Roadha Mihaaru
"ޕީޕީއެމް ރައީސް ކޮބައިތޯ ސުޕްރީމް ކޯޓުގައި އަހާނަން"

ޕީޕީއެމްގެ ރައީސް ކޮބައިތޯ ސުޕްރީމް ކޯޓުގައި ސުވާލުކުރާނަން: ސުއޫދު

23 އޮކްޓޯބަރ 2016

ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގެ ޒިންމާތައް އެ ޕާޓީގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީނާ ހަވާލުކުރަން ސިވިލް ކޯޓުން ކުރި ހުކުމް ދަމަހައްޓަން ހައި ކޯޓުން މިއަދު ކުރި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރައްވާނެ ކަމަށް ޕީޕީއެމްގެ ރައީސް، މައުމޫން އަބްދުލްގައްޔޫމްގެ ވަކީލް ހުސްނުއްސުއޫދު މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ހައި ކޯޓުން މިއަދު ހުކުމް ކުރީ، ޕީޕީއެމްގައި ރައީސް މައުމޫން އަދާކުރައްވާ ޒިންމާތައް އެ ޕާޓީގެ މުސްތަޝާރާ ހަވާލުކުރަން ސިވިލް ކޯޓުން ކުރި ހުކުމް ރަނގަޅު ކަމަށެވެ.

ކުރީގެ ބަންޑާރަ ނައިބު ސުއޫދު "މިހާރު" އަށް ވިދާޅުވީ ހައި ކޯޓުގެ ހުކުމުން ޕީޕީއެމްގެ ރައީސް މައުމޫން އިންސާފުން މަހްރޫމްވެފައިވާ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެހެންވެ، އިންސާފު ހޯދުމުގެ އެންމެ މަތީ މަރުހަލާގެ ކޯޓުގައި މައްސަލަ އިސްތިއުނާފް ކުރައްވައި "ޕީޕީއެމްގެ ރައީސް ކޮބައިތޯ ސުޕްރީމް ކޯޓުގައި ސުވާލުކުރާނަން" ކަމަށް ސުއޫދު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ބަލަނީ އައްބާސް އަށް ވުރެ ކުރިން މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅޭތޯ،" ހައި ކޯޓަށް މައްސަލަ ވެއްދި މީހާ އަށް އިޝާރާތް ކުރައްވައި ސުއޫދު ވިދާޅުވި އެވެ.

ޕީޕީއެމްގެ ރައީސް މައުމޫން: އެ ޕާޓީގައި އެމަނިކުފާނު އަދާކުރެއްވި ހުރިހާ ޒިންމާތަކެއް ޕީޕީއެމްގެ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީނާ ހަވާލު ކުރަން ސިވިލް ކޯޓުގެ ހުކުމަށް ހައި ކޯޓުން ވެސް ވަނީ ތާއީދުކޮށްފައި. --ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

މައުމޫނާ ދެކޮޅަށް، ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދާއި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ކުރި ހުކުމް ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކުރީ ޕީޕީއެމްގެ އަމިއްލަ މެމްބަރެއް ކަމަށްވާ އައްބާސް ވާފިރެވެ. އެނގިފައިވާ ވާފިރަކީ ވެސް، ރައީސް ޔާމީންގެ ފެކްޝަންގެ ބޭފުޅެކެވެ.

ހައި ކޯޓުގައި ކުރިއަށް ގެންދިޔަ އިސްތިއުނާފް މަރުހަލާގައި މައުމޫންގެ ވަކީލުން ވަނީ، ޕީޕީއެމްގެ އަސާސީ ގަވާއިދުގައި ޕާޓީ ހިންގުމުގެ އަދި ސިޔާސަތު ކަނޑައެޅުމުގައި އެއްވެސް ޒިންމާއެއް ނެތް، މުސްތަޝާރާ ޕާޓީ ހަވާލުކޮށްފައިވާތީ ގާނޫނީ ސުވާލުތަކެއް އުފައްދަވައިފަ އެވެ.

ސުއޫދު ވިދާޅުވީ މަސްލަހަތު ނެތް ފަރާތަކުން އިސްތިއުނާފްކުރި މައްސަލައިގެ ހުކުމް އިއްވާފައިވާއިރު މައުމޫންގެ ފަރާތްޕުޅުން ޝަރީއަތުގެ މަޖިލީހުގައި ފާޅުކުރި ކަންބޮޑުވުންތަކާއި ނުކުތާތަކަށް ވެސް ރިއާޔަތްކޮށްފައިވާ ކަމަށް ގަބޫލުނުކުރެއްވޭ ކަމަށެވެ. މައުމޫނަށް ރައްދުވާ މައްސަލައެއް، އުސޫލްތައް މުގުރާލުމަށް ފަހު، އެމަނިކުފާނަށް ވުރެ ކުރިން އިސްތިއުނާފްކޮށް، އިންސާފަށް މަލާމާތް ރައްދުކޮށްފައިވާ ކަމަށް ސުއޫދު ވިދާޅުވި އެވެ.

