Roadha Mihaaru
އަދީބު މިނިވަންކޮށް ފުރުވާލުން، އެއީ ރޭވުމެއްތަ؟

އަދީބު މިނިވަންކޮށް ފުރުވާލުން، އެއީ ރޭވުމެއްތަ؟

12 ޖޫން 2019

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު، "ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ފަހު މިނިވަން ކުރާނެ" އެވެ. އެތައް ބަޔަކު ކުރަމުން ދިޔަ މި ތުހުމަތަށް ބާރު ލިބުނީ 33 އަހަރުގެ ހުކުމްތަކުން، ފަޓާސް ބަރިއެއް ހެން، އެމަނިކުފާނު މިނިވަންކުރުމުންނެވެ. ކްރިމިނަލް ކޯޓު މެދުވެރިވެ، ޖަލު ގޮޅިން އަދީބަށް ސަލާމަތްކަން ހޯދައި ދިނުމާ އެކު ދެން އޮތީ ސަރުކާރުގެ ނިންމުމެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު، "ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ފަހު މިނިވަން ކުރާނެ" އެވެ. އެތައް ބަޔަކު ކުރަމުން ދިޔަ މި ތުހުމަތަށް ބާރު ލިބުނީ 33 އަހަރުގެ ހުކުމްތަކުން، ފަޓާސް ބަރިއެއް ހެން، އެމަނިކުފާނު މިނިވަންކުރުމުންނެވެ. ކްރިމިނަލް ކޯޓު މެދުވެރިވެ، ޖަލު ގޮޅިން އަދީބަށް ސަލާމަތްކަން ހޯދައި ދިނުމާ އެކު ދެން އޮތީ ސަރުކާރުގެ ނިންމުމެވެ.

ދައުލަތާއި ރައްޔިތުންނަށް އެންމެ ބޮޑު ގެއްލުމެއް ދިން، ނުރައްކާތެރި ކުށްވެރިންގެ ތެރޭގައި ހިމެނުނު އަދީބު ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ފުރާވަޑައިގަތުމުގެ ހުއްދަ އެންމެ ފަހުން މި ވަނީ ދީފަ އެވެ. ސަރުކާރުގެ މި ނިންމުމަށް އެންމެ ބޮޑަށް ތާއީދުކުރައްވައި ވާހަކަ ދައްކަވާ މަންޒަރު ފެންނަނީ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެމްބަރުންނެވެ! އަދީބުގެ ހައްގު އިސްކޮށް މެމްބަރުން ވާހަކަ ދެއްކެވި އިރު، ދައުލަތާއި ރައްޔިތުންނަށް ލިބުނު ގެއްލުން އޮތީ މަޖިލީހުގެ ތެރޭގައި ފަނޑުވެފަ އެވެ.

އަދީބު މިއަދު ނުވަތަ މާދަމާ ބޭރަށް ފުރާވަޑައިގަންނަވާ އިރު، އަނެއްކޮޅުން އެމަނިކުފާނަކީ ގާނޫނީ ގޮތުން ކުށްވެރިއެއްގެ ގޮތުގައި ބެލެވޭނެ ހަމައެއް ވެސް މިހާރަކު ނެތެވެ.

ތިން މައްސަލައެއްގައި އަދީބުގެ މައްޗަށް އިއްވި 33 އަހަރުގެ ޖަލު ހުކުމްތައް ވަނީ ބާތިލްކޮށްފަ އެވެ. އަދި ޚިޔާނާތުގެ މައްސަލަ ވެސް ހިމެނޭ ގޮތުން، އޭގެ ތެރެއިން ދެ މައްސަލައެއް އަލުން ބަލަން ހައި ކޯޓުން އެންގިޔަސް ކްރިމިނަލް ކޯޓުން ވަނީ އެ މައްސަލަތައް މިހާރު ހުރި ގޮތަށް އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައި، އަނބުރާ ފޮނުވާލައިފަ އެވެ. އެހެންކަމުން އަދީބުގެ މައްޗަށް މިހާރު އެއްވެސް ދައުވާއެއް ނެތެވެ.

