Roadha Mihaaru
ފިހިގެން ފަރުވާދޭ މީހާ ވެންޓިލޭޓަރުން ނަގައިފި

ފިހިގެން ފަރުވާދޭ މީހާ ވެންޓިލޭޓަރުން ނަގައިފި، ހާލު ރަނގަޅު: އައިޖީއެމްއެޗް

20 ނޮވެމްބަރ 2022

މ. ނިރުފެހި ގޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ފިހިގެން، އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނަ ބަންގުލަދޭޝްގެ މީހާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މ. ނިރުފެހި ގޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ފިހިގެން، އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނަ ބަންގުލަދޭޝްގެ މީހާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.

އެ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އައިސީޔޫގައި ފަރުވާދެމުން އައި އެ މީހާ ވެންޓިލޭޓަރުން ނަގައި، މިއަދު ހެނދުނު ވޯޑަށް ބަދަލުކޮށްފައިވާ ކަމަށެވެ.

"އޭނާގެ ހާލު ކުރިއަށް ވުރެ ވަރަށް ބޮޑަށް އަންނަނީ ރަނގަޅުވަމުން،" އޭނާ ވިދާޅުވި އެވެ.

ފުލުހުން މިއަދު ބުނީ އެ ހާދިސާގައި މަރުވި 10 މީހުންގެ ހަށިގަނޑު ވެސް މިހާރު އެ މީހުންގެ ގައުމަށް ފޮނުވާލާފައިވާ ކަމަށެވެ. އެއީ އިންޑިއާގެ އަށް މީހުންނާއި ބަންގުލަދޭޝްގެ ދެ މީހެކެވެ.

މަރުވި ބައެއް މީހުންގެ ހަށިގަނޑު ވަރަށް ބޮޑަށް ފިހި، ކާކުކަން ދެނެގަންނަން އުނދަގޫވި އެވެ.

މިހާތަނަށް މާލޭގައި ހިނގި އެންމެ ބޮޑު އަލިފާނުގެ ހާދިސާ ހިނގީ ނިރުފެހިގޭގެ ތިރީގައި ހުންނަ ޖަރާޖެއްގައި ރޯވެގެންނެވެ. އެ ގޭގައި މަތީ ފްލޯގައި ދިރިއުޅުނީ ބިދޭސީ މަސައްކަތްތެރިންނެވެ. އޭގެ ތެރޭގައި ބަންގްލަދޭޝް، ސްރީ ލަންކާ އަދި އިންޑިއާ މީހުން ވެސް ހިމެނެ އެވެ.