05 އޯގަސްޓް 2019
ވޭތުވެދިޔަ ދެ މަހެއްހާ ދުވަހުގެ ތެރޭގައި ތެލެސީމިއާ އަށް ކުއްޖަކު ވަނީ މަރުވެފަ އެވެ. އެހެންވެ މިކަމުގެ ކަންބޮޑުވުން ތެލަސީމިއާ ކުދިންގެ މެދުގައި ބޮޑެވެ. ޝަކުވާތަކެއް ވެސް އެބަހުއްޓެވެ.
ވޭތުވެދިޔަ ދެ މަހެއްހާ ދުވަހުގެ ތެރޭގައި ތެލެސީމިއާ އަށް ކުއްޖަކު ވަނީ މަރުވެފަ އެވެ. އެހެންވެ މިކަމުގެ ކަންބޮޑުވުން ތެލަސީމިއާ ކުދިންގެ މެދުގައި ބޮޑެވެ. ޝަކުވާތަކެއް ވެސް އެބަހުއްޓެވެ.
މި ފަހުން މަރުވި ކުދިންގެ ތެރޭގައި ހިމެނެނީ އުމުރުން 11 އަހަރާއި 27 އަހަރާ ދެމެދުގެ ކުދިންނެވެ.
ތެލަސީމިއާ ކުދިންނަށް ލޭ އެޅުމާއި އެހެނިހެން ފަރުވާތައް ދިނުމުގެ ޒިންމާ އޮންނަ މޯލްޑިވިއަން ބްލަޑް ސާވިސް އިން ވާހަކަ ދެއްކެވި އެތަނުގެ ޑިރެކްޓަރު ނަޔާޒު އަހުމަދު ވިދާޅުވީ ލޭ އަޅާ ކުދިންތަކެއް މަރުވި ސަބަބުތައް އެނގިފައި އެބަހުރި ކަމަށާއި އެކަމަކު އިތުރަށް ބަލަމުން އަންނަ ކަމަކަށްވާތީ މިވަގުތު އެއްޗެއް ބުނެވެން ނެތް ކަމަށެވެ.
"ސަބަބުތައް އަޅުގަނޑުމެންނަށް އެނގިފައި އެބަހުރި. އެކަމަކު މިވަގުތު ބުނެވެން ނެތް،" ލޭއަޅާ ކުދިންގެ ކަންކަން ބަލަހައްޓާ ދައުލަތުގެ މުއައްސަސާގެ ޑިރެކްޓަރު، ނަޔާޒު ވިދާޅުވި އެވެ.
މުޅި އުމުރަށް ލޭ އަޅަންޖެހޭ ތެލެސީމިއާ ކުދިން ތިބީ މަރުތަކާ މެދު ހާސްކަމެއްގެ ތެރޭގަ އެވެ. މަރުތައް ގިނަވަމުން ދާއިރު، އެ ކުދިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ފަރުވާ ހޯދޭނެ ރަނގަޅު އުސޫލުތަކެއް ހަމަޖެހިފައި ނެތުމެވެ.
އޭގެ ތެރެއިން ބައެއް ކުދިން މަރުވެފައި ވަނީ ހަށިގަނޑުގައި ދަގަނޑުގެ ބައި އިތުރުވެގެން ދިމާވި އެކި މައްސަލަތަކާ ގުޅިގެން ކަމަށް އެއްބަޔަކު ބުނެ އެވެ.
ތެލެސީމިއާ ކޮންޓްރޯލް ކުރުމުގެ ގާނޫނު 2012 ވަނަ އަހަރު ވަނީ ފާސްކޮށްފަ އެވެ. ތެލަސީމިއާ ކުދިންނަށް އެކަށީގެންވާ ބޭސްފަރުވާ ދިނުމާއި ތެލަސީމިއާ ކޮންޓްރޯލް ކުރުމަށް އެ ގާނޫނުން ލާޒިމް ކުރެ އެވެ.
ނަމަވެސް ލޭ އަޅާ ބައެއް ކުދިން ބުނާގޮތުގައި އެ ގާނޫނު ރަނގަޅަށް އަދިވެސް ތަންފީޒެއް ނުކުރެ އެވެ.
