Roadha Mihaaru
އަދީބު މިހާރު ހުންނެވީ އަމީން އެވެނިއުގެ ފްލެޓެއްގައި

އަދީބު ހުޅުމާލޭ އަމީން އެވެނިއުގެ ފްލެޓަކަށް ބަދަލުވެވަޑައިގެންފި

09 ޑިސެމްބަރ 2020

އެމްއެމްޕީއާރުސީ މެދުވެރިކޮށް ޓޫރިޒަމްގެ ބޭނުމަށް ރަށްތަކާއި ފަޅުތައް ދޫކޮށްގެން ހިންގި 3.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގައި، އިސްކޮށް އުޅުއްވި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު މާލެ އިން ހުޅުމާލެ އަށް ބަދަލުވެވަޑައިގެންފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އެމްއެމްޕީއާރުސީ މެދުވެރިކޮށް ޓޫރިޒަމްގެ ބޭނުމަށް ރަށްތަކާއި ފަޅުތައް ދޫކޮށްގެން ހިންގި 3.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގައި، އިސްކޮށް އުޅުއްވި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު މާލެ އިން ހުޅުމާލެ އަށް ބަދަލުވެވަޑައިގެންފި އެވެ.

އެ ޚިޔާނާތަށް ޝަރީއަތުގައި އިއުތިިރާފުވެވަޑައިގެން 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ އަދީބު މިހާރު ދިރިއުޅުއްވަނީ ހުޅުމާލޭ އަމީން އެވެނިއު އެޕާޓްމެންޓެއްގަ އެވެ. އޭނާގެ ސެކިއުރިޓީ ބެލެހެއްޓުމުގައި ކަރެކްޝަނަލް ސާވިސްގެ އޮފިސަރުން ތިބެ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި، އަދީބު އަމީން އެވެނިއުގެ ފްލެޓަކަށް ބަދަލުވެވަޑައިގަތީ މާލޭގައި މިހާތަނަށް ދިރިއުޅުއްވި އެޕާޓުމަންޓު ދޫކުރައްވަން ޖެހިވަޑައިގަތުމުންނެވެ.

ދައުލަތާ އެކު ހެދި ޕްލީބާގެއިން އެއްބަސްވުމަކުން ހުކުމް އިއްވައި އަދީބު ގޭބަންދުގައި ހުންނަވާ މައްސަލައިގައި ސަރުކާރަށް ފާޑުކިއުން ބޮޑެވެ. މީގެ ރައްދުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެފައި ވަނީ އަދީބު ގޭގައި ހުންނަވަނީ ނިދަން މެޝިނެއް ބޭނުން ކުރައްވަން ޖެހިވަޑައިގަންނަވާތީ އެވެ. އެ މެޝިން ޖަލުގައި ބޭނުން ނުކުރެއްވޭ ކަމަށް ވިދާޅުވި ނަމަވެސް އެއީ ކޮން ކަހަލަ މެޝިނެއް ކަމުގެ ތަފުސީލެއް މިހާތަނަށް އާއްމެއް ނުކުރައްވަ އެވެ.

ޚިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ފަސް އަހަރަށް ޖަލަށް ލައި ހުކުމް ތަންފީޒު ކުރައްވާއިރު، އަމަލީ ގޮތުން ފައިސާ ވަގަށް ނެގުމުގައި އުޅުއްވި އަދީބާއި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ގޭބަންދުގައި ހުންނަވާތީ، ޔާމީންގެ ވަކީލުން ގެންދަވަނީ ހަމަހަމަކާއި އިންސާފު ނެތް ކަމުގެ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ. މިއިން ދޭހަވަނީ ޔާމީނަށް އިއްވީ ސިޔާސީ ހުކުމެއް ކަން ސާފުވާ ކަމަށް އިދިކޮޅު ޕީޕީއެމާއި ޕީއެންސީން ދަނީ ބުނަމުންނެވެ.

ރައްޔިތުންގެ ބިލިއަނަކަށް ވުރެން ގިނަ ރުފިޔާ އަށް ޚިޔާނާތްތެރިވި އަދީބަށް ހުކުމާ އެކު ކުރީ ދެ މިލިއަން ރުފިޔާގެ ޖޫރިމަނާއެކެވެ. އެ އަދަދު، އޭނާ މަނީ ލޯންޑަކުރި އަދަދާ ގާތް ވެސް ނުކުރެ އެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް، 54 ރަށް ދޫކޮށްގެން އޭނާގެ މައްޗަށް 150 އަށް ވުރެން ގިނަ ދައުވާ ކުރެވެން އޮއްވައި ދައުލަތުން އަދީބާ އެކު ހެދި އެއްބަސްވުމުން ރައްޔިތުންނަށް އޮތީ ކޮން ފައިދާއެއްތޯ ގާނޫނީ ބޭފުޅުން ގެންދަވަނީ ސުވާލު އުފައްދަވަމުންނެވެ.

އަދީބު ޖަލަށްލުމާ އެކު ދެ މިލިއަން ރުފިިޔާއިން ޖޫރިމަނާ ކުރަން އިއްޔެ ހުކުމް ކުރިޔަސް، އެމްއެމްޕީއާރުސީގެ ޚިޔާނާތުން ގެއްލުނު ފައިސާ އަނބުރާ ދައްކަން ހުކުމުގައި އަންގާފައެއް ނުވެ އެވެ. މިހާރު ގާނޫނުލް އުގޫބާތު އޮންނަ ގޮތުން އެ ފައިސާ ހޯދަން އޮތް ގޮތަކީ މަދަނީ ވަކި ދައުވާތަކެއް ކުރުމެވެ.