Roadha Mihaaru
ދިވެހި ދިދަ ވެސް ހަނދަށް!

ދިވެހި ދިދަ ވެސް ހަނދަށް!

20 ޖުލައި 2019

އިލްމީ ގޮތުން 1969 ގައި ދުނިޔެ އޮތީ ކޮން ހިސާބެއްގައިކަން އޭރުގެ ދިވެހިންނަކަށް ނޭނގެ އެވެ. ރާއްޖޭގެ މުޅި އިގުތިސާދު ބިނާވެފައި އޮތް މަސްވެރިކަމުގައި ބޭނުންކުރީ ރިޔަލު ދޯނިފަހަރެވެ. ކަނޑަށް ނުކުމެ އުޅުނީ ފައްޔާއި ރިޔަލުގަ އެވެ. ފޯނުގެ ގުޅުންތަކެއް ނެތެވެ. ޓީވީއަކީ ކޮން އެއްޗެއްކަން އެނގޭ މީހުން މަދެވެ. އޯ ލެވެލް އިމްތިހާން ބާއްވަން ފެށިތާ ވީ އެންމެ ދެ އަހަރެވެ. ސްކޫލެއްގައި ފުރަތަމަ ލެބޯރަޓަރީ، މަޖީދިއްޔާ ސްކޫލްގައި ހުޅުވީ ވެސް އެ އަހަރު އެވެ.

މޫސާ ލަތީފް މޫސާ ލަތީފް

އިލްމީ ގޮތުން 1969 ގައި ދުނިޔެ އޮތީ ކޮން ހިސާބެއްގައިކަން އޭރުގެ ދިވެހިންނަކަށް ނޭނގެ އެވެ. ރާއްޖޭގެ މުޅި އިގުތިސާދު ބިނާވެފައި އޮތް މަސްވެރިކަމުގައި ބޭނުންކުރީ ރިޔަލު ދޯނިފަހަރެވެ. ކަނޑަށް ނުކުމެ އުޅުނީ ފައްޔާއި ރިޔަލުގަ އެވެ. ފޯނުގެ ގުޅުންތަކެއް ނެތެވެ. ޓީވީއަކީ ކޮން އެއްޗެއްކަން އެނގޭ މީހުން މަދެވެ. އޯ ލެވެލް އިމްތިހާން ބާއްވަން ފެށިތާ ވީ އެންމެ ދެ އަހަރެވެ. ސްކޫލެއްގައި ފުރަތަމަ ލެބޯރަޓަރީ، މަޖީދިއްޔާ ސްކޫލްގައި ހުޅުވީ ވެސް އެ އަހަރު އެވެ.

އެކަމަކު އޭރު އިންސާނުން ދުނިޔެ ދޫކޮށް، ހަނދަށް ހިނގައްޖެ އެވެ. އެމެރިކާގެ އެޕޯލޯ 11 ހަނދަށް ގޮސް، އޭގެ "އީގަލް" އުޅަނދު ހަނދުގެ ބިންގަނޑަށް ޖައްސައި، ނީލް އާމްސްޓްރޯންގްގެ ފައިތިލަ އެ ބިމުގައި ބީއްސާލި އިރު ރާއްޖޭގައި ޓީވީއެއް ނުހުރެ އެވެ. ހަމައެކަނި މާލޭ ސަރަހައްދަށް ޓީވީއެމް ލިބެން ފެށީ އޭގެ ނުވަ އަހަރު ފަހުން 1978 ގަ އެވެ. ފުރަތަމަ އިންޖީނު އެޅި "އުއްމީދު" ދޯނި، އިންޖީނާ އެކު މޫދަށް ބޭލީ، އިންސާނުން ހަނދަށް ދިޔަތާ ފަސް އަހަރު ފަހުން 1974 ގަ އެވެ. އޭ ލެވެލް ފުރަތަމަ އިމްތިހާން ރާއްޖޭގައި ބޭއްވީ 1970 ގަ އެވެ.

އޭރު އެމެރިކާ އިން އެ ގައުމުގެ ބަޔަކު ހަނދަށް ފޮނުވައިފިއޭ ބުނެފި ނަމަ ދިވެހިންނަށް ގަބޫލެއްނުކުރެވޭނެ އެވެ. އޭގެ 50 އަހަރު ފަހުން، މިހާރު ހުރިހާ ގޮތަކުން ދިވެހިންނަށް ކުރިއެރުން ލިބުނު އިރު ވެސް، އެކަން ގަބޫލުނުކުރާ މީހުން ގިނަ އެވެ. އެކަމަކު ގައުމީ ދާރުލްއާސާރުން، އެމެރިކާގެ އެޕޯލޯ ދަތުރުގެ ހަނދާންތައް ފެންނަން އެބަ ހުއްޓެވެ.

