Roadha Mihaaru
ޔާމީން ދޫކޮށްލަންކުރި ހުކުމަށް ނަޝީދު ފާޑު ވިދާޅުވެއްޖެ

ޔާމީން ދޫކޮށްލަން ކުރި ހުކުމަށް ނަޝީދު ފާޑު ވިދާޅުވެއްޖެ

28 މާޗް 2019

ކުރީގެ ރައީސް އަބްދުﷲ ޔާމީން ބަންދުކުރި މައްސަލަ ބެލުމަށް އެކުލަވައިލި ބެންޗު ބަދަލުކުރުމަށް ފަހު، އެމަނިކުފާނު ދޫކޮށްލުމަށް ހައި ކޯޓުން މިއަދު ކުރި ހުކުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ފާޑުވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން ބަންދުކުރި މައްސަލަ ބެލުމަށް އެކުލަވައިލި ބެންޗު ބަދަލުކުރުމަށް ފަހު، އެމަނިކުފާނު ދޫކޮށްލުމަށް ހައި ކޯޓުން މިއަދު ކުރި ހުކުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ފާޑުވިދާޅުވެއްޖެ އެވެ.

އެމްޑީޕީ ޓިކެޓުގައި މަޖިލީހަށް ވާދަ ކުރާ ކެންޑިޑޭޓުންނަށް ތާއީދު ހޯދަން ކުރައްވާ ކެމްޕޭން ދަތުރުތަކުގެ ތެރެއިން ގދ. ވާދޫގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ހައި ކޯޓުން ޔާމީން ދޫކުރަން ނިންމީ ކުރިން އެ ކޯޓުން ކުރި ޝަރީއަތް އޮތްތަނުގައި ބާއްވާފައި ކަމަށެވެ.

ހައި ކޯޓުން އެގޮތަށް އަމުރުކުރީ، ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ މައްސަލައިގައި، ޝަރީއަތް ނިމެންދެން އެމަނިކުފާނު ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން މިދިޔަ މަހުގެ 18 ގައި ކުރި އަމުރު އިސްތިއުނާފު ކުރުމުންނެވެ.

މައްސަލަ ހައިކޯޓުގައި ކުރިން ބެއްލެވީ ފަނޑިޔާރު ހުސެން ޝަހީދު އާއި އަބްދުއްރައޫފް އިބްރާހިމް އަދި ފަނޑިޔާރު ހަސަން އަލީ އެވެ. ނަމަވެސް މިއަދު ވަނީ ރައޫފްގެ ބަދަލުގައި އިސް ފަނޑިޔާރު ޝުޖާއު އުސްމާން ބެންޗަށް ހަމަޖައްސައިފަ އެވެ. ރިޔާސަތު ބެލެހެއްޓެވީ ހަސަން އަލީ އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ކުންފުނީގެ ހިއްސާ އޮންނަ، ވޯލްޑް ލިންކް ޓްރެވަލްސް (ޑަބްލިއުއެލްޓީ) އަށް 13 މިލިއަނަށް ވުރެ ގިނަ ޑޮލަރު (200 މިލިއަނަށް ވުރެ ގިނަ ރުފިޔާ) ދައްކަން ދައުލަތާއި އެއިމްސް ކުންފުނީގެ މައްޗަށް ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމަށް ވެސް ނަޝީދު ވަނީ ފާޑު ވިދާޅުވެފަ އެވެ. އެ މައްސަލާގައި ޑަބްލިއުއެލްޓީން ދައުވާކުރީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 112 މިލިއަން ޑޮލަރާއި އެޑްވާންސްގެ ގޮތުގައި ދެއްކި 16.9 މިލިއަން ޑޮލަރު އަނބުރާ ހޯދުމަށެވެ.

އެ ކަމަށް އިޝާރާތް ކުރައްވައި ނަޝީދު ވަނީ އެންމެ ފަރުދަކަށް އެވަރަށް ފައިސާ ދޭން ޖެހެނީ ކީއްވެގެންތޯ ސުވާލު އުފައްދަވައިފަ އެވެ. އެއީ ނަރުދަމާ އާއި މަގު ހެދުމާއި ސްކޫލުތައް އިމާރާތް ކުރުން ފަދަ އެތައް މަޝްރޫއެއް ހިންގޭނެ ފައިސާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އެމްއެމްޕީއާރުސީގެ ފައިސާ އަކީ 70 މިލިއަން ޑޮލަރު. މިހާރު ބޭނުންވެ ވަޑައިގެން އެ އުޅުއްވަނީ 112 މިލިއަން ޑޮލަރު. އަނެއްކާވެސް ޝަރީއަތުން އެކިގޮތްގޮތުން ގުޑުވާލައިގެން އެކަން ކުރަށްވަންވީ،" ގާސިމަށް އިޝާރާތް ކުރައްވައި ނަޝީދު ވިދާޅުވި އެވެ.

އެ ކަންކަން އެގޮތަށް ހުރުމުން މަޖިލީހުގެ ގޮނޑިތައް އެމްޑީޕީން ހޯދުން އަވަސް ކުރަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"ވިސްނަވާތި. ބައްލަވާތި. އަޅުގަނޑުމެން އަމިއްލަ ޒާތީ ކަންކަމުގެ ތެރޭގައި އާއްމު މަސްލަހަތު ނަގައި ނުލައްވާތި. އަޅުގަނޑުމެންގެ ރާއްޖެ އަޅުގަނޑުމެން ސަލާމަތް ކުރަން ޖެހޭ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އިންސާފު ގާއިމުނުކޮށް ގެނެވޭނެ ތަރައްގީއެއް ނެތް ކަމަށެވެ. އެމްޑީޕީގެ މަޖިލިސް ސިޔާސަތު، އެޖެންޑާ 19 އިން ރާއްޖޭގެ ޝަރުއީ ނިޒާމް އިސްހާލުކުރާނެ ކަމަށް ވިދާޅުވި އެވެ.

"ބެންޗް ބަދަލުކޮށްފައި ހިނގަމުން އަންނަ ޝަރީއަތް މެދުން ފަނޑިޔާރުން ބަދަލުކޮށްފައި އެހެން ބަޔަކު އައިސް އެހެން ގޮތަކަށް ހުކުމް އިއްވާ ދުނިޔޭގެ އެއްވެސް ބަޔަކު އެކަން ނުދަންނަ ގޮތްގޮތަކަށް އެޖެންޑާ 19 އިން ޝަރުއީ ނިޒާމެއް ނުހިނގާނެ،" ނަޝީދު ވިދާޅުވި އެވެ.