Roadha Mihaaru
ނީލް އާމްސްޓްރޯންގް: ހަނދުގެ ފުރަތަމަ ޖިއޮލޮޖިސްޓް

ހަނދުގެ ފުރަތަމަ ޖިއޮލޮޖިސްޓަކީ ވެސް ނީލް އާމްސްޓްރޯންގް

20 ޖުލައި 2019

މިދިޔަ މާޗް މަހު އެމެރިކާގެ ހިއުސްޓަންގައި ބޭއްވި ލޫނާ އެންޑް ޕްލެނެޓަރީ ސައިންސް ކޮންފަރެންސް ފެށީ، އެންމެ ފަހުން ހަނދަށް ދިޔަ އެޕޯލޯ 17 ގައި ހިމެނުނު ދެ އެސްޓްރޮނޯޓުންގެ ތެރެއިން އެކަކު ކަމަށްވާ ހެރިސަން ޝްމިތު، ނީލް އާމްސްޓްރޯންގުގެ ފޮޓޯއެއް ދައްކާލަމުންނެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

މިދިޔަ މާޗް މަހު އެމެރިކާގެ ހިއުސްޓަންގައި ބޭއްވި ލޫނާ އެންޑް ޕްލެނެޓަރީ ސައިންސް ކޮންފަރެންސް ފެށީ، އެންމެ ފަހުން ހަނދަށް ދިޔަ އެޕޯލޯ 17 ގައި ހިމެނުނު ދެ އެސްޓްރޮނޯޓުންގެ ތެރެއިން އެކަކު ކަމަށްވާ ހެރިސަން ޝްމިތު، ނީލް އާމްސްޓްރޯންގުގެ ފޮޓޯއެއް ދައްކާލަމުންނެވެ.

"މި މީހާގެ ހަނދާން އާކުރަމާ ހިނގާ،" އެޕޯލޯ އެސްޓްރޮނޯޓުންގެ ތެރޭގައި ހިމެނުނު ޕްރޮފެޝަނަލް ހަމައެކަނި ސައިންޓިސްޓް ކަމަށްވާ ޑރ. ޝްމިތު، އެ ހޯލުގައި ތިބި އެތައް ބައިވަރު ސައިންސްވެރިންގެ އަތްތިލަބަޑީގެ އަޑާ އެކު ވިދާޅުވި އެވެ.

"ނީލް ވެގެން ދިޔައީ ހަނދުގެ އެންމެ މޮޅު ފީލްޑް ޖިއޮލޮޖިސްޓަށް،" އޭނާގެ ވާހަކަ ކުރިއަށް ގެންދިޔަ އެވެ. "އެއީ އެޕޯލޯ 17 ހަނދަށް ދިޔުމާ ހަމަޔަށް. ވިއްސަކަށް މިނެޓް ވަންދެން އޭނާ ވަނީ ހަނދުން ވަރަށް ރަނގަޅު ސާމްޕަލްތައް އެއްކޮށްފައި."

އިންސާނުން ގޮވައިގެން އެޕޯލޯ 11 ހަނދަން ދިއުމުގެ ކުރިން ހަނދާ ބެހޭ އާދައިގެ ސުވާލަކަށް ވެސް ސައިންސްވެރިންނަށް ޖަވާބު ނުދެވި އަންނަނީ ރުޅި އެވެ. މިސާލަކަށް ބުނާ ނަމަ، ހަނދުގެ އުމުރަކީ ކޮބައިތޯ އެހިޔަސް ވާނީ އެހެންނެވެ.