ލޭ އަޅާ މީހަކަށް ފަރުވާ ދެނީ: ރަނގަޅު ސިއްހީ ފަރުވާ ނުލިބޭތީ ޝަކުވާ ބޮޑު-- ފޮޓޯ: މިހާރު
ތެލަސީމިއާ ސޮސައިޓީގެ ކުރީގެ ޗެއާޕާސަން، އަދި ލޭއަޅާ ޒުވާނެއް ކަމަށްވާ އަބްދުލް މުއިއްޒު ހަސަން ވިދާޅުވިގޮތުގައި ރާއްޖެއިން ފެންވަރު ރަނގަޅު ސިއްހީ ފަރުވާއެއް ލޭ އަޅާ ކުދިންނަކަށް ނުލިބެ އެވެ. ތެލަސީމިއާ ސެންޓަރުން ވެސް ރަނގަޅަށް ދޭ ހަމައެކަނި ހިދުމަތަކީ ލޭ އަޅައިދިނުމާއި ހަށިގަނޑުގައި އިތުރުވާ ދަގަނޑުގެ ބައި ކޮންޓްރޯލް ކުރުމަށް ޑެސްފަރޯލް ދިނުން ކަމަށް މުއިއްޒު ވިދާޅުވި އެވެ.
ތެލަސީމިއާ ކުދިން ގަވައިދުން ހަދަން ޖެހޭ ޓެސްޓްތަކެއް ހުރެ އެވެ. ސަބަބަކީ ލޭ އެޅުމުގެ ސަބަބުން ހަށިގަނޑުގައި ދަގަނޑުގެ މިންވަރު އިތުރުވުމެ ގުނަވަންތަކަށް ނުރައްކާވާތީ އެވެ.
މުއިއްޒު ވިދާޅުވިގޮތުގައި އެކަންކަމަށް ލޭ އަޅާކުދިން އެހާ ހޭލުންތެރިއެއް ނޫނެވެ. ގަވައިދުން އެ ޓެސްޓްތައް ނުހަދާ މީހުން އުޅޭއިރު އެކަންކަން މޮނީޓާކޮށް ބެލޭނެ ގޮތެއް ތެލެސީމިއާ ސެންޓަރުގައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ޓެސްޓްތައް ހެދުމަށް ތެލަސީމިއާ ކުދިންނާއި އެ ކުދިންގެ އާއިލާތައް ހޭލުންތެރި ކުރެވިފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ކުދިންގެ ސްޓޭޓަސް މޮނީޓާ ކުރެވޭނެ ގޮތެއް ނެތް. ކުއްޖާގެ އަތުގައި އޮންނަ ފޮތުން އެކަނި އެކަން އެނގޭނީ. ބައެއް ފަހަރު އެ ފޮތް ވެސް ނުބަލާ ލޭ އަޅަން ފޮނުވަނީ،" ލޭއަޅާ ކުދިންގެ ހައްގުގައި ވަކާލާތު ކުރައްވާ މުއިއްޒު ވިދާޅުވި އެވެ.
"ކުދިން ހަދާ އެކިއެކި ޓެސްޓްތަކުގެ ޑޭޓާއެއް ސެންޓަރުގައި ނުހުރޭ. އެ ޓެސްޓްތަކަށް ނުބަލާ ފަރުވާދީހެދީމަ އެކިއެކި ކަންކަން ދިމާވަނީ."
މީހަކު ލޭ އަޅަނީ: ރަނގަޅު ސިއްހީ ފަރުވާ ނުލިބޭތީ ޝަކުވާ ބޮޑު-- ފޮޓޯ: މިހާރު
ބްލަޑް ސާވިސްގައި ތެލެސީމިއާގެ 800 އަށް ވުރެ ގިނަ ދިވެހިން ރަޖިސްޓަރީ ވެފައިވާއިރު އޭގެ ތެރެއިން ދުނިޔޭގައި މި ވަގުތު ތިބީ 635 މީހުންނެވެ. އޭގެ ތެރެއިން 50 ޕަސެންޓް މީހުން މާލޭގައި ދިރިއުޅޭއިރު އަނެއް 50 ޕަސެންޓް މީހުން އުޅެނީ އެކި ރަށްރަށުގަ އެވެ.
