Roadha Mihaaru
އަސްލު ވެސް ހަނދަށް ދިޔަތަ؟ ބައެއް މީހުންގެ ޖަވާބު

އަސްލު ވެސް ހަނދަށް ދިޔަތަ؟ ބައެއް މީހުންގެ ޖަވާބު

20 ޖުލައި 2019

އިންސާނުން ހަނދަށް ފައިބައި އެތަނުގައި ހިނގިތާ މިއަދަށް މިވީ 50 އަހަރެވެ. ތާރީހީ އެ ބޮޑު ކާމިޔާބު އެމެރިކާގެ އިތުރުން މުޅި ދުނިޔޭގައި ފާހަގަކުރާ އިރު އަދިވެސް އިންސާނުން ހަނދަށް ދިޔަ ކަމަށް ގަބޫލުނުކުރާ އެތައް ބަޔަކު އުޅެ އެވެ. އޭގެ ތެރޭގައި ދިވެހިން ވެސް ހިމެނެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އިންސާނުން ހަނދަށް ފައިބައި އެތަނުގައި ހިނގިތާ މިއަދަށް މިވީ 50 އަހަރެވެ. ތާރީހީ އެ ބޮޑު ކާމިޔާބު އެމެރިކާގެ އިތުރުން މުޅި ދުނިޔޭގައި ފާހަގަކުރާ އިރު އަދިވެސް އިންސާނުން ހަނދަށް ދިޔަ ކަމަށް ގަބޫލުނުކުރާ އެތައް ބަޔަކު އުޅެ އެވެ. އޭގެ ތެރޭގައި ދިވެހިން ވެސް ހިމެނެ އެވެ.

"އެމެރިކާ މީހުން ހަނދަން ދިޔަ ވާހަކަ ގަބޫލުކުރަންތަ؟" މި ސުވާލު ކުރުމުން ބައެއް މީހުންގެ ފަރާތުން ލިބުނީ ހައިރާން ވާ ފަދަ ޖަވާބުތަކެކެވެ.

"އެ ވާހަކަ އެއްގޮތަކަށް ވެސް ގަބޫލެއް ނުކުރަން. އެއީ ހަނދަކީ އަހަރެމެން އިންސާނުންނަށް އެތަނުގެ ހަގީގަތް އެނގޭ ވަރަށް ވުރެ ދުރުގައިވާ ތަނެއް،" މާލޭ ބަނދަރުގައި އޮތް ބޯޓަކުން މުދާކޮޅެއް ނަގަން ގޮސް ހުރި އަހުމަދު ތައުފީގު، 52، ބުންޏެވެ.

އަހުމަދު ތައުފީގު "މިހާރު"އާ ވާހަކަ ދައްކަނީ: އިންސާނުން ހަނދަށް ދިޔަކަން ގަބޫލުކުރެވޭނެ އެއްވެސް ގޮތެއް ނެތް ކަމަށް ބުނި. --ފޮޓޯ: ހުސައިން ވަހީދު/މިހާރު

އަހުމަދު ތައުފީގު "މިހާރު"އާ ވާހަކަ ދައްކަނީ: އިންސާނުން ހަނދަށް ދިޔަކަން ގަބޫލުކުރެވޭނެ އެއްވެސް ގޮތެއް ނެތް ކަމަށް ބުނި. --ފޮޓޯ: ހުސައިން ވަހީދު/މިހާރު

"އަނެއްކާ ދީނީ ގޮތުން ވެސް ނެތް އެނގޭކަށް ހަނދަށް ދެވިދާނެކަން،"

މާލެ ކައިރި ރިސޯޓެއްގައި މަސައްކަތްކުރާ ފަތުހުﷲ މޫސާ 38، ބުނީ ބަޔަކު ހަނދަށް ދިޔަ ވާހަކަ އޭނާ އަޑު ވެސް އަހާފައި ނުވާ ކަމަށެވެ.

"އެ ވާހަކަ މިހާރު ބުނެފިއްޔާ ގަބޫލުކުރާނަންތޯ" އެހުމުން ބުނީ ނުުކުރާނެ ކަމަށެވެ. ހަނދަށް ދެވިދާނެ ކަން އޭނާ ގަބޫލުނުކުރަނީ، ފަތުހުﷲ ބުނިގޮތުގައި، އިންސާނުންނަށް އެހާ ވަރުގެ ކުރިއެރުމެއް ލިބިފައިނުވާތީ އެވެ.

