Roadha Mihaaru

އެމްޑީޕީ ދޫކޮށް، އެހެން ޕާޓީތަކާ ގުޅެން ޖޭޕީ ތައްޔާރު ވެއްޖެ

އެމްޑީޕީއަށް ވެރިކަން ލިބުނީމާ މި ފަހަރު ވެސް ޖުމްހޫރީ ޕާޓީ "މަގުމައްޗަށް ނެރެ އެއްލައިލީ" ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު ކާމިޔާބުކުރަން ކޮންމެ ބަޔަކާ އެކު ވާހަކަ ދައްކަން ވެސް ތައްޔާރުވެއްޖެ ކަމަށް، ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ ދޫކޮށް، އެހެން ޕާޓީތަކާ ގުޅެން ޖޭޕީ ތައްޔާރު

އެމްޑީޕީއަށް ވެރިކަން ލިބުނީމާ މި ފަހަރު ވެސް ޖުމްހޫރީ ޕާޓީ "މަގުމައްޗަށް ނެރެ އެއްލައިލީ" ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު ކާމިޔާބުކުރަން ކޮންމެ ބަޔަކާ އެކު ވާހަކަ ދައްކަން ވެސް ތައްޔާރުވެއްޖެ ކަމަށް، ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.

އަންނަ އޭޕްރީލް ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ހުރިހާ ދާއިރާއަކަށް ވާދަކުރަން ނިންމައި މިއަދު އެމްޑީޕީން ޕްރައިމަރީ ބޭއްވުމާ އެކު، މިރޭ ކުރެއްވި ދެ ޓްވީޓެއްގައި ރައްޔިތުންގެ މަޖިލިހުގެ މިހާރުގެ ރައީސް ގާސިމް ވަނީ އެމްޑީޕީ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

ދެ ވަނަ ޓްވީޓްގައި އެމަނިކުފާނު ވިދާޅުވީ "ޖޭޕީއާ އެކު ގުޅިގެން މަޖިލިހުގެ ގޮނޑިތަކަށް ކުރިމަތި ލުމަށް ހުރިހާ ބަޔަކާ ވާހަކަ ދައްކަން ޖޭޕީ ތައްޔާރުވެއްޖައިން" ކަމަށެވެ. މީގެ މާނަ އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް އޭގެ ތެރޭގައި ހިމެނުން ކަމަށް ވެދާނެ އެވެ. އެކަމަކު ސީދާ އެގޮތަށް ވިދާޅުވެފައެއް ނެތެވެ.

ގާސިމްގެ ފުރަތަމަ ޓްވީޓްގައި ވިދާޅުވީ ކޯލިޝަންގައި ހިމެނޭ ޖޮއިންޓް ޕާލިމެންޓް ގްރޫޕް އުވާލާނެ ކަމަށް އެމްޑީޕީން ބުންޏަސް ހައިރާންނުވާ ކަމަށެވެ.

"ސުވާލަކީ މިހާރު [އެ ގްރޫޕް] އެބަ އޮތްހޭ؟" ގާސިމް އެއްސެވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި މަޖިލިހުގެ ހުރިހާ ދާއިރާއަކަށް ވާދަކުރަން އެމްޑީޕީން ނިންމުމަކީ އެއްބަސްވުމާއި އަހުދަށް ވެސް ހިލާފު ވުމެވެ.

ގުޅިފައިވާ ކޯލިޝަނަކުން ނުކުމެ ޔާމީން ބަލިކޮށް ރިޔާސީ އިންތިހާބު ކާމިޔާބުކުރި ނަމަވެސް އެމްޑީޕީން މިހާރު އަމަލްކުރަމުން ގެންދަނީ އެއްބަސްވި ގޮތާ ހިލާފަށް ކަމަށް، ކޯލިޝަންގެ އެހެން ބައިވެރިން ބުނެ އެވެ. ރައްޔިތުންގެ މަޖިލިހަށް ވެސް ކުރިމަތިލާން އެއްބަސްވެފައި އޮތީ، ޕާޓީގެ ނިސްބަތުން ބަހާލައިގެންނެވެ. އެކަމަކު އެމްޑީޕީން މިއަދު ޕްރައިމަރީ ބޭއްވީ ހުރިހާ ދާއިރާއަކަށް ވާދަކުރާ ގޮތަށެވެ.

ގާސިމް މިރޭ ޓްވީޓްތައް ކުރެއްވުމުގެ ކުރިން ވެސް އެމްޑީޕީ އަށް މި ފަހުން ގެންދެވީ ފާޑުވިދާޅުވަމުންނެވެ. ހާއްސަކޮށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދަށް އަމާޒުކުރައްވައި، ބަހުގެ ހަމަލާތައް ދެއްވުމުން ގިނަ އެވެ.

ނަޝީދު ވިދާޅުވަމުން ގެންދަވަނީ މަޖިލިހުގެ މެޖޯރިޓީ އެމްޑީޕީއަށް ދިނުމަށެވެ. އެއާ ހިލާފަށް ގާސިމް ވިދާޅުވެފައި ވަނީ އެއް ޕާޓީއަކަށް މަޖިލިހުގެ މެޖޯރިޓީ ދިނުމުގެ ނުބައި ތަޖުރިބާ ދިވެހިން ކޮށްފައިވާ ކަމަށެވެ. އެެހެންކަމުން ގައުމަށް އެންމެ ރަނގަޅުވާނީ އެއްވެސް ޕާޓީއަކަށް މަޖިލިހުގެ މެޖޯރިޓީ ނުދިނުން ކަމަށް އޭނާ ވިދާޅުވި އެވެ.