Roadha Mihaaru
އަލިފާނުގެ ހާދިސާ: ބިދޭސީންނަށް އެހީވާން ދެ ލައްކަ

އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު ބިދޭސީންނަށް އެހީވާން 200،000ރ. އެއްކޮށްފި

16 ނޮވެމްބަރ 2022

މިދިޔަ ހަފުތާގެ ބުދަ ދުވަހުގެ ރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު ބިދޭސީންނަށް އެހީވުމަށް މިޝަން ފޯ މައިގްރެންޓް ވޯކާސް މޯލްޑިވްސް އިން ހުޅުވާލި ފަންޑަށް 200،000ރ. ލިބިއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މިދިޔަ ހަފުތާގެ ބުދަ ދުވަހުގެ ރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު ބިދޭސީންނަށް އެހީވުމަށް މިޝަން ފޯ މައިގްރެންޓް ވޯކާސް މޯލްޑިވްސް އިން ހުޅުވާލި ފަންޑަށް 200،000ރ. ލިބިއްޖެ އެވެ.

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނަށް އެހީވާ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ، މިޝަން ފޯ މައިގްރެންޓް ވޯކާސް މޯލްޑިވްސް އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ 48 ގަޑިއިރަށް ހުޅުވާލި އެ ފަންޑަށް ވަރަށް ބޮޑު ތަރުހީބެއް އާންމުންގެ ފަރާތުން ލިބުނު ކަމަށެވެ.

އެ ފަންޑަށް 192،954.43ރ. އާއި 1،078 ޑޮލަރު (16،622.76ރ.) ލިބިފައިވާ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

ދިވެހި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ހަވާލާދީ، އެ ޖަމިއްޔާއިން ބުނިގޮތުގައި، މ. ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާގައި 33 ބިދޭސީއަކު ހާލުގައި ޖެހި 10 ބިދޭސީއަކު މަރުވި އެވެ. އެހެންވެ، އެ ފަންޑަށް ލިބުނު ފައިސާ، ހާލުގައި ޖެހިފައިވާ 33 ބިދޭސީންނާއި މަރުވި މީހުންގެ އާއިލާތަކަށް އެހީވުމަށް ހަމަހަމަކޮށް ބަހާނެ ކަމަށް ބުންޏެވެ.

މ. ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާ އަށް ފަހު އެ ގޭގައި ދިރިއުޅޭ މީހުން ދަންނަ ބައެއް ބިދޭސީން، މަރުވި މީހުންގެ ހަށިގަނޑު އޮތް ގަލޮޅު މޯޗަރީ ކައިރީގައި މަޑުކޮށްލައިގެން: އެ ހާދިސާގައި 33 ބިދޭސީއަކު ވަނީ ހާލުގައި ޖެހިފައި -- ފޮޓޯ: ނިޝާން އަލީ | މިހާރު

މ. ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާ އަށް ފަހު އެ ގޭގައި ދިރިއުޅޭ މީހުން ދަންނަ ބައެއް ބިދޭސީން، މަރުވި މީހުންގެ ހަށިގަނޑު އޮތް ގަލޮޅު މޯޗަރީ ކައިރީގައި މަޑުކޮށްލައިގެން: އެ ހާދިސާގައި 33 ބިދޭސީއަކު ވަނީ ހާލުގައި ޖެހިފައި -- ފޮޓޯ: ނިޝާން އަލީ | މިހާރު

އެ ފަންޑަށް ލިބުނު ފައިސާ ހޭދަކުރަން ނިންމާފައި ވަނީ ހަތަރު ބަޔަކަށް ބަހާލައިގެންނެވެ. އޭގެ ތެރެއިން މިހާރު އެހީ ދޭން ނިންމާފައި ވަނީ ތިން ބަޔަކަށެވެ. އެއީ؛

• ޕްރިޔޯރިޓީ 1: ހާދިސާގައި މަރުވި 10 މީހުންގެ އާއިލާއަށާއި އެޑްމިޓް ކޮށްގެން ފަރުވާދެމުން އަންނަ މީހާ އަށް އެހީވުމަށް ފަންޑުގެ 50 ޕަސެންޓް ހޭދަކުރާނެ.

