Roadha Mihaaru
ހަނދަށް ދިއުން: އެތައް ބަޔަކު މަރުވި މަޝްރޫއުއެއް

ހަނދަށް ދިއުން: އެތައް ބަޔަކު މަރުވި މަޝްރޫއުއެއް

20 ޖުލައި 2019

މީގެ 50 އަހަރު ކުރިން، އެމެރިކާ އިން އޭރުގެ ރޫސީ ވިލާތާ އެކު ވަރަށް ބޮޑު ވާދަވެރިކަމެއް އޮތެވެ: އިންސާނުން ފުރަތަމަ ފަހަރަށް ހަނދަށް ފޮނުވުމެވެ. އެމެރިކާގެ ކުރިމަތީގައި އޮތް ސަބަބުތައް ގިނަ އެވެ. އޭގެ ކުރިން ރޫސީ ވިލާތުން ވަނީ ފުރަތަމަ ފަހަރަށް އިންސާނަކު ޖައްވަށް ފޮނުވައިފަ އެވެ. އެއަށް ވުރެ އެމެރިކާ އުޅެނީ ކުރީގައި ކަން ދުނިޔެއަށް ކަށަވަރުކޮށްދޭން، އެމެރިކާގެ ރައީސް ޖޯން އެފް. ކެނެޑީ 1961 ގައި، ކޮންގްރެސްގައި ވިދާޅުވީ "60ގެ އަހަރުތައް ނިމުމުގެ ކުރިން އެމެރިކާ އިން އިންސާނަކު ހަނދަށް ފޮނުވައި އަދި ސަލާމަތުން އެނބުރި ދުނިޔެއަށް ގެނައުމަކީ ގައުމީ ލަނޑުދަނޑިއެއް ކަމަށެ"ވެ. އަނެއް ސަބަބަކީ ރޫސީ ވިލާތަށް ވުރެ ކުރިން އިންސާނަކު ހަނދަށް ފޮނުވުމެވެ.

މޫސާ ލަތީފް މޫސާ ލަތީފް

މީގެ 50 އަހަރު ކުރިން، އެމެރިކާ އިން އޭރުގެ ރޫސީ ވިލާތާ އެކު ވަރަށް ބޮޑު ވާދަވެރިކަމެއް އޮތެވެ: އިންސާނުން ފުރަތަމަ ފަހަރަށް ހަނދަށް ފޮނުވުމެވެ. އެމެރިކާގެ ކުރިމަތީގައި އޮތް ސަބަބުތައް ގިނަ އެވެ. އޭގެ ކުރިން ރޫސީ ވިލާތުން ވަނީ ފުރަތަމަ ފަހަރަށް އިންސާނަކު ޖައްވަށް ފޮނުވައިފަ އެވެ. އެއަށް ވުރެ އެމެރިކާ އުޅެނީ ކުރީގައި ކަން ދުނިޔެއަށް ކަށަވަރުކޮށްދޭން، އެމެރިކާގެ ރައީސް ޖޯން އެފް. ކެނެޑީ 1961 ގައި، ކޮންގްރެސްގައި ވިދާޅުވީ "60ގެ އަހަރުތައް ނިމުމުގެ ކުރިން އެމެރިކާ އިން އިންސާނަކު ހަނދަށް ފޮނުވައި އަދި ސަލާމަތުން އެނބުރި ދުނިޔެއަށް ގެނައުމަކީ ގައުމީ ލަނޑުދަނޑިއެއް ކަމަށެ"ވެ. އަނެއް ސަބަބަކީ ރޫސީ ވިލާތަށް ވުރެ ކުރިން އިންސާނަކު ހަނދަށް ފޮނުވުމެވެ.

މި ދައްކަނީ ދެ ވަނަ ބޮޑު ހަނގުރާމަ އަށް ފަހު، ކޮމިޔުނިސްޓް ރޫސީ ވިލާތުގެ ބާރާއި ޑިމޮކްރަސީގެ އިސް ސަފުގައި އޮތް، އަދި ހުޅުވިފައިވާ އިގުތިސާދެއްގެ މައްޗަށް ބިނާވެފައިވާ އެމެރިކާގެ ދެމެދުގައި "ފިނި ހަނގުރާމަ" ކުރިއަށް ދިޔަ ދުވަސްވަރުގެ ވާހަކައެކެވެ. "ފިނި ހަނގުރާމަ" ބޭނުންކުރީ، ސީދާ ހަނގުރާމައެއްގެ ބަދަލުގައި، ދެ ގައުމުގެ ދެމެދުގައި ބަދަލުކުރި ބަހުގެ ހަމަލާތަކާއި، ވާދަވެރިކަމުގައި ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާ އިން ހޯދި ކުރިއެރުންތަކާއި އެހެން ގައުމުތައް ކޮންޓްރޯލްކުރުމުގެ ސިޔާސަތަށް ނިސްބަތްކޮށެވެ.

