Roadha Mihaaru
ކުދިކުދި ގޮޅިތަކުގައި 28 ގޭސްފުޅި ހުރި!

އަލިފާނުގެ ހާދިސާ: ކުދިކުދި ގޮޅިތަކުގައި 28 ގޭސްފުޅި ހުރި!

10 ނޮވެމްބަރ 2022

މާލޭގައި ރޭ އަލިފާނުގެ ހާދިސާ ހިނގި މ. ސެންޑްރޯސްގައި ބިދޭސީން ދިރިއުޅުނު ތަނުގައި 28 ގޭސްގުޅި ހުރި ކަން "މިހާރު" އަށް އެނގިއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

މާލޭގައި ރޭ އަލިފާނުގެ ހާދިސާ ހިނގި މ. ސެންޑްރޯސްގައި ބިދޭސީން ދިރިއުޅުނު ތަނުގައި 28 ގޭސްގުޅި ހުރި ކަން "މިހާރު" އަށް އެނގިއްޖެ އެވެ.

އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގައި ހުންނަވައިގެން މީޑިއާއާ ވާހަކަ ދައްކަވަމުން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސްގެ ކޮމަޑާންޑަރު ކާނަލް އިބްރާހިމް ރަޝީދު ވިދާޅުވީ ގަރާޖުގެ ފުރަތަމަ އަދި ދެވަނަ ފްލޯގައި މީހުން ނިދާ ކޮންމެ އެނދެއް ކައިރީގައި ކައްކާ ގޭސްފުޅި ހުރި ކަމުގެ މައުލޫމާތު ލިބޭ ކަމަށެވެ.

އެ ގަރާޖުގެ ވެރި ފަރާތުން "މިހާރު" އަށް ބުނި ގޮތުގައި ގަރާޖުގެ މަތީ ފްލޯތަކުގައި ހަދާފައި 28 ކޮޓަރި ހުރެ އެވެ. ގާތްގަނޑަކަށް 600 އަކަފޫޓުގެ އެ ތަނުގައި ކޮންމެ ކޮޓަރިއަކީ ހުންނަނީ އެނދަކާއި ކައްކާނެ ގޭސްފުޅިއެއް ބެހެއްޓޭނެ ޖާގަ އެވެ.

"ވަރަށް ބައިވަރު ސިލިންޑަރުތައް ހުރި. އެއާއެކު މަތީގައި ފަސްޓް އަދި ސެކަންޑް ފްލޯގައި ބިދޭސީން ކައްކަން ވެސް ކޮންމެ އެނދެއް ކަހަލަ ގޮތަކަށް ކައްކާ ގޭސްފުޅި ހުރި،" ކާނަލް އިބްރާހިމް ރަޝީދު ވިދާޅުވި އެވެ.

އަލިފާން ރޯވާން މެދުވެރިވީ ސަބަބެއް އަދި ފުލުހުންނަށް ދެނެގަނެވިފައި ނުވެ އެވެ. ނަމަވެސް އަލިފާންގަނޑު ބޮޑުވެ އަވަހަށް ކޮންޓްރޯލް ކުރަން އުނދަގޫވީ ގިނަ އަދަދެއްގެ ގޭސްފުޅިތައް ގޮވައިގެން ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

އެ ހާދިސާގައި މިހާތަނަށް 11 މީހުން މަރުވި އިރު އަދިވެސް އިތުރު ހަށިގަނޑުތަކެއް ފެނިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އިތުރު ބަޔަކު މަރުވިތޯ ބެލުމަށް އެ ތަން ސާފު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ. މަރުވި މީހުންގެ ތެރޭގައި ގިނައީ އިންޑިއާގެ މީހުންނެވެ.

ހާދިސާ އާ ބެހޭ އިތުރު މައުލޫމާތު:

- ފުރަތަމަ ފެނުނު ދެ މީހުން އައިޖީއެމްއެޗަށް ގެންދިޔަ

- އޭގެ ތެރެއިން އެކަކު މަރުވެ، އަނެކަކު ކްރިޓިކަލް ހާލުގައި ފަރުވާ ދެނީ

ގަރާޖުގެ ވެރިފަރާތުން ބުނި ގޮތުގައި އެ ތަނުގައި މުޅިން ވެސް މަސައްކަތް ކުރަނީ އިންޑިއާ އާއި ބަންގްލަދޭޝްގެ މީހުންނެވެ.