Roadha Mihaaru
އިތުބާރު ކުރަންޖެހޭ ޖުޑިޝަރީގެ ހާލަތު!

އެންމެން އިތުބާރު ކުރަންޖެހޭ ޖުޑިޝަރީގެ ހާލަތު!

03 މެއި 2018

"... ދިވެހި ދައުލަތުގެ ހައްގުގައި އަޅުގަނޑު މިއަދު ހުރިހާ ބޭފުޅުންނަށް ދަންނަވަން ވެއްޖެ ކޮންމެ ފަރާތަކުން، ޚާއްސަކޮށް ސުޕްރީމް ކޯޓުން އަމުރެއް އައި ނަމަވެސް އެ އަމުރަކީ ސައްހަ އަމުރެއްތޯ، ގާނޫނީ ހުދޫދުގެ ތެރޭގައި، އެ ބޭފުޅުންގެ އިޚްތިސާސްގެ ތެރެއިން އައި އަމުރެއްތޯ ވިސްނައި ފިކުރުކޮށް އަޑު އުފުލުމުގެ ޖާގަ އެބަ އޮތް." މިއީ، ފެބްރުއަރީ 6 ވަނަ ދުވަހުގެ ރޭ ޕީޕީއެމްގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އަބްދުﷲ ޔާމީން ވިދާޅުވި ވާހަކަކޮޅެކެވެ.

އަހުމަދު އަބުދުﷲ ސައީދު އަހުމަދު އަބުދުﷲ ސައީދު

"... ދިވެހި ދައުލަތުގެ ހައްގުގައި އަޅުގަނޑު މިއަދު ހުރިހާ ބޭފުޅުންނަށް ދަންނަވަން ވެއްޖެ ކޮންމެ ފަރާތަކުން، ޚާއްސަކޮށް ސުޕްރީމް ކޯޓުން އަމުރެއް އައި ނަމަވެސް އެ އަމުރަކީ ސައްހަ އަމުރެއްތޯ، ގާނޫނީ ހުދޫދުގެ ތެރޭގައި، އެ ބޭފުޅުންގެ އިޚްތިސާސްގެ ތެރެއިން އައި އަމުރެއްތޯ ވިސްނައި ފިކުރުކޮށް އަޑު އުފުލުމުގެ ޖާގަ އެބަ އޮތް." މިއީ، ފެބްރުއަރީ 6 ވަނަ ދުވަހުގެ ރޭ ޕީޕީއެމްގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އަބްދުﷲ ޔާމީން ވިދާޅުވި ވާހަކަކޮޅެކެވެ.

"މިއަދު އެބަ އޮތް އެ ޖާގަ. ކޮބައިތޯ އަޅުގަނޑުމެން އެ ބޭފުޅުންނަށް މި ދިން ކަރާމާތް. ...ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީ ސިޔާސީ މީހުން ވީމާ، އޮންނަ ގޮތް ނޫން ގޮތަކަށް ސިޔާސީ ވިސްނުމުގައި، ސިޔާސީ ބޭނުމުގައި ކަންކަން ބަދަލު ކުރާނެ. އެއީ އިޚްތިޔާރު. އެކަން ކުރެވޭނެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް. އެކަމު މާތް ކަލާކޯ! ﷲ ގަންދީ ހުވާ ކޮށްގެން ތިބެ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ސިކުނޑިއަށް ސިޔާސީ ވިސްނުން ވަނުމަކީ، ނަޢޫޒު ބިﷲ. އެއީ އަޅުގަނޑުމެންގެ ގައުމުގެ ހަލާކު."

ވެރިކަމުގައި ހަތަރު އަހަރާއި 76 ވަނަ ދުވަހު، މި އަހަރުގެ ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރެއްގެ ސަބަބުން އެ މަނިކުފާނަށް އެކަން ރެއަކާލިއެއް ކަމަކު ދިވެހި ރައްޔިތުން އެ ވާހަކަ ދައްކާތާ ކިތަންމެ އަހަރެކެވެ. ސިޔާސީ ދައުވާތައް ކޮށް ސިޔާސީ ހުކުމްތައް އިއްވާތީ، ދިވެހި އާންމު ފަރުދުން، މާތް ކަލާކޯއޭ ގޮވާތާ ކިތަންމެ އަހަރެއް ވެއްޖެ އެވެ. ޝަރީއަތެއް ކުރުމެއް ނެތި، ކުށެއް ސާބިތުވުމަކާ ނުލައި އެތައް އަހަރެއް ވަންދެން ޖަލުގައި ގެންގުޅޭތީ، އާންމު ރައްޔިތުން ނައޫޒު ބިﷲ ކިޔާތާ ކިތަންމެ އަހަރެއް ވެއްޖެ އެވެ.