ނީލް އާމްސްޓްރޯންގް 1969 ވަނަ އަހަރު ހަނދުގައި، އޭނާގެ މުހިންމު މަސައްކަތްތައް ކުރަނީ. -- ފޮޓޯ: ނާސާ

ނީލް އާމްސްޓްރޯންގް 1969 ވަނަ އަހަރު ހަނދުގައި، އޭނާގެ މުހިންމު މަސައްކަތްތައް ކުރަނީ. -- ފޮޓޯ: ނާސާ

ނަމަވެސް ހަނދުގައި އެންމެ ފުރަތަމަ ހިނގި އާމްސްޓްރޯންގާއި ބަޒް އެލްޑްރިން ހަނދުން ގެނައި 22 ކިލޯ އަށް ވުރެ ބަރު ސާމްޕަލްތަކުން އެ ޖަވާބު ވެސް ވަރަށް އަވަހަށް ސާފުވި އެވެ: ހަނދުގެ އުމުރުން ވަރަށް، ވަރަށް ގިނަ ދުވަސް ވެއްޖެ އެވެ.

ޑރ. ޝްމިތު ވިދާޅުވީ އެ ހިސާބުން އެޕޯލޯ ޕްރޮގްރާމް ހުއްޓާލައި އޭގެ ފަހުން ހަނދަށް ނުދިޔަ ނަމަވެސް، އަދި އެންމެ ފަހުން ޝްމިތު ހަނދަށް ކުރި ދަތުރުގައިގެނައި ސާމްޕަލް ބޭނުން ނުކުރި ކަމުގައި ވިޔަސް، ހަނދުން އެންމެ ފުރަތަމަ ގެނައި ސާމްޕަލްތަކުން ސޯލާ ސިސްޓަމްގެ މައުލޫމާތު ހޯދުން ތާއަބަދަށް ވެސް ކުރިއަށް ގެންދެވޭނެ ކަމަށެވެ.

އާމްސްޓްރޯންގް ހަނދުން ދެ ވައްތަރެއްގެ ހިލަ ގެނަ އެވެ. އެއީ ލާވާ ނުވަތަ ދިޔާ އަލިފާން ހިހޫވެ ހަރުވުމުން އުފެދޭ ބެސޯލްޓްސް އާއި ފުނޑުފުނޑުވެފައިވާ ހިލަ އެތައް ޒަމާނަކުން އެކަތިގަނޑަކަށް ވެގެން އުފެދޭ ބްރެޗިއާ އެވެ. އެޕޯލޯ 11 ހަނދަށް ޖެއްސީ ލާވާގެ ސަބަބުން އުފެދިފައި އޮތް، ބިންގަނޑު އެއްވަރު ތަނަކަށެވެ. އެތަން އިހްތިޔާރުކުރީ ސައިންޓިފިކް ގޮތުން ބަލާއިރު ޝައުގުވެރި ތަނަކަށް ވާތީއެއް ނޫނެވެ. ޖައްވީ އުޅަނދު ތިރިކުރަން ރައްކާތެރި ތަނަކަށް ވާނެ ކަމަށް ބެލެވޭތީ އެވެ.

އެހެން ވިޔަސް، ބެސޯލްޓްސް އިން ސޯލާ ސިސްޓަމްގެ މުޅި ތާރީހު އަލުން ލިޔެލަ ދިނެވެ. އެ ހިލަތަކުގައި، އެތައް ޒަމާނެއް ވަންދެން ހުރި ރޭޑިއޯ އެކްޓިވް އެލެމެންޓްތަކުން، އޭގެ އުމުރު ލަފާކުރެވޭނެ މުއްދަތެއް ދައްކައިދިނެވެ. އެއީ މީގެ 3.6 ބިލިއަން އަހަރާއި 3.9 ބިލިއަން އަހަރާ ދެމެދުގެ މުއްދަތެއްގެ ކުރިން ފިނިވެ ހަރުވެފައި ހުރި ލާވާކަން އެނގުނެވެ. އަހަރެމެން މި އުޅޭ ބިމުގައި ހުރި ހުރިހާ ހިލަޔަކާއި ގަލަކަށް ބެލި ކަމުގައި ވިޔަސް މިހާ ދުވަސްވީ އެއްޗިއްސެއް ނެތެވެ. މި އުމުރާ ގާތްކުރާ އެއްޗެއް ވެސް ނެތެވެ. ހަނދުގެ ހިލައިގެ ސާމްޕަލްތަކުން އެނގުނީ އޭގެ އުމުރު ދުނިޔެ އާއި ސޯލާ ސިސްޓަމްގެ އުމުރާ ގާތްގަނޑަކަށް އެއްވަރުކަމެވެ. އެއީ 4.5 ބިލިއަން އަހަރު ކުރި އެވެ.