މައުމޫންގެ ވަކީލް ހުސްނުއް ސުއޫދު (ވ) އާއި މައުމޫން ފެކްޝަންގެ ބައެއް ބޭފުޅުން މިއަދު ހައި ކޯޓުން ނުކުމެވަޑައިގަންނަވަނީ. --ފޮޓޯ މުހައްމަދު ޝަރުހާން

މައުމޫންގެ ވަކީލް ހުސްނުއް ސުއޫދު (ވ) އާއި މައުމޫން ފެކްޝަންގެ ބައެއް ބޭފުޅުން މިއަދު ހައި ކޯޓުން ނުކުމެވަޑައިގަންނަވަނީ. --ފޮޓޯ މުހައްމަދު ޝަރުހާން

މިއަދު ހުކުމް އިއްވާފައި މިވަނީ އައްބާސް ހުށަހެޅި މައްސަލައިގަ އެވެ.

"މައްސަލަ އިސްތިއުނާފް ކުރުމުގެ ހައްގުން މައުމޫން މި ވަނީ މަހްރޫމްވެވަޑައިގެންފައި. އެމަނިކުފާނު އިސްތިއުނާފް ކުރެއްވި މައްސަލަ އަށް ވީ ގޮތެއް ނޭނގޭ،" ސުއޫދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މައުމޫން އިސްތިއުނާފް ކުރެއްވި މައްސަލަ ނިމެންދެން، އަމިއްލަ ފަރާތަކުން ހުށަހެޅި މައްސަލައިގެ ހުކުމް އިއްވުން ފަސްކޮށްދޭން އެދި މައުމޫންގެ ފަރާތްޕުޅުން ހައި ކޯޓަށް ވަނީ ސިޓީއެއް ވެސް ފޮނުވައިފަ އެވެ. އެކަމަކު ހުކުމް އިއްވާފައި މިވަނީ، މައުމޫންގެ ފަރާތްޕުޅުން އެގޮތަށް އެދިފައި އޮއްވައި ކަން ވެސް ސުއޫދު ފާހަގަކުރެއްވި އެވެ.

"އެހެންވީމަ މިހާރު މިވީ ގޮތުން މައުމޫން ހުށަހެޅުއްވި މައްސަލައިގެ މުއާލާތް ވެސް ކެނޑުނީ،" ސުއޫދު ވިދާޅުވި އެވެ.

ހައި ކޯޓުން އެ މައްސަލަ ބެލި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައި ވަނީ ދަށު ކޯޓުގެ ހުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.

ރައީސް ޔާމީންގެ ފެކްޝަންގެ ވަކީލު އިބްރާހީމް ރިޒާ އާއި އެހެން ބައެއް ބޭފުޅުން ހައި ކޯޓުން ނުކުމެވަޑައިގަންނަވަނީ. --ފޮޓޯ މުހައްމަދު ޝަރުހާން

ރައީސް ޔާމީންގެ ފެކްޝަންގެ ވަކީލު އިބްރާހީމް ރިޒާ އާއި އެހެން ބައެއް ބޭފުޅުން ހައި ކޯޓުން ނުކުމެވަޑައިގަންނަވަނީ. --ފޮޓޯ މުހައްމަދު ޝަރުހާން

ހުކުމް އިއްވެވުމުގެ ކުރިން، މައްސަލަ ބެލި ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި އިސް ފަނޑިޔާރު އަބްދުﷲ ދީދީ ވިދާޅުވީ ޕީޕީއެމްގެ އަސާސީ ގަވާއިދާ އެއްގޮތަށް ޕާޓީގެ ކައުންސިލް ބައްދަލުވުންތައް ބާއްވަން މައުމޫން ދެކޮޅު ހެއްދެވި ކަން އެނގޭއިރު އެކަމަށް މަގްބޫލު އުޒުރެއް ދެއްކިފައި ނެތް ކަމަށެވެ. މައުމޫންގެ އެ އަމަލުތަކުގެ ސަބަބުން ޕީޕީއެމްގެ ހިންގުމަށް ހުރަސް އެޅިގެންދާއިރު އެ ހާލަތުގައި އެކަމަށް ކޯޓުން ހައްލެއް ހޯދައި ދެވިދާނެ ކަމަށާއި އެއީ ޕާޓީތަކުގެ ހިންގުމާ ކޯޓުތަކުން ބެހުން ކަމަށް ނުބެލެވޭނެ ކަމަށް އިސް ފަނޑިޔާރު ވިދާޅުވި އެވެ.

އިސް ފަނޑިޔާރު އަބްދުﷲ ވިދާޅުވީ ޕާޓީގެ ކައުންސިލް ބައްދަލުވުންތައް ބާއްވަން މައުމޫން ދެކޮޅު ހައްދަވާއިރު އެ ހާލަތުގައި ޕާޓީ ހިންގުން ރައީސް ޔާމީނާއި ހަވާލު ކުރުމަކީ އެންމެ މަސްލަހަތު ހުރިގޮތެވެ. ސަބަބަކީ ބައްދަލުވުން ބާއްވަން ޕާޓީގެ ރައީސް ދެކޮޅު ހަދާއިރު ޕާޓީގެ ނައިބު ރައީސަކަށް ހުރި އަބްދުއްރަހީމް އަބްދުﷲ އެ މަގާމުން ވަކިކޮށްފައިވާތީ ބައްދަލުވުން ބޭއްވޭނެ އެހެން ގޮތެއް ނެތުމުން، އެކަމުގައި ޕާޓީއަށް އެންމެ މަސްލަހަތު ހުރި ގޮތަކީ ރައީސް ޔާމީނާއި ޕާޓީ ހިންގުން ހަވާލު ކުރުން ކަމަށް އިސް ފަނޑިޔާރު ވިދާޅުވި އެވެ.