ކިތަންމެ ފަހުން ވިޔަސް، ރައީސް ޔާމީނަށް ވެސް އެކަން ގަބޫލުފުޅު ކުރައްވަން ޖެހިވަޑައިގެން ކަން، އެއްގޮތަކަށް ވެސް އެކަން ގަބޫލުފުޅު ނުކުރެއްވުމަށް ވުރެ ރަނގަޅެވެ. އަދި އަމުދުން، އާންމު ރައްޔިތުންގެ ކުރިމަތީގައި އެކަމަށް އިއުތިރާފްވެވަޑައިގަތުން މާ ބޮޑަށް ވެސް ރަނގަޅެވެ.

އެ ރޭގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސް ވިދާޅުވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ސިކުނޑި އަށް ސިޔާސީ ވިސްނުން ވަދެގެން ހުކުމްތައް ނެރޭ ހާލަތަށް ދިޔައިމާ، "މިހާރު އެ ބޭފުޅުން އަމިއްލަ އަށް ތައުބާ ވާން އެބަޖެހޭ" ކަމަށެވެ.

ފެބްރުއަރީ 6 ވަނަ ދުވަހުގެ ރޭ ޕީޕީއެމުން ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ. --ފޮޓޯ: ނިޝާން އަލީ/މިހާރު

ފެބްރުއަރީ 6 ވަނަ ދުވަހުގެ ރޭ ޕީޕީއެމުން ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ. --ފޮޓޯ: ނިޝާން އަލީ/މިހާރު

ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު ބޮޑު އަމުރުގެ މައިތިރިއެއްގެ ގޮތުން، އެ މަހުގެ 5 ވަނަ ދުވަހު ރައީސް ޔާމީން، އިއުލާން ކުރެއްވީ ކުއްލި ނުރައްކަލުގެ ހާލަތެވެ. އަދި ސިފައިންނާއި ފުލުހުން ސުޕްރީމް ކޯޓުގެ ތެރެއަށް ވަދެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި އެ ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކުރި އެވެ. އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އެހެން ބައެއް ބޭފުޅުން ހައްޔަރު ކުރުމަށް ފަހު އެ ހުރިހާ ބޭފުޅުންގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ދައުލަތުން ކުރެ އެވެ.

ރިޝްވަތު ހިފުމާއި ގާނޫނީ އިމުގެ ބޭރުން ވެރިކަން ބަދަލުކުރަން އުޅުމުގެ ކުށުގައި އެ ބޭފުޅުންގެ މައްޗަށް މިހާރު ވަނީ ޓެރަރިޒަމްގެ ދައުވާ ކޮށްފަ އެވެ. އެ ތުހުމަތުތައް ސާބިތުކުރުމަށް ދައުލަތުން ހުށަހަޅަން ހުރީ ސިއްރު ހެކިވެރިންތަކެކެވެ. ހެއްކާއި ހެކިވެރިން ހުށަހެޅުމަށް ކްރިމިނަލް ކޯޓުން ދިން މުއްދަތު މިއަދު މެންދުރު 12 އަށް ހަމަވާ އިރު، ބައެއް ސިއްރު ހެކިވެރިން ތަހުގީގަށް ދިން ބަޔާންތައް އޭގެ 48 ގަޑިއިރު ކުރިން މި ވަނީ ސޯޝަލް މީޑިއާގައި ލީކު ކޮށްލައިފަ އެވެ.

ލީކު ކޮށްލި ބަޔާންތަކުން ވެސް އެނގިގެން ދަނީ، މުޅި ދިވެހި ދައުލަތް އެ ނިޒާމަކަށް އެންމެ އިތުބާރު ކުރަންޖެހޭ ޝަރުއީ ނިޒާމުގެ ތެރޭގައި ހާވަމުންދާ ހަޑިތަކެވެ. ޝަރުއީ ނިޒާމުގެ ތެރެއަށް ކޮރަޕްޝަނާއި ފަސާދަ އާއި ސިޔާސީ ނުފޫޒު ވަދެ، މުޅި ނިޒާމު ގަޑުބަޑު ކޮށްފައި އޮތް ވަރެވެ.

