުރު ހައި ކޯޓުން ބާތިލްކުރި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ނުކުރާނެ ކަމަށާއި އެކަމަކު ހައި ކޯޓުގައި އެކަން ފާހަގަ ކުރާނެ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.

އާރަށް ކުއްޔަށް ދިން މުއާމަލާތާ ގުޅިގެން ރިޝްވަތާއި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވެގެން 11 އަހަރުގެ ޖަލު ހުކުމެއް ޔާމީނަށް އިއްވާފައި ވަނިކޮށް 52 މިލިއަން ރުފިޔާ ދައުލަތަށް ދައްކަން ކްރިމިނަލް ކޯޓުން އެންގީ ލޯންޑާކުރި ފައިސާ ދައުލަތަށް ނެގުމުގެ ގޮތުންނެވެ.

އެ އަމުރު ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ އެ އަމުރު ބާތިލްކޮށްފަ އެވެ. އެފަދަ ނިންމުންތައް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަންޖެހޭ މުއްދަތު ވެސް މިހާރު ވަނީ ހަމަވެފަ އެެވެ.

އެކަމާ ގުޅިގެން ޕީީޖީ ޝަމީމް "މިހާރު" އަށް ވިދާޅުވީ އެ ފައިސާ ދައުލަތަށް ނަގަން ދައުވާ ކުރި އިރު ވެސް އެދިފައިވާނެ ކަމަށެވެ. އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ނުކުރިޔަސް، އާރަށް މައްސަލާގެ އިސްތިއުނާފް ހައި ކޯޓުގައި ކުރިއަށް ދާއިރު ދައުލަތުން އެކަންކަން ފާހަގަ ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޕީޖީ އޮފީހުން ގޯހެއް ހަދާފައެއް ނެތް،" ޝަމީމް ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި ޔާމީން ޖަލަށްލާން ކުރި ހުކުމުގައި، އެ ފައިސާ ދައުލަތަށް ނެގުމުގެ ބައި ނެތުމުން ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް ސިޓީ ފޮނުވީ ކުރިއަށް ދާންވީ އިޖްރައާތު ސާފު ކުރުމަށެވެ. އެހެންވެ، ކްރިމިނަލް ކޯޓުން ނިންމީ އިތުރު އަމުރެއްގެ ދަށުން އެ ފައިސާ ދައްކަން އެންގުމަށެވެ.

ހައި ކޯޓުން ނިންމީ ގާނޫނު އޮތްގޮތުން އެފަދަ މުދަލާއި ފައިސާ ހުކުމްކުރާ ވަގުތު ދައުލަތަށް ނަގަން އަމުރު ކުރަންޖެހޭ ކަމަށެވެ. ހުކުމް ކުރިތާ ދެ މަހަށް ވުރެ ގިނަ ދުވަސް ފަހުން އެފަދަ އަމުރެއްގެ ދަށުން ފައިސާ ދައްކަން އެންގުމަކީ ގާނޫނާ ހިލާފް ކަމެއް ކަމަށް ހައި ކޯޓުން ނިންމި އެވެ.

ފައިސާ ދައްކަން އެންގި އަމުރު ބާތިލް ކުރިޔަސް، ޔާމީން ޖަލަށްލާން ކުރި ހުކުމް އަދިވެސް ދެމިއެބައޮތެވެ. އެ މައްސަލާގެ އިސްތިއުނާފް އަޑުއެހުންތައް ހައި ކޯޓުން އަދި ނުފަށަ އެވެ.