Roadha Mihaaru
ބިދޭސީން ދިރިއުޅޭ ތަންތަން މޮނީޓަކުރިޔަސް އަޅާނުލި

ބިދޭސީން ދިރިއުޅޭ ތަންތަން މޮނީޓަ ކުރިޔަސް ސަރުކާރުން އަޅައެއް ނުލި: ސިޓީ ކައުންސިލުން

10 ނޮވެމްބަރ 2022

މާލޭ ސިޓީ ކައުންސިލުގެ މިދިޔަ ދައުރާއި މި ދައުރުގައި ވެސް ބިދޭސީން ދިރިއުޅޭ ތަންތަނުގެ ހާލަތު މޮނިޓަކޮށް، ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް މައްސަލަތައް ހުށަހެޅިޔަސް ކަންކަން ހައްލުކުރަން އެއްބާރުލުން ލިބިފައި ނުވާ ކަމަށް އެ ކައުންސިލުން މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާލޭ ސިޓީ ކައުންސިލުގެ މިދިޔަ ދައުރާއި މި ދައުރުގައި ވެސް ބިދޭސީން ދިރިއުޅޭ ތަންތަނުގެ ހާލަތު މޮނިޓަކޮށް، ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް މައްސަލަތައް ހުށަހެޅިޔަސް ކަންކަން ހައްލުކުރަން އެއްބާރުލުން ލިބިފައި ނުވާ ކަމަށް އެ ކައުންސިލުން މިއަދު ބުނެފި އެވެ.

މީޑިއާ އޮފިޝަލް މަރިޔަމް ޝިއުނާ އެހެން ވިދާޅުވީ މ. ސެންޑްރޯސްގެ ގަރާޖުގައި ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ގިނަ ބަޔަކު މަރުވުމާ ގުޅިގެން، ސިޓީ ކައުންސިލުގެ މީޑިއާ ވަޓްސްއެޕް ގްރޫޕުގައި ނޫސްވެރިން ކުރި ސުވާލުތަކަށް ފޮނުއްވި ޖަވާބުގަ އެވެ. އެއީ ގިނަ އަދަދެއްގެ ބިދޭސީން ދިރިއުޅު ގެއެކެވެ. ނޫސްވެރިން ސުވާލުކުރީ ތޮއްޖެހިގެން ބިދޭސީން އުޅޭ އެފަދަ ތަންތަނުގެ ހާލަތު އެ ކައުންސިލުން މޮނިޓާކުރޭތޯ އެވެ.

ޝިއުނާ ވިދާޅުވީ މިހާރުގެ ކައުންސިލާއި ކުރީގެ ކައުންސިލުން ވެސް ބިދޭސީން ދިރިއުޅޭ ތަންތަނުގެ ހާލަތު މޮނީޓަކޮށް، އެ ތަންތަނާ ބެހޭ މައުލޫމާތު އެއްކޮށް ސާވޭއެއް ވެސް ކޮށްފައިވާ ކަމަށެވެ.

އަލިފާނުގެއަލިފާނުގެ ހާދިސާ ހިނގި މ. ސެންޑްރޯސްގެ ތެރެއިން ސިފައިން ބައެއް އެއްޗެހި ނެރެނީ -- ފޮޓޯ: ނިޝާން އަލީ | މިހާރު

އަލިފާނުގެއަލިފާނުގެ ހާދިސާ ހިނގި މ. ސެންޑްރޯސްގެ ތެރެއިން ސިފައިން ބައެއް އެއްޗެހި ނެރެނީ -- ފޮޓޯ: ނިޝާން އަލީ | މިހާރު

"އެ ކަންބޮޑުވުންތައް ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކާ ވެސް ވަނީ ހިއްސާ ކުރެވިފައި،" އޭނާ ވިދާޅުވި އެވެ.

ޝިއުނާ ވިދާޅުވި ގޮތުގައި، އެ މައްސަލަ ހައްލުކުރަން މި ކައުންސިލުން ގަރާޖު ފަދަ ތަންތަން އިންޑަސްޓްރިއަލް ވިލެޖަށް ބަދަލުކުރުމުގެ މަސައްކަތް ފެށިޔަސް، ޕްލޭނިން މިނިސްޓްރީން މުޅި އެ ސަރަހައްދު އަތުލައި ބްރިޖުގެ މަސައްކަތަށް ދީފަ އެވެ.

"އޭގެ އިތުރުން ފަޅުމަތީ މަގުގައި ހުސްކޮށް ހުރި ބިންތަކާ ވިލާ ގޭސްގެ ބިއްދަށުން އޮންނަ އާރްޑީސީގެ ބިން ނަގައި އާރްޑީސީ އަށް އެހެން ބިމެއް ދިނުމަށް ފަހު، އެ ސަރަހައްދުގައި މާލޭގައި މިގޮތަށް ހުރި ގަރާޖު އަދި ވޯކްޝޮޕްތައް ބަދަލުކުރުމުގެ މަސައްކަތް ފެށުމުން، ޕްލޭނިން މިނިސްޓްރީން ވަނީ އެކަން ހުއްޓުވައިފައި،" އޭނާ ވިދާޅުވި އެވެ.

މިއީ މިހާތަނަށް މާލޭގައި ހިނގި އެންމެ ނުރައްކާތެރި އަދި ހިތާމަވެރި އަލިފާނުގެ ހާދިސާ އެވެ. އެ ހާދިސާގައި 10 މީހަކު މަރުވެފައިވާ ކަމަށް ފުލުހުން ބުނެ އެވެ. މަރުވި މީހުންގެ އަދަދު އެއަށް ވުރެ ގިނަވުން ވެސް އެކަށީގެންވާ ކަމަށް ބުންޏެވެ. އަދި ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ބައެއް މީހުންނަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ވެސް ބުންޏެވެ.