އިންސާނުން ހަނދަށް ފޮނުވުމުގެ މަޝްރޫއު އެމެރިކާ އިން ކުރިއަށް ގެންދިޔައީ ވަރަށް ބާރު ހައުލި މިނެއްގަ އެވެ. އިގުތިސާދީ ގޮތުން ގޮންޖެހުންތަކެއް ހުއްޓަސް، އެ ދުވަހު ކެނެޑީ އިއުލާންކުރެއްވީ ނާސާ އަށް ބޭނުންވާ ފައިސާ ދެއްވާނެ ކަމަށެވެ.

އެމެރިކާ އިން ގައުމީ އެ ލަނޑުދަނޑިއަށް، ޖުލައި 20، 1969 ގައި، ވާސިލްވެވުނު އިރު، ހިތާމަވެރި އެތައް ހާދިސާއެއް ވަނީ ހިނގައިފަ އެވެ. އެގޮތުން އަށް އެސްޓްރޮނޯޓުން (އޭގެ ތެރޭގައި އެސްޓްރޮނޯޓުންނަށް ވާން ތަމްރީން ހެދި މީހުން ވެސް ހިމެނެ އެވެ) ވައިގެ ހާދިސާތަކުގަ އާއި މަޝްރޫއުގައި ބޭނުންކުރާ އެހެން އުޅަނދުތައް ޓެސްޓްކުރުމުގެ ތެރޭގައި މަރުވި އެވެ. އޭގެ އިތުރުން އެޕޯލޯ މަޝްރޫއުއާ ހަމައަށް އައުމުގެ ކުރިން އެހެން ނަންނަމުގައި ހިންގި ޖައްވީ މަޝްރޫއުތަކުގައި އެތައް ޕައިލެޓުންނެއްގެ ފުރާނަ ގެއްލުނެވެ.

"އެޕޯލޯ މަޝްރޫއުއަކީ އޭގެ ޒާތުގައި ވަރަށް ނުކުރެވޭނެ ކަހަލަ ތަޖުރިބާއެއް،" ޖައްވީ ކަންކަމުގެ ތާރީޚީ އިލްމުވެރިޔާ ޖޯން ލޮގްސްޓަން ވިދާޅުވި އެވެ.

"މިހާރު މި ފެންނަ ޖައްވީ ހަރަކާތްތަކާ ހިލާފަށް އޭރު އެކަން ވައްތަރީ ގައުމަކަށް އަރައިގަތުން ނުވަތަ އަސްކަރީ ތަޖުރިބާތަކަކާ."

އޭރު އެންމެ ބޮޑު ނުރަައްކަލެއް ބޮލުއަޅައިގެން އުޅުނީ ކަންކަން ޓެސްޓްކުރާ ޕައިލެޓުން، ނުވަތަ ޓެސްޓް ޕައިލެޓުންނެވެ. އެކި އުޅަނދުތައް ޓެސްޓްކުރުމުގެ ދަތުރުގައި އޭގެ ތެރެއިން އެތައް ބަޔަކު މަރުވި އެވެ. އެގޮތުން އެންމެ މަހެއްގެ ތެރޭގައި ހަތް ޕައިލެޓުން މަރުވުމުގެ ބޮޑު ހިތާމައާ ވެސް، ނާސާއާ ކުރިމަތިވި އެވެ.

އެޕޯލޯ މަޝްރޫއު ފެށި އިރު ސަލާމަތުން ތިބި ޓެސްޓް ޕައިލެޓުންނާއި ޕައިލެޓްކަމާއި ސައިންސްގެ ދާއިރާގެ ތަޖުރިބާ ހުރި މީހުން ތާރީޚުން ޖާގަ ހޯދީ، ފުރާނަ އަތަށް ލައިގެން ނުކުތް ބައެއްގެ ގޮތުގަ އެވެ.

ހަނދުގައި އެންމެ ފުރަތަމަ ފައިތިލަ ބީއްސާލި ދެ އިންސާނުން ކަމަށް ވާ ނީލް އާމްސްޓްރޯންގާއި ބަޒް އަލްޑްރިން އަކީ ޕައިލެޓްކަމުގެ އިތުރުން ކޮލެޖް ތައުލީމު ލިބިފައިވާ އިންޖިއަނަރުންނެވެ.