• ޕްރިޔޯރިޓީ 2: ހާދިސާގައި ހިޔާވަހިކަން ގެއްލުނު 10 މީހަކަށާއި ވަޒީފާ ދީފައިވާ ފަރާތުން ބަލަހައްޓަމުން އަންނަ ތިން މީހަކަށް ފަންޑުގެ 40 ޕަސެންޓް ހޭދަކުރާނެ.

• ޕްރަޔޯރިޓީ 3: އަލިފާނުގެ ހާދިސާ ހިނގި ގެއާ ކައިރީގައި ދިރިއުޅުނު މީހުންގެ ތެރެއިން ހާލުގައި ޖެހުނު 12 މީހަކަށް ފަންޑުގެ 10 ޕަސެންޓް ހޭދަކުރާނެ.

މިޝަން ފޯ މައިގްރެންޓް ވޯކާސް މޯލްޑިވްސް އިން ބުނީ އެ ފަންޑު ހުޅުވާލީ ހާލުގައި ޖެހުނު މީހުންނަށް އެހީވާން ބޭނުންވާ އާންމުންނަށް އެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ކަމަށެވެ. ދިވެހިންނާއި ބިދޭސީ މަސައްކަތްތެރިންގެ މެދުގައި އޮތް ގުޅުން ބަދަހިކޮށް، އެހީތެރިކަން ފޯރުކޮށްދިނުމަކީ ވެސް އެ ފަންޑު ހުޅުވާލަން ނިންމި މަގުސަދެއް ކަމަށެވެ.

އެ ފަންޑަށް ލިބުނު ފައިސާ ހޭދަކުރަނީ ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ އެކު ހެދި އެސެސްމަންޓަކަށް ބެލުމަށް ފަހު ކަމަށާއި އެންމެ ބޮޑަށް އެހީތެރިކަން ބޭނުންވެފައިވާ މީހުންނަށް އެ ފައިސާ ލިބޭނެ ކަމުގެ ޔަގީން ވެސް އެ ޖަމިއްޔާއިން ދިނެވެ.

ހާލުގައި ޖެހިފައިވާ މީހުންނާ މިހާރު ވެސް މުއާމަލާތް ކުރަމުން އަންނަ ކަމަށާއި އަންނަ ހަފުތާގައި އެ މީހުންނަށް މި ފަންޑުން އެހީދޭން ފެށޭނެ ކަމަށް ޖަމިއްޔާ އިން ބުންޏެވެ.

މިހާތަނަށް ރާއްޖޭގައި ހިނގި އެންމެ ބޮޑު އަލިފާނުގެ ހާދިސާގައި 10 މީހަކު މަރުވެ، ގިނަ ބަޔަކު ހާލުގައި ޖެހުނެވެ. އެ ހާދިސާ ހިނގަން މެދުވެރިވި ގޮތް ފުލުހުން މިހާރު އަންނަނީ ތަހުގީގުކުރަމުންނެވެ. ރޯވި ގެ ސާފުކުރަމުން އަންނަނިކޮށް އިއްޔެ ވަނީ މީހެއްގެ ފައިތިލަ ވެސް ފެނިފަ އެވެ. އެކަމަކު އެކަމާ ގުޅޭ މާ ބޮޑު ތަފުސީލެއް ފުލުހުން އަދި ނުދެ އެވެ.

އެ ހާދިސާގައި ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް ސަރުކާރުން ވެސް މިހާތަނަށް ބޮޑު ހޭދައެއް ކޮށްފައިވެ އެވެ. ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މީގެ ދެ ދުވަސް ކުރިން ބުނީ އެކަމަށް މިހާތަނަށް ދައުލަތުން 135،000ރ. ހަރަދުކޮށްފައިވާ ކަމަށެވެ.