ސިވިލް ކޯޓާއި ކްރިމިނަލް ކޯޓަކީ، އަދުލު އިންސާފުގެ ނިޒާމުގެ ތެރޭގައި އެންމެ ގިނަ މައްސަލަތަކާ މެދު ފައިސަލާ ކުރާ ދެ ކޯޓެވެ. އެ ދެ ކޯޓުގެ ގާޒީންނަށް އެންމެ މަތީ ކޯޓުން ފޯރުވަމުންދާ ނުފޫޒުތައް ކިތަންމެ ރަނގަޅަކަށް ވެސް، އެ އޮތީ ފެންނާށެވެ. ހަމައެކަނި ނުފޫޒު ފޯރުވަނީކީ ނޫނެވެ. ދަށު ކޯޓުގެ ގާޒީން ކަނޑައަޅުއްވަން ޖެހޭ ހުކުމްތައް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ލިޔުއްވާ ހިސާބަށް ދިޔައިމާ މިއަށް ވެސް ކިޔަންވީ ޝަރުއީ ނިޒާމު ކަމަށް ހެއްޔެވެ؟

"އަޅުގަނޑަކަށް ނޭނގެ މިއަށް ކިޔާނީ އަދުލު އިންސާފު ގާއިމުކުރުން ކަމެއް ނުވަތަ ޖުޑީޝަލް ގޭމެއް ކުޅެނިއްޔޭ ކަމެއް. ޝަރުއީ ނިޒާމު މި އޮންނަނީ ތިން މަރުހަލާއަކަށް ބަހާލާފައި. އެއީ އެންމެ ދަށު ކޯޓުތަކުން ކުރާ ހުކުމްތައް އިތުރަށް މުރާޖައާ ކުރަން ޖެހިއްޖެ ނަމަ އެކަން ކުރުމަށް އޮންނަ މަތީ މަރުހަލާގެ ދެ ކޯޓާ އެކު. އެހެންވީމާ، ދަށު ކޯޓުން ކުރަންވީ ހުކުމްތައް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ލިޔެފައި ދޭން ވެއްޖެއްޔާ، އިސްތިއުނާފް މަރުހަލާގެ ބޭނުން ކެނޑުނީ ނޫންތޯ! އެ ގޮތަށް ކަންތައް ކުރަން ފެށީމާ، ދެން ކޮން އަދުލު އިންސާފެއްތޯ ގާއިމު ކުރެވޭނީ،" ރާއްޖޭގެ ގާނޫނީ ވަކީލަކު ވިދާޅުވި އެވެ.

ރިޝްވަތު ހިފައިގެން ވެރިކަން ވައްޓާލަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުންނެވި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ކޯޓަށް ގެންދިއުމަށްޓަކައި ޕޮލިސް ލޯންޗުގައި މާލެ ގެންނަނީ. --ފޮޓޯ: ހުސައިން ވަހީދު/މިހާރު

ރިޝްވަތު ހިފައިގެން ވެރިކަން ވައްޓާލަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުންނެވި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ކޯޓަށް ގެންދިއުމަށްޓަކައި ޕޮލިސް ލޯންޗުގައި މާލެ ގެންނަނީ. --ފޮޓޯ: ހުސައިން ވަހީދު/މިހާރު

އޭނާ ވިދާޅުވި ގޮތުގައި ލީކުވެފައިވާ ބަޔާންތަކަށް ބަލާއިރު، ސިވިލް ކޯޓާއި ކްރިމިނަލް ކޯޓުން ނެރެފައިވާ އަދި ނެރެމުންދާ އަމުރުތަކާ މެދު އިތުބާރު ކުރުމުގެ ފުރުސަތު ވަރަށް ކުޑަވެއްޖެ އެވެ. އަދި ރައީސް ޔާމީން ވިދާޅުވި ފަދައިން، ޝަރުއީ ނިޒާމުގެ ތެރެއިން ނެރޭ އަމުރުތަކާއި ހުކުމްތަކަކީ، ގާނޫނީ ހުދޫދުގެ ތެރޭގައި ނެރޭ އަމުރުތަކެއްތޯ، ނުވަތަ ވަކި ފަރާތަކުން އަންގާ ގޮތަކަށް ނެރޭ އަމުރުތަކެއްތޯ ސުވާލު އުފެއްދުމުގެ ޖާގަ މިއަދު ކޮންމެ ފަރުދަކަށް ވެސް އެބަ އޮތެވެ.

