Roadha Mihaaru
އަދީބު ބޭރަށް ފޮނުވާތީ މަޖިލީހަށް ކުއްލި މައްސަލައެއް

އަދީބު ރާއްޖެ އިން ބޭރަށް ފުރުވާލާތީ މަޖިލީހަށް ކުއްލި މައްސަލައެއް

12 ޖޫން 2019

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާ އަށް ރާއްޖޭން ބޭރަށް ވަޑައިގަތުމުގެ ހުއްދަ މޯލްޑިވްސް ކޮރެކްޝަނަލް ސާވިސް އިން ދިން މައްސަލަ ރައްޔިތުންގެ މަޖިލިހަށް މިއަދު ހުށަޅައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާ އަށް ރާއްޖޭން ބޭރަށް ވަޑައިގަތުމުގެ ހުއްދަ މޯލްޑިވްސް ކޮރެކްޝަނަލް ސާވިސް އިން ދިން މައްސަލަ ރައްޔިތުންގެ މަޖިލިހަށް މިއަދު ހުށަޅައިފި އެވެ.

ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނީ، އަދީބަކީ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީގެ މަރާލުމުގެ ފަހަތުގައިވާ މީހުންނާއި ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލުމުގައި ޝާމިލްވާ މީހުން ވަގަށް ރާއްޖެ އިން ބޭރަށް ފުރުވާލުމަށް މަަދަދުވެރިވި ކަމަށް ތުހުމަތު ކުރެވޭ ބޭފުޅެއް ކަމަށެވެ. އަދި އަދީބު ރާއްޖެ އިން ބޭރަށް ފުރަން ކަރެކްޝަނަލް ސާވިސް އިން ހުއްދަ ދީފައިވާ ކަމަށް އެ މުއައްސަސާ އިން ބުނެފައިވާތީ އެކަމާ ކަންބޮޑުވާ ކަމަށް ކުއްލި މައްސަލައިގައި މީކާއިލް ވިދާޅުވި އެވެ.

އަދީބު ރާއްޖެ އިން ބޭރަށް ބޭސްފަރުވާ އަށް ވަޑައިގަތުމުން، އޭނާ ފިލިޔަ ނުދޭން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އެޅީ ކޮން ފިޔަވަޅުތަކެއްތޯ ސާފު ކުރުމަށް ކޮމިޝަނަ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް މަޖިލިހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް ހާޒިރުކޮށް، ސުވާލު ކުރުމަށް ވެސް މީކާއިލް ވަނީ ހުށަހަޅުއްވައިފަ އެވެ.

އަދީބާ ގުޅޭ ކުއްލި މައްސަލަ އަށް ބަހުސް ކުރަން މަޖިލިހުން މިހާރު ވަނީ ފާސްކޮށްފަ އެވެ.

މަޖިލިހުގެ ޖަލްސާގައި މީކާއިލް ވިދާޅުވީ، މިދިޔަ ދުވަސްތަކުގެ ތެރޭގައި އަދީބުގެ މައްސަލަތަކެއް ކޯޓުތަކުން ނިންމާލައި، އޭނާ އަކީ މިނިވަނަކަށް ހަދާފައިވާ ކަމަށެވެ. އަދި ހައި ކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާން ޗުއްޓީގައި ހުންނަވަނިކޮށް، ކުއްލި ގޮތަކަށް ނުކުންނަވައި 77 މިލިއަން ރުފިޔާ އަށް ޚިޔާނާތްތެރިވި މައްސަލައެއް "ނިންމާލާފައިވާ" ކަމަށް ވެސް މީކާއިލް ވިދާޅުވި އެވެ.

އެހެންވެ، އަދީބު ފިލިޔަ ނުދޭން އަޅާފައި ވަނީ ކޮން މަސައްކަތެއްތޯ ބަލަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. މީކާއިލް ވިދާޅުވި ގޮތުގައި އަދީބު ވަނީ "ފުރަން ވެސް ތައްޔާރުވެފަ" އެވެ.

ކަރެކްޝަނަލް ސާވިސް އިން ރޭ ބުނެފައި ވަނީ ރާއްޖެ އިން ބޭރަށް ވަޑައިގެން ބޭސްފަރުވާ ހޯއްދެވުމުގެ ހުއްދަ އަދީބަށް ދިނީ މެޑިކަލް ބޯޑުގެ ލަފާގެ މަތިން ކަމަށެވެ. މީގެ ކުރިން ވެސް އަދީބު ވަނީ ބޭސްފަރުވާ ހޯދުމަށް ރާއްޖޭން ބޭރަށް ވަޑައިގަތުމުގެ ހުއްދަ އަށް އެކި ފަހަރު މަތިން އެދިވަޑައިގެންފަ އެވެ.

ތިިން މައްސަލައެއްގައި އަދީބުގެ މައްޗަށް އިއްވި 33 އަހަރުގެ ޖަލު ހުކުމްތައް މިހާރު ވަނީ ބާތިލްކޮށްފަ އެވެ. އަދި ޚިޔާނާތުގެ މައްސަލަ ވެސް ހިމެނޭ ގޮތުން، އޭގެ ތެރެއިން ދެ މައްސަލައެއް އަލުން ބަލަން ހައި ކޯޓުން އެންގިޔަސް ކްރިމިނަލް ކޯޓުން ވަނީ އެ މައްސަލަތައް މިހާރު ހުރި ގޮތަށް އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައި އެ މައްސަލަތައް އަނބުރާ ފޮނުވާލައިފަ އެވެ.

އެކަމަކު، ޚިޔާނާތުގެ ކުށުގައި އިއްވި ޖަލު ހުކުމް ބާތިލްކޮށް، އަލުން ބަލަން ހައި ކޯޓުން އެންގި މައްސަލަ އިސްތިއުނާފް ކުރުމަށް މިދިޔަ ހޯމަ ދުވަހު ވަނީ ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ.

ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލާގައި އަދީބުގެ ހުކުމް ހައި ކޯޓުން ބާތިލްކޮށް، އެ މައްސަލަ ވެސް އަލުން ބަލަން ދަށު ކޯޓަށް އެންގިއިރު އެ މައްސަލައާ ގުޅިގެން އަދީބު 15 ދުވަހަށް ބަންދުގައި ބަހައްޓަން ވެސް އެ ކޯޓުން އޮތީ އަމުރުކޮށްފަ އެވެ. ބެލެވޭ ގޮތުގައި އަދީބު ވަރަށް އަވަހަށް މިނިވަން ވާނެ އެވެ.