Roadha Mihaaru
އަލިފާނުގެ ހާދިސާގައި މަރުވި ބައެއް މީހުން ދެނެނުގަނެވޭ

ނިރުފެހިގޭގެ އަލިފާނުގެ ހާދިސާގައި މަރުވި ބައެއް ބިދޭސީން ދެނެނުގަނެވޭ: އިހުސާން

14 ޖުލައި 2024

މ. ނިރުފެހިގޭގައި މީގެ ދެ އަހަރު ކުރިން ހިނގި އަލިފާނުގެ ހާދިސާގައި މަރުވި 10 ބިދޭސީންގެ ތެރެއިން ބައެއް މީހުން އަދިވެސް ދެނެނުގަނެވޭ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މ. ނިރުފެހިގޭގައި މީގެ ދެ އަހަރު ކުރިން ހިނގި އަލިފާނުގެ ހާދިސާގައި މަރުވި 10 ބިދޭސީންގެ ތެރެއިން ބައެއް މީހުން އަދިވެސް ދެނެނުގަނެވޭ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.

ނޮވެމްބަރު 13، 2022 ގައި ހިނގި އެ ހާދިސާ އަކީ ރާއްޖޭގައި މިހާތަނަށް ހިނގައިދިޔަ އެންމެ ބޮޑު އަލިފާނުގެ ހާދިސާ އެވެ. އެއީ އެންމެ ގިނަ މީހުން މަރުވި އަލިފާނުގެ ހާދިސާ ވެސް އެވެ.

ތިން ބުރިއަށް ހުންނަ އެ ގޭގެ އެންމެ ތިރީގައި ގަރާޖެއް ހިންގަމުން އައިސްފައިވާއިރު، މަތީ ދެ ފުލޯގައި ދިރިއުޅުނީ އިންޑިއާ އާއި ސްރީ ލަންކާ އަދި ބަންގްލަދޭޝްގެ މަސައްކަތްތެރިންނެވެ. އެ ހާދިސާގައި މަރުވީ އިންޑިއާގެ 8 މީހަކާއި ބަންގްލަދޭޝްގެ ދެ މީހަކުކަން ޔަގީންވާ ނަމަވެސް އެ މީހުންގެ ސިފަ ވަކި ނުވާ ވަރަށް ފިހިފައިވާ ކަމަށް ކަމާ ގުޅޭ އިދާރާތަކުން އޭރު ވެސް ބުނެފައި ވެ އެވެ.

ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ބިދޭސީންނަށް ހާއްސަ އެކޮމަޑެޝަން ބްލޮކްތަކެއް އެޅުމުގެ ވިސްނުން ގެންގުޅުއްވާކަން ހާމަ ކުރައްވަމުން އިހުސާން ވިދާޅުވީ، މިދިޔަ އަހަރު ހިނގި އެ ހާދިސާގައި މަރުވީ ކިތައް މީހުންކަން އެނގުނީ ވެސް އަލިފާންގަނޑު ކޮންޓްރޯލް ކުރުމުން ކަމަށެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވާހަކަ ދައްކަވަނީ: ބިދޭސީން ތިބޭ ތަންތަން މެލޭޝިއާ ކުންފުނިން ހަދާނީ ދިރިއުޅޭ ހާލަތު ރަނގަޅުވާނެ ގޮތަށް ކަމަށް ވިދާޅުވި - ފޮޓޯ: ފަޔާޒް މޫސާ / މިހާރު

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވާހަކަ ދައްކަވަނީ: ބިދޭސީން ތިބޭ ތަންތަން މެލޭޝިއާ ކުންފުނިން ހަދާނީ ދިރިއުޅޭ ހާލަތު ރަނގަޅުވާނެ ގޮތަށް ކަމަށް ވިދާޅުވި - ފޮޓޯ: ފަޔާޒް މޫސާ / މިހާރު

"އެނގިވަޑައިގަންނަވާނެ އަލިފާނުގެ ހާދިސާއެއް ރާއްޖޭގައި، މާލޭގައި ހިނގި. ހިނގައިގެން އެ ހާދިސާ ހިނގި ތަނުގައި ތިބީ ކިތައް މީހުންތޯ ވެސް އަޅުގަނޑުމެންނަށް އެނގުނީ އަލިފާން ނިވި، މީހުންގެ ހަށިގަނޑު ގުނައިގެން، އެ ތަނުން ފެނުނު މީހުންގެ. އަދި އަދަށް ދާންދެން ވެސް އޭގެ ތެރެއިން ބައެއް މީހުންނަކީ އައިޑީ ނުކުރެވޭ މީހުން،" އިހުސާން ވިދާޅުވި އެވެ.

ބައްޔެއް ފެތުރޭ ނަމަ ނުވަތަ އެހީތެރިކަން ފޯރުކޮށްދޭން ޖެހިއްޖެ ނަމަ އެ ތަނެއްގައި ތިބީ ކިތައް ބިދޭސީންކަން އެނގިގެން ނޫނީ އެ މީހުންނަށް ބޭނުންވާ އެހީ، ނުވަތަ ސެކިޔުރިޓީ ފޯރުކޮށް ނުދެވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް ހާއްސަކޮށް އެކޮމަޑޭޝަން ބްލޮކްތަކެއް ގާއިމްކުރުމަށް މެލޭޝިއާގެ ކުންފުންޏަކުން ހޯމް މިނިސްޓްރީއަށް ޕްރޮޕޯސަލެއް ހުށަހަޅާފައިވާ ކަމަށާއި އެ ޕްރޮޕޯސަލްގައިވާ ކަންކަމަކީ ސަރުކާރުން ވެސް ބޭނުންވާ ކަންކަމަށް ވާތީ އެކަމާ މެދު ވިސްނަމުން އަންނަ ކަމަށް މިނިސްޓަރު މިއަދު ވިދާޅުވި އެވެ.

ރާއްޖޭގައި އުޅޭ ބިދޭސީން ބޭއްތިބުމަށް އެކޮމަޑޭޝަން ފެސިލިޓީތަކެއް އަޅަން ޝައުގުވެރިކަން ފާޅުކޮށް، ދިވެހި ސަރުކާރަށް ޕްރޮޕޯސަލް ފޮނުވާފައިވަނީ މެލޭޝިއާގެ އަލްޓައިޒް ޑިޖިޓަލް ކުންފުނިން އަމިއްލައަށެވެ