ފެބްރުއަރީ 1ގެ އަމުރާ ގުޅިގެން ސަރުކާރުން ތުހުމަތު ކުރި ގޮތުގައި، ރިޝްވަތުގެ މުޑުދާރު މަޅީގައި ފަނޑިޔާރުން ޖައްސައިގެން ޝަރުއީ ނިޒާމުގެ ތެރެއަށް ނުފޫޒު ފޯރުވަމުން ދިޔައީ، އިދިކޮޅު ސިޔާސީ ފަރާތްތަކެވެ. އޭގެ ތެރޭގައި ކުރީގެ ރައީސުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ވިޔަފާރިވެރިން ހިމެނޭ ކަމަށް ސަރުކާރުން ބުނެ އެވެ.

ފަހަރެއްގައި އެއީ ވެސް ތެދަކަށް ވެދާނެ އެވެ. ނަމަވެސް ސުވާލަކީ، ޝަރުއީ ނިޒާމުގެ ތެރެއަށް ރިޝްވަތާއި ނުފޫޒު ވަނީ، ފެބްރުއަރީ 1ގެ އަމުރާ ގުޅިގެން ހެއްޔެވެ؟ އޭގެ ކުރީގައި އެއީ ޒަމްޒަމް ފެންހާ ތޯހިރު ނިޒާމެއް ހެއްޔެވެ؟

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާ ދެކޮޅަށް ދަށު ކޯޓުތަކުގެ ބައެއް ފަނޑިޔާރުން ތަހުގީގަށް ބަޔާންތައް ދީފައިވާ އިރު، އެ ބަޔާންތަކުން ކިތަންމެ ކަމެއް އެބަ ހާމަވެ އެވެ. އެންމެ ފުރަތަމަ ކަމަކީ، ތިމާމެންގެ ޒިންމާއަކީ އަދުލު އިންސާފު ގާއިމުކުރުން ކަމުގައި ވިޔަސް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އަންގާހާ ގޮތަކަށް އަމަލުކުރަން ޖެހިލުން ނުވާ ގާޒީންތަކެއް ތިބި ކަމެވެ. ދެ ވަނަ ކަމަކީ ފަނޑިޔާރުން ކުރައްވައިގެން ތިއްބެވި ހުވާގެ މަތިން އެ ބޭފުޅުން ހަނދާން ނެތް ކަމެވެ.

އެ ބަޔާންތަކުން އެނގޭ ގޮތުގައި ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ދަށު ކޯޓުތަކަށް ނުފޫޒު ފޯރުވަނީ ސަރުކާރުން ސުޕްރީމް ކޯޓަށް އަންގާ އެންގުންތަކާ އެއް ގޮތަށެވެ. އަދި އިދިކޮޅު ފަރާތްތަކުގެ ނުފޫޒުގައި ވެސް ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ދަށު ކޯޓުތަކަށް ނުފޫޒު ފޯރުވާފައި އެބަހުއްޓެވެ.

ހަގީގަތުގައި ދެ ގާޒީއަކު ތަހުގީގަށް ދެއްވާފައިވާ ބަޔާންތަކަކީ ހަމައެކަނި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާ ދެކޮޅަށް ބޭނުންކުރެވޭނެ ބަޔާންތަކެއް ނޫނެވެ. އެއީ އެ ބަޔާންތައް ދެއްވި ފަނޑިޔާރުންނާ ދެކޮޅަށް ވެސް ބޭނުންކުރެވޭ ވަރުގެ ބުރަދަން ހުރި ބަޔާންތަކެކެވެ.

ދިވެހިރާއްޖޭގެ ކޯޓުތަކަކީ އަދުލު އިންސާފު ގާއިމުކުރުމުގެ ބާރު ކަމަށް ގާނޫނުއަސާސީގެ ހަތް ވަނަ މާއްދާގައި ބުނުމަށް ފަހުގައި، އަށް ވަނަ މާއްދާގައި ބުނެފައިވަނީ، ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ހިންގާން ވާނީ ގާނޫނުއަސާސީގައިވާ ގޮތުގެ މަތީން ކަމަށެވެ.

