Roadha Mihaaru
ދުނިޔޭގެ ތާރީޚު ބަދަލުކޮށްލި ތިން އެސްޓްރޮނޯޓުން

ދުނިޔޭގެ ތާރީޚު ބަދަލުކޮށްލި ތިން އެސްޓްރޮނޯޓުން

20 ޖުލައި 2019

ހަނދުގައި އެންމެ ފުރަތަމަ ހިނގި ނީލް އާމްސްޓްރޯންގް (އޮގަސްޓް، 1930- އޮގަސްޓް 25، 2012) އަކީ އެމެރިކާގެ އޮސްޓްރޮނޯޓް އަދި އެއަރޮނޮޓިކަލް އިންޖިނޭރެކެވެ. އޭނާ އަަކީ ނޭވަލް އޭވިއޭޓަރެއް، ޓެސްޓް ޕައިލެޓެއް އަދި ޔުނިވާސިޓީ ޕްރޮފެސަރެއް ވެސް މެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ނީލް އާމްސްޓްރޯންގް

ހަނދުގައި އެންމެ ފުރަތަމަ ހިނގި ނީލް އާމްސްޓްރޯންގް (އޮގަސްޓް، 1930- އޮގަސްޓް 25، 2012) އަކީ އެމެރިކާގެ އޮސްޓްރޮނޯޓް އަދި އެއަރޮނޮޓިކަލް އިންޖިނޭރެކެވެ. އޭނާ އަަކީ ނޭވަލް އޭވިއޭޓަރެއް، ޓެސްޓް ޕައިލެޓެއް އަދި ޔުނިވާސިޓީ ޕްރޮފެސަރެއް ވެސް މެ އެވެ.

އެމެރިކާގެ ޕާޑިއު ޔުނިވާސިޓީގެ ގުރެޖުއޭޓެއް ކަމަށްވާ އާމްސްޓްރޯންގް ކިޔަވާ ވިދާޅުވީ އެއަރޯނޮޓިކަލް އިންޖިނިއަރިންގެ ދާއިރާއިންނެވެ. އޭނާގެ ކޮލޮޖުގެ ޓިއުޝަން ފީ ދައްކައިދިނީ ޔޫއެސް ނޭވީންނެވެ.

ނާސާ އޮސްޓްރޮނޯޓް ކޯޕްސްއާ އާމްސްޓްރޯންގް ގުޅިވަޑައިގަތީ 1962 ވަނަ އަހަރު އެވެ. ސްޕޭސް ފްލައިޓެއްގެ ކޮމާންޑް ޕައިލެޓްކަން ފުރަތަމަ ކުރެއްވީ މާޗް 1966 ގަ އެވެ.

ހަނދަށް ދިއުމުގެ ދަތުރުގައި އެޕޯލޯ 11 ގައި އާމްސްޓްރޯންގް، އެޑްވިން "ބަޒް" އެލްޑްރިން އަދި މައިކަލް ކޮލިންސް ދަތުރު ފެށީ ޖުލައި 16، 1969 ގަ އެވެ. ހަތަރު ދުވަސް ފަހުން އާމްސްޓްރޯންގާއި އެލްޑްރިން ހަނދަށް ތިރިކުރި އެވެ. ކޮލިންސް އޯބިޓްގައި، އެޕޯލޯ 11 ގެ ސާވިސް މޮޑިއުލްގައި، މަޑުކުރި އެވެ. އޭނާ ދިޔައީ އެކިއެކި އެކްސްޕެރިމެންޓްތައް ކޮށް ފޮޓޯ ނަގަމުންނެވެ.

ހަނދުގައި ފުރަތަމަ ފިޔަވަޅު އެޅި އިންސާނެއްގެ ޝަރަފް އާމްސްޓްރޯންގް ހޯއްދެވީ ޖުލައި 20، 1969 ގަ އެވެ. އާމްސްޓްރޯންގާއި އެލްޑްރިން ހަނދުގައި ތިން ގަޑިއިރު ހޭދަކުރި އެވެ. އެ މީހުން އެކިއެކި ތަހުލީލުތައްކޮށް ހަނދުން ހިރަފުހާއި ހިލަ ނެގި އެވެ. އެ މީހުން ހަނދުގައި އެމެރިކާގެ ދިދައެއް ވެސް ޖެހި އެވެ. އަދި އެ މީހުންގެ ނިޝާންތަކެއް ވެސް ހަނދަށް ދޫކުރި އެވެ.

