Roadha Mihaaru
ސްޓެލްކޯގެ ފްލެޓެއްގައި ގޭސް ލީކުވެ މީހަކު ފިހިއްޖެ

ސްޓެލްކޯގެ ފްލެޓެއްގައި ގޭސް ލީކުވެ މީހަކު ފިހިއްޖެ

25 އޯގަސްޓް 2022

ހުޅުމާލޭގެ ފޭސް 2 ގައި ސްޓެލްކޯ އިން އިމާރާތްކޮށްފައިވާ ފްލެޓެއްގައި މިއަދު ހެނދުނު ގޭސްފުޅިއެއް ލީކުވެ، އަންހެނަކު ފިހިއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ހުޅުމާލޭގެ ފޭސް 2 ގައި ސްޓެލްކޯ އިން އިމާރާތްކޮށްފައިވާ ފްލެޓެއްގައި މިއަދު ހެނދުނު ގޭސްފުޅިއެއް ލީކުވެ، އަންހެނަކު ފިހިއްޖެ އެވެ.

މަންޒަރު ދުށް މީހަކު "މިހާރު" އަށް ބުނީ، މިއަދުގެ ހެނދުނު ހަތެއް ޖަހާކަންހާއިރު އަށް ވަނަ ފްލޯގެ އެޕާޓްމަންޓެއްގައި ހިނގި އެ ހާދިސާގައި އުމުރުން ގާތްގަނޑަކަށް 40 އަހަރުގެ އަންހެންމީހާ ވަރަށް ބޮޑަށް ފިހިފައިވާ ކަމަށެވެ.

"ލައިގެން ހުރި ހެދުމުން ތަންތަންކޮޅު ވެސް ހުރީ ތައް ލަވާފައި. އޭނާގެ މޫނު ވެސް ހުރީ ވަރަށް ބޮޑަށް ރަތް ވެފައި،" މަންޒަރު ދުށް މީހާ ބުންޏެވެ.

"އަޅުގަނޑަށް އެ އަޑު [ގޭސްފުޅިން ލީކުވެ ރޯވުން] އިވުނީ ބޮމެއް ގޮވި އަޑެއްގެ ސިފައިގައި. އެހާ އަޑުގަދަ."

އެ ހާދިސާ ހިނގީ ގޭސް ލީކުވެފައި ހުއްޓާ އުނދުން ޖެއްސުމުން ކަމަށް ވެ އެވެ.

އެ ހާދިސާގައި އެ މީހާއަށް އަނިޔާވި ނަމަވެސް ފްލެޓް އެތެރޭގައި ރޯވެ އެއްވެސް ގެއްލުމެއް ނުލިބޭ ކަމަށް ވެސް އޭނާ ބުނެ އެވެ.

ހާދިސާ ހިނގިއިރު އެޕާޓްމަންޓުގައި ތިބީ ފިހުނު އަންހެންމީހާ އާއި އޭނާގެ ފިރިމީހާ އަދި ކުޑަ ދެ ކުދިންނެވެ.

އަންހެންމީހާ އަށް މިހާރު ގެންދަނީ ހުޅުމާލޭގެ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ.

ސްޓެލްކޯގެ ފްލެޓްތަކުގައި މީހުން ދިރިއުޅެން ފެށީ މި މަހުގެ ހައެއްގަ އެވެ.