Roadha Mihaaru
މައުމޫނާ ޕީޕީއެމް ހަވާލުކުރަން ހުށަހެޅި މައްސަލަ ބާތިލް

ޕީޕީއެމް ހިންގުން މައުމޫނާ ހަވާލުކުރަން ހުށަހެޅި ދެ މައްސަލަ ސުޕްރީމް ކޯޓުން ބާތިލްކޮށްފި

05 ފެބުރުއަރީ 2019

ޕީޕީއެމް ހިންގުން އެ ޕާޓީގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ހަވާލުކުރަން ސިވިލް ކޯޓަށް ހުށަހެޅި ދެ މައްސަލަ ނުބެލޭނެ ކަމަށް ނިންމައި، އެ ދެ މައްސަލަ ސުޕްރީމް ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޕީޕީއެމް ހިންގުން އެ ޕާޓީގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ހަވާލުކުރަން ސިވިލް ކޯޓަށް ހުށަހެޅި ދެ މައްސަލަ ނުބެލޭނެ ކަމަށް ނިންމައި، އެ ދެ މައްސަލަ ސުޕްރީމް ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.

ޕީޕީއެމް ހިންގުން އެ ޕާޓީގެ ކުރީގެ ރައީސް މައުމޫނާ ހަވާލުކުރަން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ ޕީޕީއެމްގެ އާންމު ދެ މެމްބަރުން ކަމަށްވާ އަހުމަދު ރަޝީދު، ގދ. ތިނަދޫ ބީޗްރެސްޓް އާއި އަލީ އަހުމަދު، ލ. ގަން ތުނޑި ހަވި، ގެ ފަރާތުންނެވެ.

އެ ދެ މައްސަލަ ސިވިލް ކޯޓަށް ނުބެލޭނެ ކަމަށް ބުނެ ޕީޕީއެމްގެ ފަރާތުން ސުޕްރީމް ކޯޓަށް ޝަކުވާ ހުށަހެޅުމުން ސުޕްރީމް ކޯޓުން ކުރިން ވަނީ އެ މައްސަލާގެ އިޖްރާއީ އަޑުއެހުމެއް ބާއްވައިފަ އެވެ.

މިއަދު ބޭއްވި އަޑުއެހުމުގައި ހުކުމް އިއްވަވަމުން އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ ޕީޕީއެމް ހިންގުން އެ ޕާޓީގެ ކުރީގެ މުސްތަޝާރު އަދި އެ ޕާޓީގެ މިހާރުގެ ރައީސް އަބްދުﷲ ޔާމީނާ ހަވާލުކުރަން ސިވިލް ކޯޓުން 2016 ގައި ކުރި ހުކުމަށް ހައި ކޯޓާއި ސުޕްރީމް ކޯޓުން ވެސް އޭރު ތާއީދު ކޮށްފައިވާ ކަމަށެވެ. އަދި އޭގެ ފަހުން މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ޕީޕީއެމްގެ ޚާއްސަ ކޮންގްރެސްގައި ނިންމި ނިންމުންތައް ވެސް ސައްހަކަމަށް ހައި ކޯޓާއި ސުޕްރީމް ކޯޓުން ހުކުމް ކޮށްފައިވާ ކަން އުއްތަމަ ފަނޑިޔާރު ފާހަގަކުރެއްވި އެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ އާންމު ދެ މެމްބަރުން ސިވިލް ކޯޓަށް ހުށަހެޅި ދެ މައްސަލައަކީ ވެސް ސުޕްރީމް ކޯޓުން ކުރިން ހައްލުތަކެއް ދީފައިވާ މައްސަލަތަކާ ގުޅިގެން ހުށަހެޅި ދެ މައްސަލަ ކަމަށެވެ. މަތީ މަރުހަލާގެ ކޯޓުތަކުން ނިންމާފައި ހުރި ނިންމުންތައް އަލުން ދަށު ކޯޓުތަކުން ނުބެލޭނެކަން ފާހަގަކުރައްވައި، އުއްތަމަ ފަނޑިޔާރު ވިދާޅުވީ އެ ދެ މައްސަލަ ބެލުމުގެ އިހްތިސާސް ސިވިލް ކޯޓަށް ލިބިގެންނުވާ ކަމަށެވެ. އެހެންވެ އެ ދެ މައްސަލައިގެ ދައުވާ ފޯމް ބާތިލްކޮށް، އެ މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް ކުރެއްވީ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

އެ މައްސަލަ ބެއްލެވީ އުއްތަމަ ފަނޑިޔާރު ހިމެނިވަޑައިގަންނަވާ ގޮތަށް، ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ފުލް ބެންޗުންނެވެ.

ޕީޕީއެމް ހިންގުން މައުުމޫނާ ހަވާލުކުރަން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓަށް ނުބެލޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމް ކުރިއިރު، މައުމޫން މިހާރު ގެންދަވަނީ މޯލްޑިވްސް ރިފޯމް މޫވްމަންޓްގެ ނަމުގައި އާ ޕާޓީއެއް ހެދުމުގެ މަސައްކަތް ކުރައްވަމުންނެވެ.

ޕީޕީއެމުން މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ކޮންގްރެސްގައި ނިންމި ނިންމުންތައް ސައްހަ ކަމަށް ސުޕްރީމް ކޯޓުން ވަނީ ނިންމައިފަ އެވެ. އެގޮތަށް ސުޕްރީމް ކޯޓުން ނިންމިއިރު، ޕީޕީއެމްގެ ލީޑާޝިޕްގެ ބައެއް ބޭފުޅުން ގެންދެވީ ޕީއެންސީގެ ނަމުގައި އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ވެސް ކުރައްވަމުންނެވެ.