Roadha Mihaaru

ސައިކަލުގެ ޕެޑަލްއަކުން ޖެހި ފަޔަށް ބޮޑު އަނިޔާއެއް

ކޮންމެހެން ދާން ޖެހިގެން ނޫނީ އައިޝަތު ގުލްފާ (އައިޝާ) ރޭގަނޑު ބޭރަކަށް ނުނުކުމެ އެވެ. ދުވާލުގެ ވަގުތު ލައުންޖު ހޮސްޓެސްއަކަށް އެއާޕޯޓުގައި މަސައްކަތް ކުރުމަށް ފަހު ދެން ލިބޭ ހުރިހާ ވަގުތެއް އޭނާ ހޭދަކުރަނީ ދެ ކުދިންނާއެކު ގޭގަ އެވެ.

ސައިކަލުގެ ޕެޑަލްއަކުން ޖެހި ފަޔަށް ބޮޑު އަނިޔާއެއް
އާސިމާ ނިޒާރު
އާސިމާ ނިޒާރު

16 ސެޕްޓެމްބަރ 2025

ކޮންމެހެން ދާން ޖެހިގެން ނޫނީ އައިޝަތު ގުލްފާ (އައިޝާ) ރޭގަނޑު ބޭރަކަށް ނުނުކުމެ އެވެ. ދުވާލުގެ ވަގުތު ލައުންޖު ހޮސްޓެސްއަކަށް އެއާޕޯޓުގައި މަސައްކަތް ކުރުމަށް ފަހު ދެން ލިބޭ ހުރިހާ ވަގުތެއް އޭނާ ހޭދަކުރަނީ ދެ ކުދިންނާއެކު ގޭގަ އެވެ.

މިދިޔަ މަހުގެ 19 ވަނަ ދުވަހުގެ ރޭ ވެސް ރަހުމަތްތެރިއަކާ އެކު އައިޝާ ބޭރަށް ނުކުތީ ހަގަށް ހުންނަ ފިރިހެން ދަރިފުޅުގެ ސްކޫލު ބައްދަލުވުމަކަށް މަޖީދިއްޔާއަށް ދާށެވެ. އެކަމަކު، ސައިކަލެއްގެ ޕެޑަލްއެއްގައި ފައި ތިލަ ޖެހި، އޭނާއަށް މި ވަނީ ދުވަހަކު ވެސް އުފުލަން ނުޖެހޭ ފަދަ ވޭނެއް ތަހައްމަލުކުރަން ޖެހިފަ އެވެ.

އައިޝާ ބުނީ ސައިކަލުގެ ފަހަތުގައި އޭނާ އިންދާ ވައަތު ފައި ޖެހުނީ، މަޖީދީ މަގުން ޕިއްޒާ ބޯނާ ކުރިމަތީގައި ޕާކުކޮށްފައި އޮތް ސައިކަލެއްގެ ޕެޑަލް އެއްގައި ކަމަށެވެ. އެ ވަގުތު ތަދުވިއަސް ވަކި ހިސާބަކަށް ދިޔަތަނާ އިހުސާސް ކެނޑުނެވެ.

އައިޝާ. އޭނާ ބުނީ ވާއަތު ފަޔަށް ލިބުނު އަނިޔާތަކުގައި އުޅެމުން ދަނީ ވޭނުގައި ކަމަށް.

އައިޝާ. އޭނާ ބުނީ ވާއަތު ފަޔަށް ލިބުނު އަނިޔާތަކުގައި އުޅެމުން ދަނީ ވޭނުގައި ކަމަށް.

ފިލްމު ވެސް ކުޅެމުން އަންނަ އައިޝާ އެ ރޭ އުޅުނީ، އޮލިމްޕަސް އޭރު އަޅުވާފައި އޮތް އޭނާގެ "ލޯބިން" ފިލްމު ނިމޭ ވަގުތު ސަޕޯޓަރުންނާ ބައްދަލުކޮށްލަން ސިނަމާއަށް ވެސް ދާށެވެ. އެކަމަކު، އެއިން އެއްވެސް ތަނަކަށް ނުގޮސް އޭނާ ވަނީ އޭޑީކޭ ހޮސްޕިޓަލަށެވެ.

"ފިލްމު ނިމުނުއިރު ވެސް ސަޕޯޓަރުންނާ ބައްދަލުކޮށްލާކަށް ނުދެވުނު." އޭނާ ބުންޏެވެ.

އޭޑީކޭގެ އިމަޖެންސީ ރޫމަށް ދިއުމުން އައިޝާ ބެލީ އާއްމު ބަލިތަކުގެ ޑޮކްޓަރެކެވެ. އެއަށްފަހު، ކަފައިގެން ދިޔަ ފައިގެ 13 ތަނަކުން ފެހުމަށް ފަހު، ކޮންމެ ދެ ދުވަހުން އެއް ދުވަހު ބޭސް ބަދަލުކުރަން ދިއުމަށް އެންގި އެވެ. އެއާ އެއްގޮތަށް ބޭސްގަނޑު ބަދަލުކުރަމުން ދިޔަސް ފަޔަށް އެއްވެސް އިހުސާސެއް ނުކުރެވޭތީ އެ ވާހަކަ ނަރުހާ ހިއްސާކުރި އެވެ.