އަދީބު މިހާރު ހުންނެވީ، ކުރިން އޮތް ޝަރީއަތުގެ މަޖިލިހެއްގައި ކޯޓުގެ ހުރުމަތް ކެނޑުއްވުމުން އިއްވި 15 ދުވަހުގެ ބަންދުގަ އެވެ. އެނގިފައިވާ ގޮތުގައި ހަފުތާއެއްގެ ތެރޭގައި އެމަނިކުފާނު މިނިވަންވާނެ އެވެ.

އަދީބު ބޭރަށް ފޮނުވާނީ ކަރެކްޝަންސާއި ފުލުހުންގެ އޮފިސަރުންނާ އެކު ކަމަށް ހޯމް މިނިސްޓްރީން ބުނެ އެވެ. އެކަމަކު އޭގެ މާނައެއް އެބަ އޮތް ހެއްޔެވެ؟ ބަންދުކުރަން އަމުރެއް ނެތް މީހަކާ އެކު ފުލުހުންނާއި ކަރެކްޝަންސުން ދަތުރު ހަދާފައި ބޭރަށް ދަނީ ކޮން މަގްސަދެއްގައިތޯ ސުވާލު އުފެދެ އެވެ.

އާންމުންގެ ޝަކުވާ ބޮޑު

"ހުކުމްތަކުން އަދީބު މިނިވަންކޮށްލީ ފަޓާސްބަރިއެއް ހެން. އޭގެ ފަހުން ބޭރަށް މި ފުރުވާލަނީ. ދައުލަތުން ވަގަށް ނެގި 1.3 ބިލިއަން ރުފިޔާ ކޮބާ؟ ރައްޔިތުންނަށް އިންސާފު ކޮބާ؟ ކޮރަޕްޝަނާ ދެކޮޅަށް މި ސަރުކާރުން ވީ ވައުދު ކޮބާ؟"

މިއީ އަދީބު ބޭސްފަރުވާ އަށް އިންޑިއާ ވަޑައިގަތުމުގެ ހުއްދަ ދިނުމާ އެކު ގިނަ ބަޔަކު ސަރުކާރަށް އޮއްސާލީ ޝަކުވާތަކެވެ. މިހާތަނަށް ރާއްޖޭގައި ހިންގި އެންމެ ބޮޑު ޚިޔާނާތާއި ވޭތުވެދިޔަ ފަސް އަހަރު ރައްޔިތުންނާއި ދައުލަތަށް ގެއްލުންވި ޖަރީމާތަކުގައި އިސްކޮށް އުޅުއްވި ކަމަށް ތުހުމަތުކުރާ އަދީބު ބޭރަށް ފުރުވާލުމާ އެތައް ބަޔަކު ދެކޮޅެވެ.

ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކުރި ގިނަ ބަޔަކު ތުހުމަތުކުރާ ގޮތުގައި، އަދީބު މައްސަލައިގައި އަމަލުކުރަމުން އަންނަނީ މި ސަރުކާރުން ކުރިން ވެސް ރާވާފައި އޮތް ގޮތަށެވެ. ޑީލަކީ އެމަނިކުފާނު މިނިވަންކޮށް ބޭރަށް ފުރުވާލުމެވެ. ނުވަތަ ފިލަން ފުރުސަތު ދިނުމެވެ!

އަދީބު ބޭރަށް ފޮނުވާ މައްސަލައިގައި ކޮށްފައިވާ ޓުވީޓެއް.