ފަތުހުﷲ މޫސާ: އިންސާނުންނަށް ހަނދަށް ދެވިދާނެކަން ގަބޫލުކުރަން އޭނާއަށް ދަތި --ފޮޓޯ:ހުސައިން ވަހީދު/މިހާރު

ފަތުހުﷲ މޫސާ: އިންސާނުންނަށް ހަނދަށް ދެވިދާނެކަން ގަބޫލުކުރަން އޭނާއަށް ދަތި --ފޮޓޯ:ހުސައިން ވަހީދު/މިހާރު

ސަރުކާރުގެ ކުންފުންޏެއްގައި މަަސަައްކަތްކުރާ މުހައްމަދު އަބްދުﷲ ،64، ކުރީ އެހެން ސުވާލެކެވެ.

"ތި ވާހަކަ ގަބޫލުކުރާނީ ކިހިނެއް؟" އޭނާ އަހާލި އެވެ.

"އެއްގޮތަކަށް ވެސް ގަބޫލެއް ނުކުރެވޭ އެއީ ދެވޭނެ ތަނެއް ކަމަކަށް. ހަނދަކީ އިންސާނުންނަށް ދެވޭނެ ހިސާބެއް ނޫން. އަޅުގަނޑު ހަމަގައިމު ވެސް ގަބޫލެއް ނުކުރަން،" މުހައްމަދު ބުންޏެވެ.

އެމެރިކާއިން އެފަދަ ވާހަކައެއް ދައްކަނީ ކީއްވެގެންހޭ އެހުމުން އޭނާ ބުނީ އެއީ އެމެރިކާ މީހުން އެހެން މީހުންގެ މައްޗަށް ނުފޫޒު ފޯރުވަން ކުރާ ކަމެއް ކަމަށެވެ.

"އެހެން މީހުން އެމީހުންގެ މައްޗަށް ލަންބުވަން ވެގެން އިނގޭތޯ. އެހެން މީހުންގެ ފިކުރާ ކުޅެން،" މުހައްމަދު ބުންޏެވެ.

މުހައްމަދު އަބްދުﷲ ދެކޭ ގޮތުގައި ހަނދަށް ދިޔަ ކަަމަށް އެމެރިކާއިން ބުނަނީ އެހެން މީހުންގެ މައްޗަށް ނުފޫޒު ހިންގަން --ފޮޓޯ: ހުސައިން ވަހީދު/މިހާރު

މުހައްމަދު އަބްދުﷲ ދެކޭ ގޮތުގައި ހަނދަށް ދިޔަ ކަަމަށް އެމެރިކާއިން ބުނަނީ އެހެން މީހުންގެ މައްޗަށް ނުފޫޒު ހިންގަން --ފޮޓޯ: ހުސައިން ވަހީދު/މިހާރު

އުމުރުން 28 އަހަރުގެ މުހައްމަދު ޖުނައިދުގެ ވިސްނުން ބިނާކުރީ މިހާރުގެ ސޯޝަލް މީޑިއާއަށެވެ. އޭނާ ބުނިގޮތުގައި އިންސާނުން ހަނދަށް ދިޔަކަން ގަބޫލުނުކުރެވެނީ ސޯޝަލް މީޑިއާގައި ދައްކަމުންދާ ވާހަކަތަކުގެ ސަބަބުންނެވެ. އެގޮތުން ހަނދުގައި އެމެރިކާ މީހުން ދިދަ ޖަހާ މަންޒަރު ފެންނަ ފޮޓޯގައި ގިނަ މައްސަލަތަކެއް އެބަހުރި ކަމަށް އޭނާ ބުންޏެވެ.

"އެފޮޓޯތަކާ އެއްޗިއްސަށް ބަލާފައި ބުނެވޭނީ އެމީހުން ހަނދަކަށް ނުދެޔޭ،" ޖުނައިދު ބުންޏެވެ.

އިންސާނުން ހަނދަށް ދިޔަކަމާ މެދު ބައެއް މީހުން ގެންގުޅޭ ކޮންސްޕިރަސީ ތިއަރީތަކުގެ އަސަރު ކޮންމެވެސް ވަރަކަށް އޭނާއަށް ކުރިޔަސް އާމިނަތު ޝާނީ، 25، ގަބޫލުކޮށްގެން ހުރީ ހަނދަށް ދިޔަ ވާހަކައަކީ ހަގީގަތެއް ކަމަށެވެ.

"އެވާހަކަ ގަބޫލުކުރަން އަސްލު. އެކަމަކު އެއާ ދެކޮޅަށް އިންޓަނެޓްގައި ހުރި ގިނަ ވާހަކަތަކާ ހެދި ބައެއް ސުވާލު އެބަހުރި،" ޝާނީ ބުންޏެވެ.

