02 ޖުލައި 2019
ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ހާލަތާ މެދު ގިނަ ކަންބޮޑުވުންތަކެއް މިއަދު ހުށަހަޅައިފި އެވެ.
ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ހާލަތާ މެދު ގިނަ ކަންބޮޑުވުންތަކެއް މިއަދު ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އަދި ޖެންޑާ ކޮމެޓީ އަށް މިއަދު ވަނީ ކަމާބެހޭ އިދާރާތަކުގެ އިސްވެރިން ހާޒިރުކޮށް މަރުކަޒުގެ ހާލަތާ ގުޅޭގޮތުން މައުލޫމާތު ސާފުކޮށްފަ އެވެ.
އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަރުކަޒު ބަލަހައްޓާ ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފަޒްނާ ޝާކިރު ވިދާޅުވީ އެތަނުގެ ޖާގައަށް ވުރެ މިހާރު ވެސް ގިނަ މީހުން އެބަތިބި ކަމަށެވެ. މަރުކަޒުގެ ޖާގައަކީ 160 އަށްވާއިރު ދައުލަތުގެ ބެލުމުގެ ދަށުގައި މިވަގުތު ވެސް 200 މީހުން އެބަތިބި ކަމަށް ވިދާޅުވި އެވެ. އަދި ގުރައިދޫ މަރުކަޒަށް ގެންދަންޖެހޭ މީހުން އައިޖީއެމްއެޗްގައި ތިބިކަން އޭނާ ފާހަގަކުރެއްވި އެވެ.
ފަރުވާ ނިމި އާއިލާއާ ހަވާލުކުރަންޖެހޭ 35 މީހުން އެބަތިބި ކަމަށާއި ނަމަވެސް އާއިލާއިން ހަވާލުނުވާތީ ގެންދެވެން ނެތް ކަމަށް ވިދާޅުވި އެވެ.
އެތަނުގައި 146 މުވައްޒަފުން މަސައްކަތް ކުރަމުން އަންނައިރު އޭގެ ތެރެއިން މަރުކަޒުގައި ބަލަހައްޓާ މީހުން ބަލަން ތިބެނީ 83 މުވައްޒަފުންނެވެ. ކްލިނިކްގައި ތިން ނަރުހުން މަސައްކަތް ކުރަމުން އަންނައިރު އަންނަ ހަފުތާގައި މެޑިކަލް އޮފިސަރެއް ފޮނުވާލެވޭ ކަމަށް ވިދާޅުވި އެވެ.
މީގެ ކުރިން ގުރައިދޫ މަރުކަޒު ބަލަހައްޓަމުން ދިޔައީ ހެލްތު މިނިސްޓްރީންނެވެ. ނަމަވެސް މި ސަރުކާރުން ވަނީ އެތަނުގެ ހިންގުން ޖެންޑާގެ ދަށަށް ބަދަލުކޮށްފަ އެވެ.
ފަޒްނާ ވިދާޅުވީ މިދިޔަ މާޗު 21 ވަނަ ދުވަހު އެ މިނިސްޓްރީގެ ދަށަށް މަރުކަޒު ބަދަލުކޮށް ތަނުގެ ހާލަތު ދެނެގަތުމަށް އޮޑިޓެއް ހެދި ކަމަށެވެ. އޮޑިޓުގައި ވެސް ބައިވަރު ކަންތައްތައް ހިމެނޭ ކަމަށާއި އޭގެ ތެރޭގައި ފެނާއި ސެކިއުރިޓީ ކެމެރާގެ މައްސަލަ ފާހަގަކުރެއްވި އެވެ.
އެތަން ޖެންޑާގެ ދަށަށް ގެންދިޔައިރު ހެލްުތުން ވަނީ ކެމެރާތައް ބެހެއްޓުމުގެ މަސައްކަތް ބައެއްގެ އެހީއާއެކު ފަށާފައިވާ ކަމަށް ވިދާޅުވި އެވެ. އެކަން ކުރިއަށްގެންދާ ކަމަށާއި އަލިފާން ނިއްވާ ސިސްޓަމް ބަހައްޓަން ވެސް އެމްއެންޑީއެފްއާ އެކު ދިރާސާއެއް ހަދައި އެކަން ކުރިއަށްދާ ކަމަށް ވިދާޅުވި އެވެ.
"މަރުކަޒު ތެރޭގައި އެއްވެސް ވަރަކަށް އެތާ ތިބޭ ޕޭޝަންޓުންގެ ކޭސް ފައިލް ނެތްކަން. އަޅުގަނޑުމެންނަށް ހޭންޑް އޯވާވި ފުރަތަމަ މަސްތެރޭ ހުރިހާ ކޭސް ފައިލެއްހެން އަދި މިހާރު މަރުކަޒު ތެރޭގައި ކޮންމެ ޕޭޝަންޓަކަށް ކޭސް ފައިލެއް އޮންނާނެ. ދާނީ ކޮންމެ މަހަކު ކޭސް ފައިލް މޮނިޓާ ކުރަމުން،" ފަޒްނާ ވިދާޅުވި އެވެ.
