Roadha Mihaaru

ދޯންޏެއްގައި އެއްޗެއް ގޮވައި ފިހުނު ދެ މީހުން އައިސީޔޫގައި!

އއ. މާޅޮހު ދޯންޏެއްގައި އެއްޗެއް ގޮވައި ރޭ ހިނގި ހާދިސާގައި ފިހުނު ދެ މީހުންނަށް ވެސް ފަރުވާދެމުން އަންނަނީ އައިސީޔޫގައި ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.

މާޅޮހުގައި ފިހުނު ދެ މީހުން އައިސީޔޫގައި!
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

27 ޖުލައި 2025

އއ. މާޅޮހު ދޯންޏެއްގައި އެއްޗެއް ގޮވައި ރޭ ހިނގި ހާދިސާގައި ފިހުނު ދެ މީހުންނަށް ވެސް ފަރުވާދެމުން އަންނަނީ އައިސީޔޫގައި ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.

"ނަސްރު 7"، ދޯނީގައި ރޭ 8:45 ހާއިރު ހިނގި އެ ހާދިސާގައި ފިހުނީ ދޯނީގައި ގެންގުޅޭ އިންޑިއާގެ ދެ ބިދޭސީއެކެވެ. އެއީ 40 އަހަރުގެ މީހަކާއި 33 އަހަރުގެ މީހެކެވެ.

އެ ދެ މީހުންނަށް މާޅޮހުގެ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާއަށް ވަނީ މާލެ ގެނެސްފަ އެވެ.

އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލް "މިހާރު" އަށް ވިދާޅުވީ އެ ދެ މީހުންގެ ހާލުވެސް ސީރިއަސް ކަމަށާއި ފަރުވާދެމުން އަންނަނީ އައިސީޔޫގައި ކަމަށެވެ.

"މިހާރު" އަށް ލިބިފައިވާ ފޮޓޯތަކުން ފެންނަ ގޮތުން ދެ މީހުންގެ ހަށިގަނޑުގެ ގިނަ ތަންތަން ވަނީ ވަރަށް ބޮޑަށް ފިހިފަ އެވެ.

އެ ދޯނީގެ ވެރިފަރާތް އަހުމަދު ލަތީފު ބުނީ، އެ ދޯންޏަކީ ވެލި ނެގުމަށް ގެންގުޅޭ ދޯންޏެއް ކަމަށެވެ. ދެ މީހަކަށް އަނިޔާވީ ދޯނީގެ އިންޖީނުގެ ބެޓެރި ގޮވައިގެން ކަމަށް އޭނާ ލަފާ ކުރައްވަ އެވެ.

އެ ހާދިސާގައި ދޯންޏަށް މާބޮޑު ގެއްލުމެއް ނުލިބެ އެވެ.