Roadha Mihaaru
ފަރިިވާގައި ރޯވުން: ސުޕްރީމްކޯޓުން ސެޓްލްކޯއަށް ކާމިޔާބު

ފަރިިވާ ފިހާރާގައި ރޯވުން: ސްޓެލްކޯއަށް ސުޕްރީމް ކޯޓުން ވެސް ކާމިޔާބު

27 އޮކްޓޯބަރ 2021

ފަރިވާ ފިހާރައިގައި ރޯވެ، އަނދައި ހުލިވި މައްސަލާގައި ސްޓެލްކޯގެ އިހުމާލެއް އޮތްކަން ސާބިތުނުވާ ކަމަށް ސުޕްރީމް ކޯޓުން ވެސް މިއަދު ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ފަރިވާ ފިހާރައިގައި ރޯވެ، އަނދައި ހުލިވި މައްސަލާގައި ސްޓެލްކޯގެ އިހުމާލެއް އޮތްކަން ސާބިތުނުވާ ކަމަށް ސުޕްރީމް ކޯޓުން ވެސް މިއަދު ހުކުމްކޮށްފި އެވެ.

ޖެނުއަރީ، 2016 ގައި ފާމުދޭރިމަގުގައި ހުރި ފަރިވާ އިލެކްޓްރޯނިކްސް ފިހާރައިގައި ރޯވެ އެތަން އެއްކޮޮށް ވަނީ އަނދައިފަ އެވެ. އެ މައްސަލާގައި އެ ފިހާރައިގެ ވެރިޔާ ހުސައިން ރަޝީދު ދައުވާކުރީ އެ ހާދިސާ ހިނގީ ސްޓެލްކޯއިން ބަހައްޓާފައި ހުރި ކަރަންޓް ފޮށްޓެއްގައި ރޯވުމުގެ ސަބަބުން ކަމަށްވާތީ ގެއްލުމުގެ ބަދަލަށް 33 މިލިއަން ރުފިޔާ ހޯދުމަށެވެ. އެކަމަކު ސިވިލް ކޯޓާއި ހައި ކޯޓުން ވެސް ނިންމާފައި އޮތީ އެ ހާދިސާ ހިނގީ ސްޓެލްކޯގެ އިހުމާލުން ކަން ސާބިތުނުވާ ކަމަށެވެ.

އެ މައްސަލަ ހުސައިން ރަޝީދުގެ ފަރާތުން އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީި އަލިފާނުގެ އެ ހާދިސާ ހިނގީ ސްޓެލްކޯ އިން ބަހައްޓާފައި ހުރި ކަރަންޓް ފޮށީގައި ރޯވުމުގެ ސަބަބުން ކަން ސާބިތުވާ ހެއްކެއް ނެތް ކަމަށެވެ. އަދި އެ ކަރަންޓް ފޮށީގައި ހުރި ކޭބަލްތަކުގައި ރޯވެފައި ނުވާ ކަމަށް ފުލުހުންގެ ތަހުގީގު ރިޕޯޓުން އެނގެން އޮތްއިރު، އެކަން ނަފީ ކުރެވޭނެ ވަރުގެ ހެއްކެއް ހުސައިން ރަޝީދުގެ ފަރާތުން ހުށަހެޅިފައިނުވާ ކަމަށް އެ ހުކުމުގައިވެ އެވެ.

ހުކުމުގައިވަނީ އަލިފާން ރޯވީ ކަރަންޓް ފޮށީގެ ސަބަބުން ކަން ސާބިތު ކުރަން އެމްއެންޑީއެފްގެ ރިޕޯޓަކާއި ފަންނީ ދެ މާހިރެއްގެ ރިޕޯޓް ހުސައިން ރަޝީދުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅިޔަސް، އެ ރިޕޯޓްތައް ދަށު ކޯޓާއި ހައި ކޯޓަށް ހުށަހަޅާފައި ނެތުމުން އެ ރިޕޯޓްތަކަށް މިހާރު ރިއާޔަތް ނުކުރެވޭނެ ކަމަށް އެ ހުކުމުގައިވެ އެވެ. އެހެންވެ، އެ ހާދިސާ ހިނގީ ސްޓެލްކޯގެ އިހުމާލުން ނުވަތަ އެ ކުންފުނީގެ ގާނޫނީ ޒިންމާއަކާ ޚިލާފްވުމުން ކަން ސާބިތުނުވާ ކަމަށް އެ ހުކުމުގައިވެ އެވެ.

އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ރިޔާސަތު ބެލެހެއްޓެވި ބެންޗުން އިއްވެވި ހުކުމުގަައިވަނީ ފަރިވާ ފިހާރައިގައި ރޯވީ ސްޓެލްކޯގެ އިހުމާލުން ކަން ސާބިތުނުވާތީ ގެއްލުމުގެ ބަދަލަށް 33 މިލިއަން ރުފިޔާ ނަގައިދޭން ނުޖެހޭ ކަމަށެވެ.

އެހެންވެ، ހައި ކޯޓުގެ ހުކުމަށް ތާއީދުކުރީ ކަމަށް އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވެ އެވެ.

އުއްތަމަ ފަނޑިޔާރު ރިޔާސަތު ބެލެހެއްޓެވި ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރުގެ އިތުރުން ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.