އެމެރިކާއިން ރާއްޖެއަށް ހަދިޔާކުރި ހަނދުގެ ހަތަރު ހިލަކޮޅު: އިންސާނުން ހަނދަށް ދިއުމަކީ މުޅި އިންސާނިއްޔަތަށް ލިބުނު ކާމިޔާބީއެއް

އެމެރިކާއިން ރާއްޖެއަށް ހަދިޔާކުރި ހަނދުގެ ހަތަރު ހިލަކޮޅު: އިންސާނުން ހަނދަށް ދިއުމަކީ މުޅި އިންސާނިއްޔަތަށް ލިބުނު ކާމިޔާބީއެއް

އެމެރިކާ އިން ދުނިޔޭގެ 60 އަށް ވުރެ ގިނަ ގައުމުތަކުގެ ދިދަ އެޕޯލޯ 11 ގައި ގެންދިޔަ ކަމަށްވެ އެވެ. އެއީ ރަމްޒީ ގޮތުން އެމެރިކާ އިން ކުރި ކަމެކެވެ. އެޕޯލޯ 11 ގައި އެ ގެންގޮސް، އަލުން އަނބުރާ ގެނަ އެވެ. އޭގެ ތެރޭގައި ރާއްޖޭގެ ކުޑަކުޑަ ދިދައެއް ވެސް ހިމެނެ އެވެ. އެޕޯލޯ 11 އިން ދުނިޔެއަށް ގެނައި ހިލަކޮޅުތަކުގެ ތެރެއިން ކުޑަކުޑަ ހަތަރު ހިލަކޮޅާއި އެ ދިދަ، އޭރުގެ އެމެރިކާގެ ރައީސް ރިޗަޑް ނިކްސަންގެ ފަރާތްޕުޅުން ރާއްޖެއަށް ހަދިޔާކުރި އެވެ. އެ ހަދިޔާ މިހާރު ވެސް ހުރީ ދާރުލްއާސާރުގައި އާންމުންނަށް ފެންނަ ގޮތަށެވެ.

އެމެރިކާ އިން ގަބޫލުކުރީ ހަނދުގެ ދަތުރަކީ ހަމައެކަނި އެމެރިކާއަށް ލިބޭނެ ޝަރަފެއް ނޫން ކަމަށެވެ. އެއީ މުޅި އިންސާނީ ނަސްލާ ގުޅިފައި އޮތް ކާމިޔާބީއެއްގެ ގޮތުގައި ގަބޫލުކުރި އެވެ. އެހެންކަމުން ވަރަށް ގިނަ ގައުމުތަކަށް އެމެރިކާ އިން ވަނީ ހަނދުގެ ހިލަކޮޅުތައް، ހަނދާނެއްގެ ގޮތުގައި ހަދިޔާކޮށްފަ އެވެ.

އިލްމާއި ޓެކްނޮލޮޖީ އާއި އިގުތިސާދީ ގޮތުން ދުނިޔެ ކުރީގައި އުޅުނު އިރު، 1969 ހިސާބުގައި ރާއްޖެ އަކީ ހަމައެކަނި މަސްވެރި ކުޑަކުޑަ ގައުމެކެވެ. ދުނިޔެއަކަށް ރާއްޖެއެއް ނޭނގެ އެވެ. އެކަމަކު 1970 ގެ އަހަރުތަކުގައި ޓޫރިޒަމް ތައާރަފުކުރުމާއި 1980 އާއި 1990 އަދި 2000 ގެ އަހަރުތަކުގައި ޓޫރިޒަމަށް ލިބުނު ކުރިއެރުންތަކާ އެކު، ދިވެހިންނަށް މުހިންމު ބަދަލުތަކެއް އަ އެވެ. މިއަދު ރާއްޖެ އަކީ ދުނިޔޭގެ އެންމެ މަޝްހޫރު އެއް ޓޫރިޒަމް މަންޒިލެވެ. މިއަދު މަސްދޯނިފަހަރު ބޮޑެތިވެ، ޒަމާނީ އިންޖީނުތަކުން ސްޕީޑް ހޯދައިފި އެވެ. ރަށްރަށަށް ކުރާ އާންމު ދަތުރުފަތުރު ލޯންޗަށާއި މަތިންދާ ބޯޓަށް ބަދަލުވެއްޖެ އެވެ. ދުނިޔޭގެ ބޮޑެތި އިމްތިހާންތައް ހަދަ އެވެ. ޔުނިވަސިޓީތަކާއި ކޮލެޖްތައް އުފެދިއްޖެ އެވެ. އެންމެ ޒަމާނީ ވަސީލަތްތަކުން ދިވެހިން ހިތްހަމަޖައްސަ އެވެ.

އިންސާނުން ހަނދަށް ދިޔަތާ 50 އަހަރު ފާހަގަކުރާ އިރު މިއަދު އެއާ ގުޅޭ ހުރިހާ މައުލޫމާތެއް ހޯދަން ދިވެހިންނަށް ވެސް ބޭނުންވަނީ ސިކުންތުކޮޅެކެވެ. މައުލޫމާތުން ސިކުނޑި މުއްސަނދިވާ ވަރަކަށް، އިންސާނުން ހޯދާ ކާމިޔާބީތަކުގެ އަގުވަޒަންކުރެވޭނެ އެވެ.