Roadha Mihaaru
ފަރިވާގައި ރޯވީ ސްޓެލްކޯގެ އިހުމާލުންކަން ސާބިތެއް ނުވި

ފަރިވާ ފިހާރާގައި ރޯވީ ސްޓެލްކޯގެ އިހުމާލުކަން ސާބިތެއް ނުވޭ: ހައި ކޯޓް

20 ޖުލައި 2019

ފަރިވާ ފިހާރާގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާ ހިނގީ ސްޓެލްކޯގެ އިހުމާލުން ކަން ސާބިތުނުވާ ކަމަށް ހައި ކޯޓުން ވެސް ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ފަރިވާ ފިހާރާގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާ ހިނގީ ސްޓެލްކޯގެ އިހުމާލުން ކަން ސާބިތުނުވާ ކަމަށް ހައި ކޯޓުން ވެސް ހުކުމްކޮށްފި އެވެ.

ޖެނުއަރީ، 2016 ގައި ފާމުލަދޭރި މަގުގައި ހުރި ފަރިވާ ފިހާރާގައި ރޯވެ، އެތަން ވަނީ އެއްކޮށް އަނދައި، ހުލިވެފަ އެވެ. އެ މައްސަލާގައި އެ ފިހާރައިގެ ވެރިޔާ ހުސައިން ރަޝީދު ދައުވާ ކުރީ އެތަނުގައި އަލިފާން ރޯވީ އެ މަގުގައި ސްޓެލްކޯއިން ބަހައްޓާފައި ހުރި ކަރަންޓް ފޮށީގައި ރޯވެ، ފިހާރައާ ހަމައަށް އަލިފާން ގޮސްގެން ކަމަށްވާތީ ގެއްލުމުގެ ބަދަލަށް 33 މިލިއަން ރުފިޔާ ހޯދުމަށެވެ.

އެ މައްސަލާގައި ސިވިލް ކޯޓުން ކުރިން ނިންމާފައި އޮތީ އެ ފިހާރާގައި ރޯވީ ސްޓެލްކޯގެ ކަރަންޓް ފޮށީގެ ސަބަބުންކަން ސާބިތުނުވާ ކަމަށެވެ. އެ މައްސަލަ ހުސައިންގެ ފަރާތުން އިސްތިއުނާފް ކުރުމުން މިދިޔަ ބުރާސްފަތި ދުވަހު ހައި ކޯޓުން ވެސް ނިންމީ ދަށު ކޯޓުގެ ހުކުމް ރަނގަޅު ކަމަށާއި އެކަމުގެ ސްޓެލްކޯގެ އިހުމާލެއް އޮތްކަން ސާބިތުނުވާ ކަމަށެވެ.

ހައި ކޯޓުގެ ހުކުމުގައިވަނީ ކަރަންޓް ފޮށީގެ މަތީގައި ރޯވެފައި ހުއްޓާ ފެނުނު ކަމަށް ދަށު ކޯޓުގައި ތިން މީހަކު ހެކިބަސް ދީފައި ވިޔަސް، އެ ހާދިސާގައި އަލިފާން ރޯވެގެން އައީ އެ ފޮށި ތެރެއިން ކަން ހެކިންގެ ބަހުން އެނގެން ނެތް ކަމަށެވެ. އަދި އެ މައްސަލާގައި ފުލުހުން ހެދި ފޮރެންސިކް ރިޕޯޓުގައި، ކަރަންޓް ފޮށި ތެރޭގެ އެއްވެސް ކޭބަލެއްގައި ރޯވެފައި ނެތް ކަމަށާއި އެ ފޮށީގެ ތެރޭގައި ރޯވި ކަމަށް ނުބެލެވޭ ކަމަށް ބުނެފައި އެބައޮތް ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.

ހުކުމުގައިވާ ގޮތުން އެ ހާދިސާގައި އަލިފާން ރޯވެގެން އައީ ކަރަންޓް ފޮށި ތެރެއިން ކަމަށް ބެލިޔަސް، އެކަމުގެ ޒިންމާ ސްޓެލްކޯއިން ނަގަން ޖެހޭނީ އެ ކުންފުނިން އަދާކުރަން ޖެހޭ ގާނޫނީ ވާޖިބެއް އޮތުމާއި އެ ވާޖިބާ އެ ކުންފުނިން ޚިލާފްވިކަން ސާބިތުވެފައިވާ ނަމަ އެވެ. އެކަމަކު އެ މައްސަލާގައި ހުށަހެޅި ހެކިތަކުން އެކަން ސާބިތުކޮށް ދެވިފައި ނެތް ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.

އެހެންވެ، ދަށު ކޯޓުގެ ހުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށް އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި އެ ހުކުމުގައިވެ އެވެ.

އެ މައްސަލަ ބެއްލެވީ ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު ހުސައިން ޝަހީދުގެ އިތުރުން ފަނޑިޔާރު ހަސަން އަލީ އެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ނިޔާޒެވެ.