Roadha Mihaaru

ވިލުފުށިން ރޯވި ދޯނީގެ ވެރިޔާގެ ހަށިގަނޑުން 37 ޕަސެންޓު ފިހިފައި!

ތ. ވިލުފުށީގެ ދެ ދޯންޏެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި ފިހިގެން މާލެ ގެނައި އެ ދޯނީގެ ވެރިމީހާގެ 37 ޕަސެންޓް ފިހިފައިވާކަން އެނގިއްޖެ އެވެ.

ވިލުފުށިން ރޯވި ދޯނި ވެރިމީހާގެ 37 ޕަސެންޓް ފިހިފައި
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

17 ޖުލައި 2025

ތ. ވިލުފުށީގެ ދެ ދޯންޏެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި ފިހިގެން މާލެ ގެނައި އެ ދޯނީގެ ވެރިމީހާގެ 37 ޕަސެންޓް ފިހިފައިވާކަން އެނގިއްޖެ އެވެ.

އެ ރަށު ބަނދަރުގައި އޮތް ތެޔޮ އުފުލާ ދެ ދޯންޏެއްގައި ރޯވީ މި މަހުގެ ފުރަތަމަ ދުވަހު އެވެ. އެ ހާދިސާގައި ފިހުނީ ދޯނީގެ ވެރިމީހާ، މަހުމޫދު މުހައްމަދު އިތުރުން ބިދޭސީއެކެވެ.

އެ ހާދިސާގައި ބިދޭސީ މީހާ އަށް އެހާ ބޮޑުވަރު ނުވި ނަމަވެސް އުމުރުން 50 އިން މަތީގެ މަހުމޫދު އޮތީ ވަރަށް ބޮޑަށް ފިހިފަ އެވެ. އެހެންވެ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށް ފަހު، އޭނާ މާލެ ގެނެސް ފަރުވާދޭން ފެށި އެވެ.

މަހުމޫދުގެ ގާތް މީހަކު "މިހާރު" އަށް ބުނީ އެ ހާދިސާގައި މަހުމޫދު ހަށިގަނޑުގެ 37 ޕަސެންޓު ފިހުނު ކަމަށެވެ. މިހާރު ވެންޓިލޭޓަރުން ނަގާފައިވާ ކަމަށާއި ފަރުވާދެމުން އަންނަނީ ވޯޑުގައި ކަމަށް ވެސް އޭނާ ބުންޏެވެ.

"އަލިފާނުގެ ހާދިސާތަކުގައި ފިހޭ މީހުން ލާ ޔުނިޓްގައި ފަރުވާދެނީ. ކައިބޮއެ ވާހަކަދައްކާ ހަދާ، ހާލު ރަނގަޅުވަމުން އަންނަނީ،" އޭނާ ބުންޏެވެ.

އެ ހާދިސާގައި ފުރަތަމަ ދޯނީގައި ރޯވީ ޕެޓްރޯލް ފުލްކޮށް ހުއްޓާ ޕަމްޕު ޖެއްސުމުން ކަމަށާއި ދެ ވަނަ ދޯނީގައި ރޯވި ކަމަށް ލަފާކުރެވެނީ ފުރަތަމަ ދޯނީގައި ރޯވި އަލިފާނުގެ އަސަރު ކޮށްގެން ކަމަށް ކައުންސިލުން އެ ދުވަހު ބުންޏެވެ.

މިއީ މަހުމޫދުގެ ތެޔޮ ދޯންޏެއްގައި ރޯވި ދެވަނަ ފަހަރެވެ. މި ފަހަރު ރޯވި އެއް ދޯންޏަކީ މީގެ ދެ އަހަރު ކުރިން ހިނގި ހާދިސާއެއްގައި ވެސް ރޯވި ދޯންޏެވެ. އެހާ ބޮޑުވަރު ނުވާތީ ހާދިސާއަށް ފަހު ދޯނި މަރާމާތުކޮށް އަލުން އޭނާ އައި ބޭނުން ކުރަމުންނެވެ.

މި ފަހަރުގެ ހާދިސާގައި ދެ ދޯނި ވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފަ އެވެ.