ލޫނާ ރިސީވިން ލެބޯޓަރީގައި ޖުލައި 1969 ގައި، ޑރ. އީ.އޭ ކިންގް ހަނދުގެ ސާމްޕަލްތައް ދިރާސާކުރައްވަނީ. -- ފޮޓޯ: ނާސާ/އޭޕީ

ލޫނާ ރިސީވިން ލެބޯޓަރީގައި ޖުލައި 1969 ގައި، ޑރ. އީ.އޭ ކިންގް ހަނދުގެ ސާމްޕަލްތައް ދިރާސާކުރައްވަނީ. -- ފޮޓޯ: ނާސާ/އޭޕީ

"އެ ހިސާބުން އަހަރެމެންނަށް އެނގިއްޖެ ހަނދު ވެގެން ދާނީ، އެންމެ ކުޑަމިނުން ކޮންމެވެސް ވަރަކަށް ނަމަވެސް، ދުނިޔޭގެ ތާރީހުގެ ރެކޯޑްތައް ހުރި ތަނަކަށް ކަން،" ޑރ. ޝްމިތު ވިދާޅުވި އެވެ. "އެއީ އެޕޯލޯ 11 ގެ ކުރިން ސާފުވެފައި އޮތް ކަމެއް ނޫން. އެކަމަކު އޭގެ ފަހުން އަދި މިހާރު އެކަން އެނގޭ."

އާމްސްޓްރޯންގް ސާމްޕަލްތައް އަޅަން ގެންގުޅު ފޮށި ނުފުރޭތީ، އޭގެ ތެރެއަށް ހަނދުން ވެލި އެޅި އެވެ. އެއިން ވެސް އެތައް ކަމެއް ހޯދުނެވެ. ހަނދުވެ ބިމުގައި ހުންނަ ކުދި ހިލަކޮޅުތައް ކަމަށްވާ އެނޯތިޒިޓް އޭގައި ހުއްޓެވެ. މިނެރަލްތަކުން އުފެދިފައި ހުންނަ އެނޯތިޒިޓް އަކީ ފެނު މަތީގައި ގަނޑުފެން އޮންނަ ގޮތަށް، ދިޔާ އަލިފާން ނުވަތަ މެގްމާގެ މަތީގައި އޮންނަ އެއްޗެކެވެ.

ޔުނިވަސިޓީ އޮފް ޗިކާގޯ އާއި ހާވަޑްގެ ސައިންސްވެރިންގެ ދެ ޓީމަކުން އެ ބޭފުޅުންގެ އަމިއްލަ ދިރާސާތައް އެނޯތިޒިޓްއާ ބެހޭ ގޮތުން ކުރެއްވި އެވެ. ސައިންސްވެރިން ގަބޫލުކުރި ގޮތުގައި ދިޔާ އަލިފާނުގެ ކަނޑަކަށް ކޮންމެވެސް ޒަމާނެއްގައި ހަނދު ބަދަލުވި އެވެ.

ދިޔާ އަލިފާނުގެ ތެރޭގައި މައްޗަށް އަރާ އެނޯތިޒިޓް، އެންމެ މަތީ ފަށަލަ އަށް އަރައި އަޔަން ފަދަ ބަރު މާއްދާތައް ހަނދުގެ އެންމެ އަޑި އަށް ނުވަތަ މަދާ ހިސާބަށް އަޑި އަށް ގޮސްފައިވުން އެކަށީގެންވާ ކަމަށް ސައިންސްވެރިން ބުންޏެވެ. ދިޔާ އަލިފާން ހަނދުގައި ހުރި ކަމަށް ބުނުމާ އެކު، ހަނދު އުފެދުނީ ދުނިޔެ އާއި މާސް ފަދަ ޕްލެނެޓެއް ޖެހިގެން ކަމަށް ވެސް ވާހަކަ ދެކެވުނެވެ.