ބަޒް އަލްޑްރިން

ބަޒް އެޑްވިން އަލްޑްރިން (އުފަންވީ ޖެނުއަރީ 20، 1930) އަކީ އެމެރިކާގެ އިންޖިނޭރެއް، ކުރީގެ އެސްޓްރޮނޯޓެއް އަދި ފައިޓާ ޕައިލެޓެކެވެ. އެޕޯލޯ 11 ގެ އެޕޯލޯ ލޫނާ މޮޑިއުލްގެ ޕައިލެޓް އަލްޑްރިން ވަނީ މިޝަން ކޮމާންޑަރު ނީލް އާމްސްޓްރޯންގާ އެކު ހަނދުގައި ފުރަތަމަ ފައި ބީއްސާލި ދެ މީހުންގެ ތެރޭން އެކެކެވެ.

އެމެރިކާގެ ވެސްޓް ޕޮއިންޓް މިލިޓަރީ އެކަޑަމީން މެކޭނިކަލް އިންޖިނިއަރިންގެ ދާއިރާ އިން 1951 ވަނަ އަހަރު ގުރެޖުއޭޓްވެވަޑައިގެންނެވި އެލްޑްރިން ވަނީ ކޮރެއާ ހަނގުރާމައިގައި ޕައިލެޓެއްގެ ގޮތުން މަސައްކަތް ކުރައްވައިފަ އެވެ. އޭނާ ވަނީ 66 ކޮމްޕެޓް މިޝަންގައި އުދުހި މިގް-15 ގެ ދެ ބޯޓު ވައްޓާލައިފަ އެވެ.

ހަނދުގައި އެންމެ ފުރަތަމަ ފައިތިލަ ޖެއްސި ދެ އިންސާނުންގެ ތެރެއިން ބަޒް އަލްޑްރިން

ހަނދުގައި އެންމެ ފުރަތަމަ ފައިތިލަ ޖެއްސި ދެ އިންސާނުންގެ ތެރެއިން ބަޒް އަލްޑްރިން

މެސެޗޫސެޓްސް އިންސްޓްޓިއުޓް އޮފް ޓެކްނޮލޮޖީން އެސްޓްރޮނޮޓިކްސް އިން ޕީއެޗްޑީ ނަންގަވައިގެން އަލްޑްރިން އެޕޯލޯ މަޝްރޫއުގައި ނާސާ އެސްޓްރޮނޯޓް ގްރޫޕާ ގުޅިވަޑައިގަތެވެ. އަލްޑްރިން އަކީ ޕީއެޗްޑީ ނެންގެވި ފުރަތަމަ އެސްޓްރޮނޯޓެވެ. ރަހުމަތްތެރިން ވަނަމަކަށް އޭނާ އަށް މުޚާތަބް ކުރަނީ "ޑރ. ރެންޑެވޫ" ގެ ނަމުންނެވެ. ފުރަތަމަ ސްޕޭސް ފްލައިޓުގައި ވަޑައިގެންނެވީ 1966 ވަނަ އަހަރު އެވެ. އޭގެ ތިން އަހަރު ފަހުން ޖުލައި 20، 1969 ގައި އަލްޑްރިން ވަނީ ހަނދުގައި ފައި ބީއްސާލައިފަ އެވެ.

ނާސާ އިން 1971 ގައި ވަކިވެވަޑައިގަތުމަށް ފަހު އަލްޑްރިން ވަނީ އެމެރިކާގެ އެއާ ފޯސްގެ ޓެސްޓް ޕައިލެޓް ސްކޫލްގެ ކޮމާންޑެންޓަކަށް ވެވަޑައިގެންފަ އެވެ. އެކާވީސް އަހަރު ޚިދުމަތް ކުރެއްވުމަށް ފަހު އެއާފޯސް އިން ރިޓަޔާ ކުރެއްވީ 1972 ވަނަ އަހަރު އެވެ.