"އެއް ކަމަކަށް އެމީހުން ކީއްވެހޭ އޭގެ ފަހުން 50 އަހަރު ވީ އިރު އަލުން ނުދިޔައީ؟"

އަލުން ނުދިޔައީ ކީއްވެތޯ ކުރާ ސުވާލަށް ޖަވާބު އެބަ އޮތެވެ: އެއީ ހަނދަށް ގޮސް ލިބޭނެ ފައިދާއެއް އޮތް ކަމަށް ފަހުން ނުވިސްނުމުންނެވެ. އެކަމަކު މިހާރު އިންސާނިން ހޯދަމުން އަންނަ ތަރައްގީ އާއި ހަނދަށް ވުރެ ދުރު ސަރަހައްދުތަކަށް އިންސާނުން ދަތުރުކުރަން ޖެހޭ ކަމަށް، ބައެއް ސައިންސްވެރިންނަށް ވިސްނޭތީ، އަނެއްކާވެސް ހަނދަށް ދިއުމުގެ ދަތުރުތައް އަންނަނީ ރާވަމުންނެވެ.

އެވާހަކަތައް ކިޔައިދިނުމުން ޝާނީ ޝައުގުވެރިވި އެވެ.

ޝާނީއެކޭ އެއްގޮތަށް އަލީ ނާފިއު އަބްދުﷲ ،18، ވެސް ގަބޫލުކުރަނީ އިންސާނުން ހަނދަށް ދިޔަ ކަމަށެވެ. އެކަމަކު އޭނާ ބުނީ ހަނދަށް ދިޔަ ވާހަކަ ދޮގުކުރާ މީހުން ދައްކާ ވާހަކަތަކާ މެދު ވެސް ވިސްނަން ޖެހޭ ކަމަށެވެ. އެގޮތުން އެމީހުން ދައްކާ ވާހަކައިގައި ވެސް ޕޮއިންޓެއް އޮވެދާނެ ކަމަށް އޭނާ ދެކެ އެވެ.

"ބުނެވިދާނެ މިއީ ދެކޮޅަށް ވެސް ވާހަކަ ދެއްކި ދާނެ ކަމެކޭ. އެކަމަކު ހަނދަށް އިންސާނުން ދިޔަކަން ފުރިހަމައަށް ގަބޫލުކުރަން،" ނާފިއު ބުންޏެވެ.

މުހައްމަދު ނާއިފު ،20، ގެ ހިތުގައި އެއްވެސް ޝައްކެއް ނެތެވެ. އޭނާ ބުނަނީ އިލްމީ ގޮތުން އިންސާނުން ހޯދި ކުރިއެރުމަށް ބަލާއިރު ހަނދަށް ދަތުރުކޮށްފާނެ ކަމަށް އޭނާ ގަބޫލުކުރާ ކަމަށެވެ.

"ޓެކްނޮލޮޖީ ކުރިއަރާފައި އޮތް މިންވަރު އެއޮތީ ފެންނަން. އޭގެ ކުރިން ކުރި ހަނގުރާމަތަކުގައި ބޭނުންކުރި ޖާސޫސް ކުރުމުގެ މޮޅު ޓެކްނޮލޮޖީތަކާއި ސެޓެލައިޓް ފޮނުވައިގެން ދޭން ފެށި ވަރުގަދަ ޓެލެކޮމް ހިދުމަތްތަކާއި އިންޓަނެޓާ، މިހެން ގޮސް މިހިރީ ހައްތާ ވެސް އެވާހަކަ ގަބޫލުކުރަން ޖެހޭ ސަބަބުތައް،" ނާއިފު ބުންޏެވެ.

ކޮންމެ ކަމަކާ މެދު ވެސް އިންސާނުން ޝައްކު އުފައްދަ އެވެ. އެމީހަކަށް އެކަމެއް ތަޖުރިބާކުރުމުގެ ކުރިން ގަބޫލުނުކުރާނެ ކިތައްމެ ކަމެއް އެބަ ހުއްޓެވެ. އިންސާނުން ހަނދަށް ދިއަކަމަށް އެއް ބަޔަކު ގަބޫލުނުކުރިޔަސް އެމެރިކާގެ އިތުރުން ދުނިޔޭގެ އެތައް ސަތޭކަ މިލިއަަން ބަޔަކު، އެ ތާރީޚީ ކާމިޔާބުގެ ހަނދާންތައް މިއަދު އާކުރާނެ އެވެ.