ރިޝްވަތު ހިފައިގެން ވެރިކަން ވައްޓާލަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުންނެވި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ކޯޓަށް ގެންދިއުމަށްޓަކައި ޕޮލިސް ލޯންޗުގައި ގެނެސް މާލެ އަށް ބާލަނީ. -- ފޮޓޯ: ނިޝާން އަލީ/މިހާރު

ރިޝްވަތު ހިފައިގެން ވެރިކަން ވައްޓާލަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުންނެވި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ކޯޓަށް ގެންދިއުމަށްޓަކައި ޕޮލިސް ލޯންޗުގައި ގެނެސް މާލެ އަށް ބާލަނީ. -- ފޮޓޯ: ނިޝާން އަލީ/މިހާރު

"އަމިއްލަ ފަރުދަކު ވިޔަސް، ދައުލަތުގެ ކަމެއް ހިންގުމާ ހަވާލުވެ ހުރި މީހަކު ވިޔަސް، ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވައި ހަދައިގެން ނުވާނެ އެވެ،" ގާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ނ) ގައި ބުނެފައިވެ އެވެ.

އެހެންކަމުން، ވަކި މީހަކާ ދެކޮޅަށް ވަކި ގޮތަކަށް ހުކުމް ކުރުމަށް، ވަކި މީހެއްގެ މައްސަލައިގައި ވަކި ގޮތަކަށް އަމުރު ނެރުމަށް އަންގައި، ހުކުމްތައް ބަދަލުކުރަން މަޖުބޫރު ކުރުމަކީ، އެއް ކޯޓަކުން އަނެއް ކޯޓަކަށް ވެސް ކުރެވިގެން ވާނެ ކަމެއް ނޫންކަން ގާނޫނުއަސާސީން ކަނޑައެޅިގެން އެނގެ އެވެ. އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވިދާޅުވިޔެއް ކަމަކު، އެ ގޮތަކަށް އަމުރެއް ނުވަތަ ހުކުމެއް ބަދަލުކޮށްގެން ވެސް ނުވާނެ އެވެ.

ގާނޫނުއަސާސީގެ 142 ވަނަ މާއްދާގައި ވަރަށް ސާފުކޮށް ބުނެފައި އޮންނަނީ، ފަނޑިޔާރުންނަކީ މުސްތަގިއްލު ބައެއް ކަމަށާއި ފަނޑިޔާރުން އަމަލު ކުރާނީ ގާނޫނުއަސާސީ އާއި ގާނޫނަށް ކަމަށެވެ. އަދި ފަނޑިޔާރުންގެ މަސައްކަތުގައި ގާނޫނުއަސާސީ އާއި ގާނޫނާ އެއްގޮތަށް ކަންތައްތައް ނިންމާންވާނީ ވަކި ފަރާތަކަށް ބުރަ ނުވެ، ވަކި ފަރާތަކުން ދައްކައިފާނެ ބިރަކަށް ޖެހިލުން ނުވެ، ތައައްސުބުން އެއްކިބާވެ ތިބެ ކަމަށެވެ.

"ދެން ކިހިނެއްތޯ ވަކި ގޮތަކަށް ހުކުމް ކޮށްފައި ގާޒީ ބުނާނީ ތިމަންނާ އަށް މަތިން އެންގި ގޮތޭ، ތިމަންނާ އަށް އެ ގޮތަށް ނިންމަން މަޖުބޫރުވިއްޔޭ. އަޅުގަނޑެއް ގަބޫލެއް ނުކުރަން މަޖުބޫރު ހާލަތުގައި ހުކުމްކުރަން އެ މަގާމުގައި ތިބެންޖެހޭނެ ކަމަކަށް. ތިމާގެ ކިބައިގައި އެވަރުގެ އިތުބާރާއި ހިތްވަރާއި ކެރުން ނެތް ކަމަށް ވަންޏާ، ވަކި ބަޔަކު ބުނާހާ ގޮތެއް ހަދައިގެން މީހުންގެ ހައްގުތަކަށް އަރައިގަންނަން ނުތިއްބަވާ އެހެން ވަޒީފާއަކަށް ވަޑައިގަންނަވަންވީ ނޫންތޯ!" މަޖިލީހުގެ ކުރީގެ މެމްބަރަކު ވިދާޅުވި އެވެ.