މުއިއްޒު ވިދާޅުވީ ތެލަސީމިއާ ކުދިންނަށް ފަރުވާ ދޭން ހާއްސަ ތަމްރީނުތައް ހަދާފައި ތިބި ޑޮކްޓަރުން އައިޖީއެމްއެޗްގައި މަސައްކަތްކުރާ ކަމަށާއި އެކަމަށް ބޭނުންވާ ބޭސް ވެސް ރާއްޖެއިން ލިބެން ހުންނަ ކަމަށެވެ. ނަމަވެސް އޭނާގެ ކަންބޮޑުވުމަކީ ފަރުވާ ދިނުމަށް ރަނގަޅު އިންތިޒާމުތަކެއް ހަމަޖައްސާފައި ނެތުމެވެ.
"ލޭ އަޅާ ކުދިން ހާލު ސީރިއަސްވުމުން ވެސް އެ ކުދިންނަށް އިސްކަން ދޭ އުސޫލެއް އައިޖީއެމްއެޗްގައެއް ނެތް. ސެންޓަރުން ރިފާކޮށްދޭ ނަމަ އެކަން ކުރެވޭނެ. ބޭހާއި ޑޮކްޓަރުން ވެސް ތިބެ އެކަން ނުވަނީ ސެންޓަރު ހިންގަން ރަނގަޅު ބަޔަކު ނެތީމަ،" މުއިއްޒު ވިދާޅުވި އެވެ.
ތެލަސީމިއާ ކުދިންނަށް ދޭ ފަރުވާ ހަރުދަނާކޮށް ރަނގަޅުކުރަން ސަރުކާރުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. އެގޮތުން ދަގަނޑުގެ ބައި ދަށްކުރަން ބޭނުންވާ ބޭހާއި ލޭ އަޅަން ބޭނުންކުރާ ފިލްޓަރު އެ ކުއްޖަކު ހުރި ރަށަކުން ލިބޭނެ އިންތިޒާމްތައް މިހާރު ވަނީ ހަމަޖައްސައިފަ އެވެ.
މޯލްޑިވިއަން ބްލަޑް ސާވިސްގެ ޑިރެކްޓަރު ނަޔާޒު ވިދާޅުވިގޮތުގައި ތެލަސީމިއާ ކުދިންނަށް ފަރުވާ ދެނީ ކަނޑައަޅާފައިވާ ވަކި ގައިޑްލައިންތަކެއްގެ ތެރެއިންނެވެ. އެގޮތުން ރާއްޖެއިން އެކަށީގެންވާ ފަރުވާ ދެމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ތެލަސީމިއާ ކުދިން ހަދަން ޖެހޭ ޓެސްޓްތައް ހަދަން ނާންގާ ކަމަށް ބުނާ މައްސަލާގައި ނަޔާޒު ވިދާޅުވީ ރާއްޖެ އިން ނުހެދެނީ އެމްއާރުއައި މެޝިނުން ހަދަން ޖެހޭ "ޓީޓޫ ސްޓާ" ޓެސްޓް އެކަނި ކަމަށެވެ. އެ ޓެސްޓް ހަދަންޖެހޭ ކުދިން ވެސް ރާއްޖެ އިން ބޭރަށް ފޮނުވައިގެން އެކަން ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ތެލެސީމިއާ ކަންކަން ހަރުދަނާކުރަން ސައިޕްރަސްގެ އެހީ
ތެލެސީމިއާ ދަފްތަރުގައި މި އަހަރު އަލަށް 13 ކުދިން
ރާއްޖޭގައި ކްރޮސްމެޗު ޓެސްޓު ސާމްޕަލް ނެގޭގޮތް ހަދައިފި
ތެލެސީމިއާ އަށް ހުރިހާ ދިވެހިން ޓެސްޓުކުރަނީ
ހޮސްޕިޓަލްގެ "އިހުމާލުން" މީހަކު މަރުވި މައްސަލައެއް!
ތެލެސީމިއާއިން ސަަލާމަތްވެފައި އޮތީ އެންމެ އަތޮޅެއް
އަޖައިބެއް، ރާއްޖޭގައި އިހުމާލު މަރެއް ނެތް؟
ކޮވިޑް މަރު: ވަސިއްޔަތް އަހައި ޝަހާދަތްލައިދޭ ނަރުހުން
ހުއްދަނެތް ފަރުވާއަކުން ތެލަސީމިއާ ކުއްޖަކު މަރުވެއްޖެ
ތެލެސީމިއާ ކުދިންނާ ގުޅޭ ވައުދު ފުއްދައިފި