"މިއީ ނުރައްކާ އޮތްކަން އެނގި ތިބެ އެ މަޝްރޫއުގައި ބައިވެރިވި މީހުން،" ނާސާގެ ތާރީހާ ބެހޭ މައުލޫމާތު ހުރި ރޮޖާ ލޯނިސް ވިދާޅުވި އެވެ.

"އެކަމަކު އެ މީހުންގެ އާއިލާތައް ތިބީ އެގޮތަކަށް ނޫން. އަނބިންނާއި ދަރިންނަށް ކުރިމަތިވާނީ ބޮޑެތި ގެއްލުން."

އާމްސްޓްރޯންގެ ފުރަތަމަ ތަޖުރިބާ ވެސް ނުރައްކަލަކަށް

އާމްސްޓްރޯންގްގެ ޖައްވީ ފުރަތަމަ ތަޖުރިބާ ބޮޑު ނުރައްކަލަކަށް ވެގެން ނުދިޔައީ ހަމަ ކިރިޔާ އެވެ. ޖެމިނީ 8 ޖައްވީ އުޅަނދުގައި މައްސަލަ ޖެހުނީ އެވެ. ވައިގެ ތެރޭގައި އެ ކޮންޓްރޯލްނުވެ، އޭނާ އާއި ޕައިލެޓް ޑޭވިޑް ސްކޮޓް އެނބުރެން ފެށި އެވެ. އެކަމަކު އެންމެ ފަހުން ކޮންޓްރޯމްކުރެވުނީ އާމްސްޓްރޯންގަށެވެ. އަދި ސަލާމަތުން މޫދަށް ތިރިކުރި އެވެ.

އެކަމަކު އެސްޓްރޮނޯޓަށް ވުމުގެ މަގުމަތީގައި ތިބި އެންމެން އެހާ ނަސީބު ރަނގަޅެއް ނުވި އެވެ. އެސްޓްރޮނޯޓަކަށް ވުމުގެ ތަޖުރިބާ ހޯދުމުގެ ގޮތުން ދަތުރުކުރަނިކޮށް އެތައް ބޯޓެއް ވެއްޓި، އެތައް ޕައިލެޓުންނެއް މަރުވި އެވެ. މިސާލަކަށް ތިއޮޑޯ ފްރީމެން އެވެ. އޭނާއަކީ އެޕޯލޯ 14 ގެ އުޅަނދުގައި ހަނދަށް ދާން ނެގި އެސްޓްރޮނޯޓުންގެ ތެރެއިން އެކެކެވެ. ނަމަވެސް ތަމްރީނަށް އޭނާ އުދުހުނު މަތިންދާ ބޯޓުގައި ދޫނިތަކެއް ޖެހިގެން ހިނގި އެކްސިޑެންޓްގައި މަރުވި އެވެ.

އެންމެ ހިތްދަތި އަދި އެންމެ ގިނަ ބަޔަކަށް އެނގޭނެ ހާދިސާއަކީ އެޕޯލޯ 1 ގެ އަލިފާނެވެ. އެޕޯލޯ މަޝްރޫއުގައި އިންސާނުން ފުރަތަމަ ފަހަރަށް ޖައްވަން ފޮނުވަން އޮތް ރިހާސަލަކަށް އުޅަނދު އުދުއްސާލަން ތައްޔާރުވެފައި އޮއްވާ، ކޮކްޕިޓްގައި ހިނގި އަލިފާނުގެ ހާދިސާގައި ތިން އެސްޓްރޮނޯޓުން ކަމަށް ވާ ގުސް ގްރިސަމް އާއި އެޑް ވައިޓް އަދި ރޮޖާ ޗާފީ ވަގުތުން މަރުވި އެވެ.

މި ހިތާމަވެރި ހާދިސާތަކާއި ފައިސާގެ ދަތިކަމާ ހުރެ، އެތަައް ބަޔަކު ނާސާގެ މަޝްރޫއުއާ މެދު ސުވާލު އުފެއްދި އެވެ. އެކަމަކު ނާސާގެ ސައިންސްވެރިންނާއި އެސްޓްރޮނޯޓުން އަބަދުވެސް ދިޔައީ ކޮންމެވެސް ގޮތަކުން މަގެއް ހޯދަމުންނެވެ. އަދި އިންސާނުން ހޯދި އިލްމީ ގާބިލްކަމުގެ ބޮޑު ނަމޫނާއެއްގެ ގޮތުގައި އަބަދުވެސް ނެގޭ ގޮތަށް، އެޕޯލޯ މަޝްރޫއު ކާމިޔާބުކުރި އެވެ.