ޓުވިޓާގައި އެކަކު ލިއެފައިވާ ގޮތުގައި ބޭރަށް ފޮނުވުމާ އެކު އަދީބު ފިއްލަވައިފި ނަމަ ދައުލަތުން ވަގަށް ނެގި ފައިސާގެ މައްސަލައެއް ނުބެލޭނެ އެވެ. ދައުލަތަށް ގެއްލުނު ފައިސާއެއް ވެސް ނުހޯދޭނެ އެވެ. އެ ފުރުސަތު ސަރުކާރުން ފަހިކޮށްދިނުމަކީ އޭނާގެ ކަންބޮޑުވުމެކެވެ.

އަދީބު ފުރާތީ ކަންބޮޑުވުންފާޅުކުރި އެކަކު ވަނީ މި ސަރުކާރު ވެރިކަމަށް އައުމަށް ވީ ވައުދުތައް ހަނދާނެ ނެތުނީތޯ ސުވާލު ކޮށްފަ އެވެ.

އަދީބު އެނބުރި އަންނާނެތަ؟

ބޭސްފަރުވާ އަކީ ދައުލަތުން ކަށަވަރުކޮށްދޭން ޖެހޭ އަސާސީ ހައްގެކެވެ. ކިތަންމެ ބޮޑު ކުށެއް ސާބިތުވެފައި ހުއްޓަސް އެއީ ދައުލަތަށް ނިގުޅައިނުގަނެވޭނެ ހައްގެކެވެ. އަދީބު ފުރުވާލުން ދިފާއުކޮށް، އަމަލުކުރީ ގާނޫނީ އިމުގެ ތެރޭގައި ކަން ދައްކަން ކަމާ ބެހޭ އިދާރާތަކުން ނަގަނީ ވެސް ގާނޫނުގައި ބުނާ ވާހަކަތަކެވެ.

އަދީބު ބޭރަށް ފޮނުވަން ނިންމި ނިންމުން ދިފާއުކޮށް ހޯމް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އޭނާގެ ބަލިހާލަތު ހުރި ގޮތުން ރާއްޖޭގައި ފަރުވާދެވޭނެ އިތުރު ގޮތެއް ނެތް ކަމަށެވެ. ރާއްޖެ އިން ބޭރުން މާހިރަކު ގެނެސްގެން ވެސް ފަރުވާދެވޭތޯ މަސައްކަތް ކުރި ކަމަށާއި އެކަމަކު ބޭރަށް ފޮނުވުން ނޫން އިތުރު ގޮތެއް ނުފެނުނު ކަމަށް ހޯމް މިނިސްޓްރީން ބުންޏެވެ.

އަދީބުގެ ލޮލަށް ދިމާވެފައިވާ މައްސަލަތަކަށް ފަރުވާ ދޭން މި ސަރުކާރުން ގެނައީ ގްލޮކޯމާ ސްޕެޝަލިސްޓެކެވެ.

ހޯމް މިނިސްޓްރީން ބުނިގޮތުގައި އަދީބު ބޭރަށް ފޮނުވުމަށް މެޑިކަލް ބޯޑުން ނިންމުމާ އެކު ސަލާމަތީ ގޮތުން ފުރިހަމަ ކުރަން ޖެހޭ ކަންކަން މިހާރު ވަނީ ފުރިހަމަކޮށްފަ އެވެ.

އެކަމަކު މިވަރަކުން ވެސް އާއްމުންގެ ހިތަށް ފިނި ކަމެއް ނުލިބެ އެވެ. އަދީބު އެނބުރި ވަޑައިގަންނަވާނެކަމާ މެދު އެތައް ބަޔަކަށް ޝައްކެވެ.

އަނެއްކޮޅުން އަދީބުގެ ސަޕޯޓަރުން އަންނަނީ އެމަނިކުފާނު އެނބުރި ވަޑައިގަންނަވަން ޖެހޭ ސަބަބެއް ނެތް ކަމަށް ބުނަމުންނެވެ. އެ މީހުން ގަބޫލުކުރާ ގޮތުގައި އަދީބަކީ މިނިވަނެކެވެ.