އެތަން ހިންގުމުގެ އެއްވެސް ސްޓަރަކްޗާއެއް ނެތް ކަމަށާއި ނަމަވެސް މިހާރު އެ މަސައްކަތް ފަށައި އަންނަ މަހުގެ ތެރޭގައި ތަންފީޒުކުރަން ފަށާނެ ކަމަށް ފަޒްނާ ވިދާޅުވި އެވެ.
މަރުކަޒުގެ ކްލިނިކްގެ ހާލަތު ވަރަށް ދަށްކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ ކްލިނިކް ހުންނަނީ ފިޒިއޮތެރަޕީ އާއި މެޑިކަލް އޮފިސަރާއި ހުރިހާ ތަނެއް އެއްތަނެއްގައި ކަމަށެވެ.
ޖެންޑާގެ ދަށަށް ބަދަލުކުރިތާ ހަފުތާއެއްގެ ތެރޭގައި ސައިކޭޓްރިސްޓުގެ ހިދުމަތް ފަށާފައިވާއިރު ދެ ފިޒިއޮތެރަޕިސްޓުން ތިބި ކަމަށް ވިދާޅުވި އެވެ.
ހިއުމަން ރައިޓްސް ކޮމިޝަންގެ ރައީސް އާމިނަތު އީނާސް ވިދާޅުވީ 2008 ވަނަ އަހަރުން ފެށިގެން މިހާތަނަށް، ގުރައިދޫ މަރުކަޒުގެ ހާލަތު ރަނގަޅުކުރަން ވަރަށް ގިނަ ރެކޮމެންޑޭޝަންތައް ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން 106 ރިކޮމެންޑޭޝަން ހުށަހަޅާފައިވާއިރު އޭގެ ތެރެއިން ބައެއް ކަންކަން އިސްލާހުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
އޭނާ ވެސް ވަނީ ގުރައިދޫ މަރުކަޒުގެ ފެނުގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އެ ކޮމިޝަންގެ މެމްބަރު ނައިވީން އަބްދުﷲ ވިދާޅުވީ، ގުރައިދޫގެ އާބާދީ އިތުރުވަމުން ދާތީ ޑިމާންޑާ އެއްވަރަށް ފެން ފޯރުނުކޮށްދެވޭކަން ކައުންސިލުން ފާހަގަކޮށްފައިވާ ކަމަށެވެ. އެ ރަށަށް 100 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބޭނުންވާއިރު މިވަގުތު ހުރީ 20 ޓަނުގެ ފެން ޕްލާންޓެކެވެ. އެހެންވެ ހަފުތާއަކު ތިން ދުވަހު މުޅި ރަށުން ފެން ކަނޑުމަކީ އާއްމު ކަމެއް ކަމަށް ކައުންސިލުން ބުނެފައިވާ ކަމަށް ނައިވީން ވިދާޅުވި އެވެ.
ސެކިއުރިޓީ ކެމެރާ ނެތުމުގެ ސަބަބުން މައްސަލައެއް ދިމާވެއްޖެ ނަމަ އެކަން ބެލުމަށް ވަރަށް ދަތިވާ ކަމަށާއި އެކަން ގުރައިދޫ މަރުކަޒުން ވެސް ފާހަގަވާ ކަމަށް ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި ދެން ފާޅުކުރެއްވި ކަންބޮޑުވުމަކީ ނަފްސާނީ ބަލީގެ މީހުންނާއި އުމުރުން ދުވަސްވީ މީހުން އެއްކޮށް އެއްތަނެއްގައި ބަހައްޓާތީ އެވެ. އަދި އެތަނުގައި ކުޑަ ތިންކުދިން މިހާރު ތިބިއިރު އަދިވެސް އިތުރު ކުދިން ގެންދާނެތީ، ކުޑަކުދިންނަށް ހާއްސަ ވޯޑެއް ހެދުމަކީ މުހިއްމުކަމެއްކަން ފާހަގަކުރި އެވެ.
އައިޖީއެމްއެޗްގެ ކޮންސަލްޓަންޓް ސައިކޭޓްރިސްޓް ޑރ. އާރިފް މުހައްމަދު ވިދާޅުވީ ގުރައިދޫ މަރުކަޒު ބެލެވެނީ ތެރަޕީ ދިނުމުގެ ބަދަލުގައި ބޭސް ދޭ ތަނެއްގެ ގޮތުގައި ކަމަށެވެ.
އޭނާ ވިދާޅުވީ ނަފްސާނީ ބަލީގެ މީހުން ގުރައިދޫގައި ގިނައިރު އެކަމުގައި ހެލްތު މިނިސްޓްރީގެ ހިއްސާ ވެސް އޮންނަންޖެހޭނެ ކަމަށެވެ. އެތަން ހިންގުމުގައި ހެލްތާ އެކީގައި އަބަދު ވެސް ސޯޝަލް ދާއިރާގެ ދައުރު އޮންނަންޖެހޭނެ ކަމަށް ވިދާޅުވި އެވެ.