ފަނޑިޔާރުގެ އަށް ފާޑު ކިޔުމަށް އާންމު ރައްޔިތުންގެ ދޫތަކުގައި ހިފައި ދެމީ ވެސް ހަމަ ކޯޓުތަކުންނެވެ. އެކަމަށް ހިތްވަރު ދިން އެއް ހުކުމަކީ ފެބްރުއަރީ 1ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރެވެ. ޝަރުއީ ދާއިރާ އަށް ސިޔާސީ ނުފޫޒު ވަދެފައި އޮތް ކަމަށާއި ހުކުމްތައް ނެރުމުގައި ގާނޫނުތަކަށާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ނުހިތާ ކަން، ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން އެ އަމުރުގައި އޮތީ ނިންމައިފަ އެވެ.

ފެބްރުއަރީ 1ގެ ބޮޑު އަމުރަކީ ވެސް އޭގެ ޒާތުގައި، ދިވެހި ދައުލަތުގެ ޝަރުއީ ނިޒާމުގެ ބަތާނަ ނިކަން ރަނގަޅަށް ބޭޒާރުވި އަމުރެކެވެ. އެ އަމުރުގެ ފަސް ވަނަ ނަންބަރުގައި މައިގަނޑު ފަސް ކަމަކަށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން އިއްތިފާގުވެ ވަޑައިގެންފައިވެ އެވެ. އެއީ؛ (1) އެ އަމުރުގައި ހިމަނާފައިވާ ނުވަ ބޭފުޅުންގެ މައްޗަށް ދައުވާކޮށް ޝަރީއަތް ހިންގާފައިވަނީ ސިޔާސީ ސަބަބުތަކަށްޓަކައި ކަމާއި، (2) އެ ބޭފުޅުންގެ މައްޗަށް ތަހުގީގު ހިންގީ ގާނޫނުއަސާސީ އާއި ރާއްޖެ ބައިވެރިވެފައިވާ އިންސާނީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާތަކާ ޚިލާފަށް ކަމާއި، (3) އެ ބޭފުޅުންގެ މައްޗަށް ދައުވާކުރީ ގާނޫނާ ޚިލާފަށް ހިންގި ތަހުގީގުތަކެއްގެ މައްޗަށް ބިނާކޮށް ކަމާއި، (4) އެ ބޭފުޅުންގެ މައްޗަށް ހުކުމްކޮށްފައިވަނީ، ދައުވާ އުފުލާ ފަރާތަށާއި ފަނޑިޔާރު ގެ އަށް ނުފޫޒު ފޯރުވައިގެން ގާނޫނީ އިޖުރާއާތުތަކާ ޚިލާފަށް ކަމެވެ.

ބަނޑޮސް އައިލެންޑް ރިސޯޓްގައި ސެޕްޓެމްބަރު 14، 2017ގައި ބޭއްވި ފަނޑިޔާރުންގެ މަހާސިންތާގައި ޝަރުއީ ދާއިރާގެ ބައެއް ބޭފުޅުން. ޝަރުއީ ދާއިރާއާ މެދު ރައްޔިތުންގެ އިތުބާރު ވަނީ އާލާކުރަން ޖެހިފައި. --، ފޮޓޯ:ނިޝާން އަލީ/މިހާރު

ބަނޑޮސް އައިލެންޑް ރިސޯޓްގައި ސެޕްޓެމްބަރު 14، 2017ގައި ބޭއްވި ފަނޑިޔާރުންގެ މަހާސިންތާގައި ޝަރުއީ ދާއިރާގެ ބައެއް ބޭފުޅުން. ޝަރުއީ ދާއިރާއާ މެދު ރައްޔިތުންގެ އިތުބާރު ވަނީ އާލާކުރަން ޖެހިފައި. --، ފޮޓޯ:ނިޝާން އަލީ/މިހާރު

ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވަނީ ސިޔާސީ އިދިކޮޅު ފަރާތްތަކުން ކަމަށް ސަރުކާރުން ބުނާ އިރު، ސުޕްރީމް ކޯޓުގެ ބޮޑު އަމުރުން، މަންޒަރުގެ އަނެއް ފަރާތް ވެސް ފެނެ އެވެ. އެ އަމުރުގައި، މިނިވަންކުރުމަށް ދައުލަތުގެ މައްޗަށް އަންގާފައިވަނީ އިދިކޮޅު ސިޔާސީ ނުވަ ބޭފުޅެކެވެ. އެއީ، އެ ބޭފުޅުންގެ މައްޗަށް ޝަރީއަތް ހިންގާފައިވަނީ ސިޔާސީ ސަބަބުތަކަށްޓަކައި ކަމަށްވާތީ އެވެ. އަދި އެ ބޭފުޅުންގެ މައްޗަށް ތަހުގީގު ހިންގީ ގާނޫނުއަސާސީ އާއި ރާއްޖެ ބައިވެރިވެފައިވާ އިންސާނީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާތަކާ ޚިލާފަށް ކަމަށް ވާތީ ވެސް މެ އެވެ.

ހަމަ އެފަދައިން އެ ނުވަ ބޭފުޅުންގެ މައްޗަށް ދައުވާކުރީ ގާނޫނާ ޚިލާފަށް ހިންގި ތަހުގީގުތަކެއްގެ މައްޗަށް ބިނާކޮށް ކަމަށް ވެފައި އެ ބޭފުޅުންގެ މައްޗަށް ހުކުމްކޮށްފައިވަނީ، ދައުވާ އުފުލާ ފަރާތަށާއި ފަނޑިޔާރު ގެ އަށް ނުފޫޒު ފޯރުވައިގެން ގާނޫނީ އިޖުރާއާތުތަކާ ޚިލާފަށް ކަމަށް ވެސް އެ އަމުރުގައިވެ އެވެ.

އެ ނުވަ ބޭފުޅުންނަކީ އިދިކޮޅު ބޭފުޅުންތަކެއް ކަމަށް ވާއިރު، އެ ބޭފުޅުންނާ ދެކޮޅަށް ތަހުގީގުތަކެއް ކުރުމަށް ތަހުގީގީ އިދާރާތަކަށް ނުފޫޒު ފޯރުވާނީކީ އިދިކޮޅު ފަރާތްތަކަކުން ނޫނެވެ. ސަރުކާރުންނެވެ. އަދި އެ ބޭފުޅުން ދިގު މުއްދަތަކަށް ޖަލަށް ލުމަށް ހުކުމް ކުރުމަށްޓަކައި، ދައުވާ އުފުލާ ފަރާތް ކަމަށްވާ ޕްރޮސެކިއުޓާ ޖެނެރަލަށާއި ފަނޑިޔާރު ގެ އަށް ނުފޫޒު ފޯރުވާނީކީ ވެސް އިދިކޮޅު ފަރާތްތަކަކުން ނޫނެވެ. ސަރުކާރުންނެވެ.

އެ ބޭފުޅުންގެ މައްޗަށް ތަހުގީގު ކޮށް ޝަރީއަތް ހިންގަމުން ދިޔަ މަރުހަލާގައި، އެ ބޭފުޅުން ވެސް އަދި އެބޭފުޅުންގެ ވަކީލުން ވެސް ވަނީ ތަހުގީގާއި ޝަރީއަތް ހިނގަނީ އެ ފަދަ ނުފޫޒުތަކެއްގެ ތެރޭގައި ކަމަށް ތުހުމަތު ކުރައްވައިފަ އެވެ.

ހަމަ އެފަދައިން، އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދާ ދެކޮޅަށް ހެކިބަސް ދިނުމަށް ތަހުގީގަށް ބަޔާން ދިނުމަށް ފަހު، އެ ބަޔާން ލީކުވުމުން، އެ ބަޔާން އަނބުރާ ގެންގޮސްފައިވާ މީހެއްގެ ބަޔާނުން ވެސް އެނގެނީ، ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަނީ ހަމައެކަނި އިދިކޮޅު ފަރާތްތަކުން ނޫން ކަމެވެ. އެ ދެ ބޭފުޅުންނަށް ފްލެޓްތަކެއް ގަނެދިނުމަށް ކޮށްފައިވާ މުއާމަލާތްތަކުގައި، މުލީއާގޭގެ ޗީފް އޮފް ސްޓާފް ބައިވެރިވި ކަމަށް، އެ ބަޔާނުގައި ބުނެފައި އެބަ އޮތެވެ. މުލީއާގޭގެ ޗީފް އޮފް ސްޓާފް އަކީ ހަމަ ގައިމު ވެސް އިދިކޮޅު ސިޔާސީ ބޭފުޅެއް ނޫނެވެ.

