Roadha Mihaaru
އަދީބު އޮންނެވީ ބަލި މީހުންނަށް އެކަށީގެންވާ ތަނެއްގައި

އަދީބު އޮންނެވީ ބަލި މީހުންނަށް އެކަށީގެންވާ ތަނެއްގައި: ކަރެކްޝަންސް

05 ޖެނުއަރީ 2019

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ޖަލަށް ބަދަލުކޮށްފައި ވިޔަސް އެމަނިކުފާނު އޮންނެވީ ބަލި މީހަކަށް އެކަށީގެންވާ ފަދަ ހާއްސަ ތަނެއްގައި ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިއަދު ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ޖަލަށް ބަދަލުކޮށްފައި ވިޔަސް އެމަނިކުފާނު އޮންނެވީ ބަލި މީހަކަށް އެކަށީގެންވާ ފަދަ ހާއްސަ ތަނެއްގައި ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިއަދު ބުނެފި އެވެ.

އެތަނުގެ ސީނިއާ ޕްރިޒަންސް އޮފިސަރު އަހުމަދު ލުގްމާން "މިހާރު" އަށް ވިދާޅުވީ އަދީބު އޮންނެވީ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓެއްގައި ކަމަށެވެ. އެއީ ހުރިހާ ގޮތަކުން ވެސް ރައްކާތެރި ތަނެއް ކަމަށް ވިދާޅުވި އެވެ.

"ލުއިފަސޭހަަ ކަން އެކަންޏެއް ނޫން. ރައްކާތެރި ވެސް ތަނެއް. އެއްވެސް އުދަނގުލެއް ނުވާނެ. ބަލި މީހަކަށް އެކަށީގެންވާ ތަނެއް އެއީ،" އަދީބުގެ ހާލަތާ ބެހޭ ގޮތުން ލުގްމާން ވިދާޅުވި އެވެ.

އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައި ދުވަސްތަކެއް ވަންދެން ބޭއްވުމަށް ފަހު އަދީބު ގެއަށް ބަދަލު ކުރީ ޑޮކްޓަރުުން އެގޮތަށް ލަފާ ދެއްވުމުންނެވެ. ގޭގައި ބާއްވަން ޑޮކްޓަރުން ލަފާ ދެއްވި މުއްދަތު ހަމަވުމާ އެކު އެމަނިކުފާނު ޖަލަށް ބަދަލު ކުރުމުން އަނބިކަނބަލުން ނަޝްވާ ވަނީ އެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށަހަޅުއްވައިފަ އެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެފައިވާ ގޮތުގައި ޓެރަރިޒަމާއި ހިޔާނާތުގެ ކުށްތައް ސާބިތުވެ ކްރިމިނަލް ކޯޓުން 33 އަހަރުގެ ހުކުމެއް އިއްވާފައިވާ އަދީބު، ދެ މަހަށް "ހޯމްލީ އެންވަޔަރަމެންޓެއް" ގައި ބަހައްޓަން ޑޮކްޓަރު ލަފާދެއްވީ އޮކްޓޯބަރު 24، 2018 ގަ އެވެ. ނަމަވެސް މިދިޔަ މަހުގެ 24 ވަނަ ދުވަހުގެ ފަހުން އެގޮތަށް ޑޮކްޓަރު ލަފާ ނުދެއްވާ ކަމަށް ވިދާޅުވި އެވެ.

އެކަމާ މެދު ހިތްހަމަޖެހިވަޑައިނުގެން ނަޝްވާ ވިދާޅުވެފައި ވަނީ އަދީބު ގޭ ބަންދަށް ބަދަލުކުރީ މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ސާޖަރީއަށް ފަހު ރިކަވަރީ އަށް އާއިލާ ގާތުގައި 6-8 ހަފުތާ އަށް ބެހެއްޓުމަށް ޑޮކްޓަރުު ލަފާ ދެއްވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.