"މެންޓަލް ހެލްތާ ސޯޝަލް ސެކްޓާ ވަތްކެއް ނުކުރެވޭނެ. ވަރަށް ބޮޑު ގުޅި ލާމެހިފައި ހުރި ދެ ކަންތައް. އެހެންވީމަ ފުރަތަމަ ރަނގަޅުކުރަން މަސައްކަތްކުރަންޖެހޭ ކަމެއްގެ ގޮތުގައި ފާހަގަކުރަން. ލިބިފައި ހުރި މައުލޫމާތުން ގުރައިދޫ މަރުކަޒަކީ މީހުން ބައިތިއްބާ ތަނެއްގެ ގޮތުގައި ސިފަވަނީ އަބަދު ވެސް. އެގޮތަށް މި ކިޔަނީ ވެސް، 'ހޯމް ފޯ ވީވްލް ފޯ ސްޕެޝަލް ނީޑްސް'، އެކަމަކު ޒަމާނީ ތަހުލީލުތަކުން މިހާރު އެނގޭ ގޮތުގައި މީހުން ބައިތިއްބާކަށް ނޫން އަސްލު، ރީހެބިލިޓޭޓް ފޯކަސްއެއް ބޭނުން،" އާރިފް ވިދާޅުވި އެވެ.
ގުރައިދޫގެ މަރުކަޒަށް ދިމާވި މައްސަލަތަކަކީ ބަޖެޓުގެ ތާށިކަން ވެސް ބައެއް ބޭފުޅުން ފާހަގަކުރެއްވި އެވެ.
ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިސްމާއިލް އަލި މަނިކު ވިދާޅުވީ މިދިޔަ އަހަރު ގުރައިދޫ މަރުކަޒަށް 33 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ މަރުކަޒަށް މިދިޔަ އަހަރު ފާސްކުރީ 30 މިލިއަން ރުފިޔާކަން ފާހަގަކުރެއްވި އެވެ.
އެސިސްޓެންޓް ބަޖެޓު އެގްޒެކެޓިވް އާދަމް ބަދުރުﷲ ވިދާޅުވީ ގުރައިދޫގައި ހުރި މައްސަލަތަކަށް ވަރަށް ކައިރިން ހައްލުކޮށްދެމުން އަންނަ ކަމަށެވެ. އެތަނުން އެދޭ ކަންތައްތަކަށް ބަޖެޓުގެ ތެރެއިން ހަމަޖައްސައިދެވެން އޮތް މިންވަރަކުން އެކަން ކޮށްދޭނެ ކަމަށް ވިދާޅުވި އެވެ.
މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ ގުރައިދޫ މަރުކަޒުގެ ހާލަތު އޮތީ ހިތްފަޅައިގެންދާ ހިސާބުގައި ކަމަށެވެ. އެހެންވެ ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން އެތަނުގެ ހާލަތު ރަނގަޅުކޮށް އެތަނުގެ މުވައްޒަފުން ތަމްރީނުކުރުމަކީ މުހިއްމު ކަމެއް ކަމަށް ވިދާޅުވި އެވެ.
އޭގެ އިތުރުން ގުރައިދޫ މަރުކަޒުގެ ފެނުގެ ހާލަތާއި ސެކިއުރިޓީގެ ކަންތައްތައް ވީހާ ވެސް އަވަހަކަށް ރަނގަޅުކޮށްދޭން މެމްބަރުން އެދިވަޑައިގެންފައި ވެ އެވެ.
ދަރިން ދޫކޮށްލާ މުވައްޒަފުންނަށް ފިޔަވަޅު އަޅަނީ
ގުރައިދޫ މަރުކަޒުގެ ވޯޑެއް ތަންމަކުނުން ފުރިފައި!
ގުރައިދޫ މަރުކަޒު ހެލްތު މިނިސްޓްރީގެ ދަށަށް
ގުރައިދޫ މަރުކަޒާ ބެހޭ އަޑުއަހަން އުނދަގޫ ވާހަކަތަކެއް
އަދިވެސް އެ ރުއިމުގެ އަޑު؛ އާދޭސްތައް!
ހިތްދަތި ވާހަކަތަކެއް ވަޅުލެވިފައިވާ ހަށިތަކާ އެކު!
ކުދިންނަށް ފިޔަވަތީގެ ފުރާޅަށް ނޭރޭ ގޮތް ހަދަން އެދެނީ
މިޝްކާގެ މަރުގެ ތަހުގީގަށް ވަގުތުދީ ކޮމިޓީ ނިންމާލައިފި
މިޝްކާގެ މަރުގެ އިހުމާލުގެ މައްސަލަ މަޖިލިހުން ބަލަނީ
މަރުވިމީހާ ފައިގައި ހުރީ އާއިލާއިން ޖެހި ޗޭނު ނިޝާން