ފެބްރުއަރީގެ 1ގެ އަމުރުން އެނގޭ އަނެއް ކަމަކީ، ސިޔާސީ ނުފޫޒުތަކުން އެއްވެސް ކޯޓެއް މިނިވަންވެފައި ނުވާ ކަމެވެ. އޭގެ ތެރޭގައި ދަށު ކޯޓުތަކާއި މަތި މަރުހަލާގެ ދެ ކޯޓު ވެސް ހިމެނެ އެވެ. ސަބަބަކީ، އެ އަމުރުގައި މިނިވަންކުރުމަށް ބުނެފައިވާ ނުވަ ބޭފުޅުންގެ ތެރެއިން ބައެއް ބޭފުޅުންނަކީ، ޝަރުއީ ނިޒާމުގެ ތިން މަރުހަލާގައި ވެސް ކުށް ސާބިތުވެފައިވާ ބޭފުޅުން ކަމަށްވެފައި، އެ ބޭފުޅުންގެ މައްޗަށް ހުކުމްކޮށްފައިވަނީ، ދައުވާ އުފުލާ ފަރާތަށާއި ފަނޑިޔާރު ގެ އަށް ނުފޫޒު ފޯރުވައިގެން ގާނޫނީ އިޖުރާއާތުތަކާ ޚިލާފަށް ކަމަށް އެ އަމުރުގައި ކަނޑައަޅާފައިވާތީ އެވެ.

ފަސް ފަނޑިޔާރުންގެ އިއްތިފާގުން ފެބްރުއަރީ 1ގައި ނެރުނު އަމުރުގައި، ސިޔާސީ ބޭފުޅުންތައް މިނިވަން ކުރުމަށް އަންގާފައި އޮތް ބައި، ފެބްރުއަރީ 6 ވަނަ ދުވަހު ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އަމުރަކުން ވަނީ ބާތިލު ކޮށްފަ އެވެ. އެ ބައި ބާތިލު ކުރުމަށް ނެރުނު އަމުރުގައި ބުނެފައިވާ ގޮތުގައި، އެ ބައި ބާތިލުކުރީ، ފެބްރުއަރީ 1ގެ އަމުރާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ކަންތަކަށް ރިއާޔަތް ކުރުމަށް ފަހު އެވެ. އޭގެ މާނައަކީ ކޮބައިތޯ އެވެ؟

ނަމަވެސް ފެބްރުއަރީ 6ގެ އަމުރުގައި ވެސް، ޝަރުއީ ދާއިރާއަށް ސިޔާސީ ނުފޫޒު ފޯރާ ކަމަށް، ފެބްރުއަރީ 1ގެ އަމުރުގައި ބުނެފައި ހުރި ވާހަކަތައް ނަފީކޮށް އިންކާރު ކޮށްފައެއް ނުވެ އެވެ. އަދި ބާތިލުކުރީ ވެސް ފެބްރުއަރީ 1ގެ އަމުރު އެކުގައެއް ނޫނެވެ. އޭގެ ދެ ބަޔެކެވެ.

މި ހުރިހާ ކަމަކުން ވެސް އެނގެނީ، ގާނޫނުއަސާސީ އާއި ގާނޫނުތަކުގައި ކިތަންމެ ރީއްޗަށް ދައުލަތުގެ ތިން ބާރު ވަކިކޮށްދީ، ދައުލަތް ހިންގުމުގެ ނިޒާމު ކިތަންމެ ފުރިހައަކަށް ތަރުތީބު ކޮށްދީފައި އޮތެއް ކަމަކު، އެކަން ތަންފީޒު ކުރަން ތިބި މީހުންގެ ކިބައިގައި ނަޒާހަތްތެރިކަން ނެތް ނަމަ، މުޅި ނިޒާމު ބޮއްސުންލާނެ ކަމެވެ. މިއަދު އަޅުގަނޑުމެން ތަޖުރިބާ ކުރަމުން މިދަނީ އެކަމެވެ.