އަލްޑްރިން އަށް 1969 ވަނަ އަހަރު ވަނީ ޕްރެޒިޑެންޝަލް މެޑަލް އޮފް ފްރީޑަމް ލިބިވަޑައިގެންފަ އެވެ.

މައިކަލް ކޮލިންސް

މައިކަލް ކޮލިންސް (އުފަންވެވަޑައިގެންނެވީ އޮކްޓޯބަރު 31، 1930) އަކީ އެމެރިކާގެ ކުރީގެ އެސްޓްރޮނޯޓެއް، ޓެސްޓް ޕައިލެޓެއް އަދި ޔޫއެސް އެއާފޯސް ރިޒާވްސްގެ މޭޖާ ޖެނެރަލެކެވެ. ނާސާ އިން 1963 ގައި ނެގި އެސްޓްރޮނޯޓުންގެ ތިން ވަނަ ގްރޫޕާ އެކު އޭނާ ވަނީ ދެ ފަހަރެއްގެ މަތިން ޖައްވަށް ދަތުރު ކުރައްވައިފަ އެވެ. ކޮލިންސްގެ ފުރަތަމަ ސްޕޭސް ފްލައިޓް ޖެމިނީ 10 ގައި ކޮމާންޑް ޕައިލެޓް ޖޯން ޔަންގާ އެކު "ޖައްވުމުގައި ހިންގަވައިފަ" އެވެ. ދެ ވަނަ ސްޕޭސް ފްލައިޓަކީ ހަނދަށް ކުރި ދަތުރެވެ. އެޕޯލޯ 11 ގެ ކޮމާންޑް މޮޑިއުލްގެ ޕައިލެޓެއްގެ ގޮތުގައި ވަޑައިގެންނެވި ނަމަވެސް ކޮލިންސް ހަނދަށް ފައިބައި ވަޑައެއްނުގަންނަވަ އެވެ. އޭނާ ކޮމާންޑް މޮޑިއުލްގައި އިންނެވީ އެވެ.

ފުރަތަމަ ފަހަރަށް އިންސާނުން ހަނދަށް ގެންދިޔަ އެޕޯލޯ 11 ގެ ސާވިސް މޮޑިއުލްގެ ޕައިލެޓް، މައިކަލް ކޮލިންސް.

ފުރަތަމަ ފަހަރަށް އިންސާނުން ހަނދަށް ގެންދިޔަ އެޕޯލޯ 11 ގެ ސާވިސް މޮޑިއުލްގެ ޕައިލެޓް، މައިކަލް ކޮލިންސް.

ކޮލިންސަކީ ހަނދަށް ދަތުރުކުރި 24 މީހުންގެ ތެރޭގައި އެކެކެވެ. އަދި ޖައްވަށް ދިޔަ އެމެރިކާގެ 17 ވަނަ އެސްޓްރޮނޯޓެވެ.

އެސްޓްރޮނޯޓަކަށް ވެވަޑައިގަތުމުގެ ކުރިން ކޮލިންސް ވަނީ ޔޫއެސް މިލިޓަރީ އެކަޑަމީން ގްރެޖުއޭޓް ވެވަޑައިގެންފަ އެވެ. މިލިޓަރީ އެކަޑަމީން ވަނީ އެމެރިކާގެ އެއާ ފޯސްއާ ގުޅިވަޑައިގެންފަ އެވެ. އަދި ވަނީ އެފް-86 ގެ ބޯޓު ދުއްވަވައިފަ އެވެ.

ނާސާ އިން 1970 ގައި ރިޓަޔަކުރެއްވުމަށް ފަހު ކޮލިންސް ވަނީ ސްޓޭޓް ޑިޕާޓްމަންޓުގެ އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޯ ޕަބްލިކް އެފެއާޒްގެ މަގާމާ ފުރުއްވައިފަ އެވެ. އެއް އަހަރު ފަހުން ނޭޝަނަލް އެއާ އެންޑް ސްޕޭސް މިއުޒިއަމްގެ ޑިރެކްޓަރުކަމާ ހަވާލުވެވަޑައިގަތެވެ. އެކިއެކި ވަޒީފާތަކުން 1985 ގައި ރިޓަޔާ ކުރެއްވުމަށް ފަހު އުފެއްދެވީ އަމިއްލަ ކޮންސަލްޓިން ކުންފުންޏެކެވެ.