Roadha Mihaaru
އަދީބު ރާއްޖޭން ބޭރަށް ދިއުމުގެ ހުއްދަ ދީފި

އަދީބު ރާއްޖޭން ބޭރަށް ދިއުމުގެ ހުއްދަ ދީފި

11 ޖޫން 2019

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާ އަށް ރާއްޖޭން ބޭރަށް ވަޑައިގަތުމުގެ ހުއްދަ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިއަދު ދީފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާ އަށް ރާއްޖޭން ބޭރަށް ވަޑައިގަތުމުގެ ހުއްދަ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިއަދު ދީފި އެވެ.

އެ އިދާރާ އިން ބުނީ، އަދީބަށް އެ ހުއްދަ ދިނީ މެޑިކަލް ބޯޑުގެ ލަފާގެ މަތިން ކަމަށެވެ.

މީގެ ކުރިން ވެސް އަދީބު ވަނީ ބޭސްފަރުވާ ހޯދުމަށް ރާއްޖޭން ބޭރަށް ވަޑައިގަތުމުގެ ހުއްދަ އަށް އެކި ފަހަރު މަތިން އެދިވަޑައިގެންފަ އެވެ.

ތިިން މައްސަލައެއްގައި އަދީބުގެ މައްޗަށް އިއްވި 33 އަހަރުގެ ޖަލު ހުކުމްތައް މިހާރު ވަނީ ބާތިލްކޮށްފަ އެވެ. އަދި ޚިޔާނާތުގެ މައްސަލަ ވެސް ހިމެނޭ ގޮތުން، އޭގެ ތެރެއިން ދެ މައްސަލައެއް އަލުން ބަލަން ހައި ކޯޓުން އެންގިޔަސް ކްރިމިނަލް ކޯޓުން ވަނީ އެ މައްސަލަތައް މިހާރު ހުރި ގޮތަށް އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައި އެ މައްސަލަތައް އަނބުރާ ފޮނުވާލައިފަ އެވެ.

އެކަމަކު ޚިޔާނާތުގެ ކުށުގައި އިއްވި ޖަލު ހުކުމް ބާތިލްކޮށް، އަލުން ބަލަން ހައި ކޯޓުން އެންގި މައްސަލަ އިސްތިއުނާފް ކުރުމަށް މިދިޔަ ހޯމަ ދުވަހު ވަނީ ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ.

ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލާގައި އަދީބުގެ ހުކުމް ހައި ކޯޓުން ބާތިލްކޮށް، އެ މައްސަލަ ވެސް އަލުން ބަލަން ދަށު ކޯޓަށް އެންގިއިރު އެ މައްސަލައާ ގުޅިގެން އަދީބު 15 ދުވަހަށް ބަންދުގައި ބަހައްޓަން ވެސް އެ ކޯޓުން އޮތީ އަމުރުކޮށްފަ އެވެ. ބެލެވޭ ގޮތުގައި އަދީބު ވަރަށް އަވަހަށް މިނިވަން ވާނެ އެވެ.