"ފައިގެ ރޮދިތައް މަތި ސާފުކުރާއިރު ވެސް ތަދު ނުވާތީ އެ ވާހަކަ ބުނީމަ ބުނީ ފައިގެ ދުޅަ ކެނޑުމުން ރަނގަޅުވާނެ ކަމަށް. އޮފީހަށް ބޭނުންވާ މެޑިކަލް ސެޓްފިކެޓު ހޯދަން އަނެއްކާ ވެސް އާއްމު ބަލިތަކުގެ ޑޮކްޓަރަކަށް ދެއްކީމަ ޕްލާސްޓިކް ސާޖަންއަކަށް ދައްކައިގެން ފަރުވާ ގެންދަން އެދުނީ ވެސް އޭގެ ހަފުތާއެއް ފަހުން،" އައިޝާ ބުންޏެވެ.

ޕެޑަލްގައި ޖެހި، އައިޝާގެ ފަޔަށް ކަފައިގެން ގޮސްފައި.

ޕެޑަލްގައި ޖެހި، އައިޝާގެ ފަޔަށް ކަފައިގެން ގޮސްފައި.

"ޖެހިގެން އައި ދުވަހު ކޮސްމެޓިކް ސާޖަން އަށް ދެއްކީމަ ބުނީ ހަންގަނޑު މަރުވެފައޭ، ސްކިން ޑްރާފްޓިން ހަދާށޭ ޖެހޭނީ. އެހެން ބުނީމަ، އިތުރު މީހެއްގެ ހިޔާލު ހޯދަން ވެގެން ޕްލާސްޓިކް ސާޖަން ޑރ. ވަހީދަށް ދެއްކީ،"

އައިޝާ ބުނީ ދެ ވަނަ ޑޮކްޓަރަކަށް ޑރ. ވަހީދުގެ ހިޔާލު ހޯދުމަށް ފަހު، އައިޖީއެމްއެޗްގައި ހިންގާ ވޫންޑް ކްލިނިކުން މި މަހުގެ 2 ވަނަ ދުވަހުން ފެށިގެން ބޭސް ބަދަލުކުރަމުން އަންނަ ކަމަށެވެ. އަދި އެ ހާލަތަށް ރަނގަޅު ކުރިއެރުމެއް އަންނަ ކަމަށް ބުންޏެވެ.

"ނަރުތައް ކޮށާފައި ބެލިއިރު މަރުވެފައި ހުރި މަސްތައް ކުޑަ. އެކަމަކު، ފިޒިކަލީ އަދި މެންޓަލީ ވެސް ހަމަ ޑިޕްރެސް،" އައިޝާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ޕެޑަލް ޖެހިގެން ލިބުނު ޒަހަމްތަކަށް ފަހު ފައިތިލަ ޖައްސައިގެން އެއްގޮތަކަށް ވެސް ނުހިނގެ އެވެ. އަދި ފައިގައި ވިންދު ޖަހާ ވަރުން ރަނގަޅަށް ނުނިދޭ ކަމަށް ވެސް އައިޝާ ބުންޏެވެ.

އައިޝާގެ ފައި ކަނޑައިގެން ދިއުމުން ފަހާފައި.

އައިޝާގެ ފައި ކަނޑައިގެން ދިއުމުން ފަހާފައި.

"ހުރިހާ ކަމެއް ކަހަލަ ގޮތަކަށް ހުއްޓިފައި މި ހުރީ،" އޭނާ ކިޔައިދިނެވެ.

ވަޒީފާގައި ކިތަންމެ ބުރަކޮށް އުޅުނަސް އައިޝާ، އޭނާގެ ކުދިން ބަރާބަރަށް ސްކޫލަށް ގެންގޮސް، ބަލައި ދެ އެވެ. އެކަމަކު، ފަޔަށް ލިބުނު އަނިޔާތަކަށް ފަހު އެ ހުރިހާ ކަމެއްގައި އާއިލާ މީހުންގެ އެހީތެރިކަން ވަނީ ހޯދަން ޖެހިފަ އެވެ.

"އެއާޕޯޓުގައި ވަޒީފާގައި އަދާކުރާތާ މިވީ 16 އަހަރުގެ ތެރޭގައި އަލަށް މިހާ ގިނަ ދުވަހު ސިކް ލީވް ނަގައިގެން ހުންނަން މި ޖެހުނީ. ވަރަށް ދެރަވޭ،" އައިޝާ ބުންޏެވެ.

ޑޮކްޓަރަށް ދައްކަން ދިއުމުން، ޕެޑަލްގައި ފައި ޖެހިގެން އަނިޔާ ލިބޭ މީހުން މަދު ނޫންކަން ވެސް އައިޝާއަށް އެނގުނެވެ. އެހެންވެ، އޭނާ ބޭނުންވަނީ އެކަމަށް މީހުން ހޭލުންތެރިކުރުވާށެވެ.