Roadha Mihaaru
ހަނދުން ގެނައި ހިރަފުސްތަކެއް ނީލަމުގައި ވިއްކާލަނީ

އާމްސްޓްރޯންގް ހަނދުން ގެނައި ހިރަފުސްތަކެއް އަނެއްކާ ވެސް ނީލަމުގައި ވިއްކާލަނީ

03 އެޕްރީލް 2022

އެޕޯލޯ 11 ގައި ހަނދަށް ދިޔަ ދަތުރުގައި ނީލް އާމްސްޓްރޯންގް ދުނިޔެ އަށް ގެނައި ހަނދުގެ ހިރަފުސްތަކުގެ ތެރެއިން ބައެއް އަނެއްކާ ވެސް ނީލަމުގައި ވިއްކާލަން ނިންމައިފި އެވެ.

އެޕޯލޯ 11 ގައި ހަނދަށް ދިޔަ ދަތުރުގައި ނީލް އާމްސްޓްރޯންގް ދުނިޔެ އަށް ގެނައި ހަނދުގެ ހިރަފުސްތަކުގެ ތެރެއިން ބައެއް އަނެއްކާ ވެސް ނީލަމުގައި ވިއްކާލަން ނިންމައިފި އެވެ.

އިންސާނުން އެންމެ ފުރަތަމަ ހަނދަށް ދިޔަ ދަތުރުގައި، 1969 ވަނަ އަހަރު ނާސާގެ އެސްޓްރޮނޯޓް އާމްސްޓްރޯންގް ދުނިޔެ އަށް ގެނައި ހަނދުގެ ހިރަފުސްތަކުގެ ތެރެއިން ބައެއް ނީލަމުގައި މި މަހު ވިއްކާލަން ނިންމައިފައި ވިޔަސް، ސީދާ ތާރީހެއް އަދި އިއުލާން ނުކުރެ އެވެ.

އެ ނީލަން އިންތިޒާމުކުރާ އެމެރިކާގެ ކުންފުނި، ބޯންހަމްސް އިން ބުނީ އެ ހިރަފުހުގެ އަގު 800،000 އާއި 1.2 މިލިއަން ޑޮލަރާ ދެމެދުގައި އުޅޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެ ގަތުމަށް މިހާރު ވެސް މީހުން ޝައުގުވެރިކަން ފާޅުކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުންޏެވެ.

ހަނދުން ގެނައި ހިރަފުހުގެ ތެރެއިން ނީލަމުގައި ވިއްކާލުމަށް އެއްވެސް ގާނޫނީ ހުރަހެއް ނެތީ އޭގެ އެކަންޏެވެ. އެހެންވެ، އޭގެ އަސްލު އަގު ދެނެގަންނަން ދަތިވެފައި ވާތީ، އެ ކުންފުނިން ވަނީ މީގެ ކުރިން ވިއްކާފައިވާ ހަނދުގެ ހިރަފުހުގެ އަގުތައް ބަލައިފަ އެވެ.

ނީލަމުގައި ވިއްކާލަން އުޅޭ ހަނދުގެ އެ ހިރަފުހާ ގުޅިގެން ނާސާ އާއި އޭގެ ވެރިފަރާތާ ދެމެދުގައި މީގެ ކުރިން ކުރިމަތިލުންތަކެއް ވެސް ހިނގާފައިވެ އެވެ.

އާމްސްޓްރޯންގް، ހަނދުން ދަބަހެއްގެ ފުރާ ހިރަފުސް ގެނަ އެވެ. އެކަމަކު އަނބުރާ ދޭންޖެހޭ ގޮތަށް، ނާސާއިން ލޯނެއްގެ ގޮތުގައި މިއުޒިއަމަކަށް އެ ދަބަސް ދިނުމުން އެ ގެއްލުނެވެ.

އޭގެ ފަހުން ވައްކަމުގެ އެހެން މައްސަލައެއްގައި އެ މިއުޒިއަމްގެ ޑިރެކްޓަރު ޖަލަށް ލުމަށް ހުކުމް ކުރި އެވެ. އޭނާގެ މައްޗަށް ކުށް ސާބިތުވުމުން، އޭނާ ގެންގުޅުނު މުދާތައް އެމެރިކާގެ މާޝަލްސް ސާވިސް އިން އަތުލި އެވެ. އެ އެއްޗެހި އަތުލިއިރު، އޭގެ ތެރޭގައި އެ ދަބަސް ވެސް އޮތެވެ. އެކަމަކު، އެއީ ހަނދުން ގެނައި ހިރަފުސް ކަމެއް ވަރަށް ފަހަކާ ޖެހެންދެން އޮތީ ނޭނގި އެވެ.

މާޝަލްސް ސާވިސް އިން ބޭއްވި ނީލަން ކިޔުމެއްގައި 2015 ވަނަ އަހަރު، އެންމެ 995 ޑޮލަރަށް އެ ދަބަސް ގަތީ، ނޭންސީ ލީ ކާލްސަން ކިޔާ އެމެރިކާގެ މީހެކެވެ.

އެ ހިރަފުހުގެ ހަގީގަތް ހޯދުމަށް ކާލްސަން އެ ދަބަސް ނާސާ އަށް ފޮނުވުމުން، އެއީ ހަނދުން ގެނައި އެެއްޗެހިކަން އެ އިދާރާ އަށް އެނގުމުން އެ ދަބަސް އަނބުރާ ދޭން ދެކޮޅު ހެދި އެވެ. އެ ދަބަސް އަނބުރާ ނުދީގެން ކާލްސަން ކޯޓަށް މައްސަލަ ހުށަހަޅައި، ނާސާ ބަލިކޮށް އެ މައްސަލަ ކާމިޔާބު ވެސް ކުރި އެވެ. އެ ދަބަސް އަނބުރާ އޭނާ އަށް ލިބުނެވެ.

އެ ދަބަހުގައި ހުރި ހިރަފުހުގެ ބައެއް، 2017 ވަނަ އަހަރު ވެސް 1.8 މިލިއަން ޑޮލަރަށް ނީލަމުގައި ވިއްކާލާފައިވެ އެވެ.