Roadha Mihaaru
"ޔާމީން ބާއްވާ ކައުންސިލް ބައްދަލުވުން ޣައިރު ގާނޫނީ"

ރައީސް ޔާމީން ބާއްވަވާ ކައުންސިލް ބައްދަލުވުންތައް ޣައިރު ގާނޫނީ ކަމަށް ފާސްކޮށްފި

20 އޮކްޓޯބަރ 2016

ވެރިކަންކުރާ ޕީޕީއެމްގެ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީން ރިޔާސަތު ބަލަހައްޓަވާ ކައުންސިލް ބައްދަލުވުންތަކަކީ ސައްހަ ނޫން، ޣައިރު ގާނޫނީ ބައްދަލުވުންތަކެއް ކަމަށް އެ ޕާޓީގެ ރައީސް މައުމޫން އަަބްދުލް ގައްޔޫމް ރިޔާސަތު ބެލެހެއްޓެވި ކައުންސިލް ބައްދަލުވުމުގައި މިއަދު ނިންމައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ވެރިކަންކުރާ ޕީޕީއެމްގެ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީން ރިޔާސަތު ބަލަހައްޓަވާ ކައުންސިލް ބައްދަލުވުންތަކަކީ ސައްހަ ނޫން، ޣައިރު ގާނޫނީ ބައްދަލުވުންތަކެއް ކަމަށް އެ ޕާޓީގެ ރައީސް މައުމޫން އަަބްދުލް ގައްޔޫމް ރިޔާސަތު ބެލެހެއްޓެވި ކައުންސިލް ބައްދަލުވުމުގައި މިއަދު ނިންމައިފި އެވެ.

އެގޮތަށް ނިންމީ މައުމޫން ފެކްޝަނުން މިއަދު ބޭއްވި ކައުންސިލް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 12 މެމްބަރުންގެ އިއްތިފާގުންނެވެ.

ސެކްރެޓަރީ ޖެނެރަލް އަބްދުލް އަލީމް ވިދާޅުވީ ރައީސް ޔާމީން ބާއްވާ ކައުންސިލް ބައްދަލުވުންތަކަށް ޕީޕިއެމްގެ ރަސްމީ އޮފީހުން އަމަލު ނުކުރަން ނިންމާފައިވާ ކަމަށެވެ. އަދި އެ ބައްދަލުވުންތަކުގައި ނިންމާ އެއްވެސް ނިންމުމަކަށް، އަސާސީ ގަވާއިދުގައިވާ ގޮތަށް ޕީޕީއެމްގެ އެއްވެސް މެމްބަރަކު ވެސް އަމަލުކުރަން ނުޖެހޭނެ ކަމަށް ނިންމާފައިވާ ކަމަށް އަލީމް ވިދާޅުވި އެވެ.

"ޕާޓީގެ އަސާސީ ގަވާއިދުގައި ކަނޑައެޅިގެން ސާފުކޮށް ބުނެފައި އެބައޮތް ކައުންސިލް ބޭއްވޭނެ ގޮތާއި ޕާޓީ ހިންގާނެ ގޮތް. އަސާސީ ގަވާއިދުގައި ލިއެފައި އޮއްވައި އެއާ ހިލާފަށް ކުރިއަށް ގެންދާ ބައްދަލުވުންތަކެއް ސައްހައެއް ނުވާނެ،" އަލީމް ވިދާޅުވި އެވެ.

މިދިޔަ ހަފުތާގައި ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއް ރައީސް ޔާމީން ބޭއްވެވީ ޕީޕީއެމްގައި މައުމޫން އަދާކުރައްވާ ޒިންމާތައް، ސިވިލް ކޯޓުގެ އަމުރަކުން ރައީސް ޔާމީނާ ހަވާލުކުރުމުންނެވެ. އެކަމަކު ކޯޓުގެ އެ ނިންމުން މައުމޫން ގަބޫލެއް ނުކުރައްވަ އެވެ.

ސިވިލް ކޯޓުގެ ހުކުމް އަމިއްލަ ފަރާތަކުން ހައި ކޯޓުގައި އިސްތިއުނާފްކުރުމުން ރައީސް މައުމޫންގެ ފަރާތްޕުޅުން ވަނީ މައްސަލައިގެ އިސްތިއުނާފްގެ ތެރެއަށް ތަދައްހުލުވެވަޑައިގެންފަ އެވެ.

ރައީސް ޔާމީން ފެކްޝަނުން ބުނެފައި ވަނީ އެމަނިކުފާނު ޕީޕީއެމް ހިންގަވަނީ ސިވިލް ކޯޓުގެ އަމުރަށް ތަބާވެވަޑައިގަތުމަށް ކަމަށާއި އަމުރުގައި ޕާޓީގެ ހުރިހާ ޒިންމާތަކެއް އެމަނިކުފާނާ ހަވާލުކޮށްފައިވާ ކަމަށެވެ. އެހެންވެ ސައްހަ ވާނީ ރައީސް ޔާމީން ބާއްވާ ބައްދަލުވުންތައް ކަމަށް އެ ފެކްޝަނުން ވަނީ ބުނެފަ އެވެ.