އެޕޯލޯ 11 ގެ އެސްޓްރޮނޯޓުން ހަނދުން ގެނައި، އަޔަން މެގްނީސިއަމުން މުއްސަނދި ސާމްޕަލެއް. -- ފޮޓޯ: ނާސާ

އެޕޯލޯ 11 ގެ އެސްޓްރޮނޯޓުން ހަނދުން ގެނައި، އަޔަން މެގްނީސިއަމުން މުއްސަނދި ސާމްޕަލެއް. -- ފޮޓޯ: ނާސާ

"މި ކޮންސެޕްޓް، ދިޔާ އަލިފާނުގެ ކަނޑު، މިއީ އެޕޯލޯ 11 ހަނދަށް ދިއުމުގެ ކުރިން މީހަކު ދަންނަ ކަންކަމެއް ވެސް ނޫން،" ޑރ. ޝްމިތު އިންޓަވިއުއެއްގައި ވިދާޅުވި އެވެ.

"އެއީ ސައިންސް މަސައްކަތްކުރާ ގޮތަކީ."

އާމްސްޓްރޯންގް ގެނައި ވެލީގައި، މެދުކެނޑުމެއް ނެތި އިރުން އަންނަ ސޯލާ ވިންޑްގައި ހުންނަ ހައިޑްރޮޖެން، ހީލިއަމް، ނައިޓްރިޖަން އަދި ކާބަން ހުއްޓެވެ. މީގެ އިތުރުން ހީލިއަމްގެ ލުއި ވައްތަރެއް ކަމަށްވާ ހީލިއަމް-3 ވެސް ފެނުނެވެ. މިއީ ކްލީން އެނާޖީ އަށް މުހިންމު އެއްޗެކެވެ.

"އެއިން އަހަރެމެންނަށް ބުނެދިނީ ވަޒަންނުކުރެވޭހާ ގިނަ އަދަދަކަށް ވަސީލަތްތައް ހުރިކަން، އަދި ދުނިޔޭގައި ވެސް ހުރެދާނެކަން،" ޑރ. ޝްމިތު ވިދާޅުވި އެވެ.

އެޕޯލޯ 11 ހަނދަށް ޖެއްސި ތަނުން ނެގި ހިލައިގެ ސާމްޕަލުން އެތަނުގެ އުމުރު ދެނެގަނެވުނެވެ. އަދި އޭގެ ފަހުން އެޕޯލޯ އިން ހަނދަށް ކުރި ފަސް ދަތުރުގައި ވެސް އެ ފަހަރަކު ހަނދަށް ޖެއްސި ސަރަހައްދަކުން ސާމްޕަލް ނަގައި އެ ސަރަހައްދުގެ އުމުރު ބެލި އެވެ. ނަތީޖާއަކަށް ދެއްކީ އެކި ހިސާބުގެ އުމުރު ތަފާތުވުމެވެ.

އާމްސްޓްރޯންގް 1969 ގައި ހަނދަށް ކުރި ދަތުރުގައި ހޯދި ވަރަށް ވުރެ މާ ގިނަ ހޯދުންތައް، ކުރިއަށް އޮތް ތަނުގައި ހަނދަށް ރޮބަޓް ފޮނުވައިގެން ހޯދުމަކީ އެކަށީގެންވާ ކަމެކެވެ. އެކަމަކު މި މަސައްކަތް ހަނދުގައި އެންމެ ފުރަތަމަ، ފީލްޑް ޖިއޮލޮޖިސްޓެއްގެ ގޮތުގައި ކޮށްފައިވަނީ އިންސާނެކެވެ. އެއީ އާމްސްޓްރޯންގެވެ.