Roadha Mihaaru
ގުރައިދޫ މަރުކަޒާ ބެހޭ އަޑުއަހަން އުނދަގޫ ވާހަކަތަކެއް

އެޗްއާރުސީއެމްގެ ރިޕޯޓް؛ ގުރައިދޫ މަރުކަޒާ ގުޅޭގޮތުން އަނެއްކާވެސް އަޑުއަހަން އުނދަގޫ ވާހަކަތަކެއް!

12 އޮކްޓޯބަރ 2022

ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފަރުވާދިނުމަށް ސަރުކާރުން ކ. ގުރައިދޫގައި ހަދާފައިވާ މަރުކަޒަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން މި އަހަރުގެ ކުރީކޮޅުގައި ކުރި ޒިޔާރަތަށް ފަހު، އެކުލަވައިލި ތަފުސީލީ ރިޕޯޓުން އަނެއްކާވެސް އަޑުއަހަން އުނދަގޫ ވަރަށް ގިނަ ވާހަކަތަކެއް ހާމަވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފަރުވާދިނުމަށް ސަރުކާރުން ކ. ގުރައިދޫގައި ހަދާފައިވާ މަރުކަޒަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން މި އަހަރުގެ ކުރީކޮޅުގައި ކުރި ޒިޔާރަތަށް ފަހު، އެކުލަވައިލި ތަފުސީލީ ރިޕޯޓުން އަނެއްކާވެސް އަޑުއަހަން އުނދަގޫ ވަރަށް ގިނަ ވާހަކަތަކެއް ހާމަވެއްޖެ އެވެ.

އެޗްއާރްސީއެމުން ގުރައިދޫ މަރުކަޒަށް މި އަހަރުގެ މާޗު 6-8 އަށް ކުރި މޮނީޓަރިން ޒިޔާރަތަށް ފަހު އެކުލަވާލީ ރިޕޯޓް އާންމުކުރީ މިއަދެވެ. އެ ރިޕޯޓްގައި ބުނީ 2008 ވަނަ އަހަރުން ފެށިގެން ރަނގަޅު ކުރަން އަންގަމުން އަންނަ ވަރަށް ގިނަ ކަންކަން އަދިވެސް ރަނގަޅު ނުކުރާ ކަމަށާއި އެ މަރުކަޒުގައި އަސާސީ ގިނަ ހިދުމަތްތައް ލިބެން ވެސް ނެތް ކަމަށެވެ.

އެފަދަ މަރުކަޒެއްގައި ލިބެން ހުންނަ ޖެހޭ އަސާސީ ކަންކަން ކަމަށްވާ ސައިކޭޓްރިސްޓެއްގެ ހިދުމަތާއި ތަފާތު އެކި ބަލިތަކުގެ ހާއްސަ ޑޮކްޓަރަށް ދެއްކުމުގެ އިންތިޒާމާއި ބަލި މީހުންނަށް އަޅައިލާނެ ވަރަށް މުވައްޒަފުން ނެތް ކަމަށް ބުންޏެވެ. އަދި ބަލި މީހުންނަށް އެހީތެރިކަން ދިނުމަށް ބޭނުންވާ ފަންނީ މުވައްޒަފުން ވެސް ނެތް ކަމަށް ރިޕޯޓުގައި ވެ އެވެ.

...އަސާސީ ހިދުމަތްތަކުގެ ގޮތުގައި ހިމެނޭ ނިދުމާއި ފާހާނާކުރުމާއި އަންނައުނު ފަދަ ތަކެތި ރައްކާކޮށް ބެހެއްޓުމުގެ ނިޒާމު އެކަށީގެންވާ ވަރަށް ވުރެ ދައްކަން ފާހަގަކުރެވިފައިވެ އެވެ. -- އެޗްއާރުސީއެމް

"...އަސާސީ ހިދުމަތްތަކުގެ ގޮތުގައި ހިމެނޭ ނިދުމާއި ފާހާނާކުރުމާއި އަންނައުނު ފަދަ ތަކެތި ރައްކާކޮށް ބެހެއްޓުމުގެ ނިޒާމު އެކަށީގެންވާ ވަރަށް ވުރެ ދައްކަން ފާހަގަކުރެވިފައިވެ އެވެ،" އެ ރިޕޯޓްގައިވެ އެވެ.

ގުރައިދޫ މަރުކަޒުން ބަލަހައްޓާ އުމުރުން ދުވަސްވީ އަންހެނުން ތިބޭ ވޯޑުގައި ދިރިއުޅޭ ބަޔަކު: އެ މަރުކަޒުގެ ބައެއް މުވައްޒަފުން ބަލި މީހުންނާ މެދު ލާއިންސާނީ އަމަލު ހިންގާ ކަމަށް އެޗްއާރްސީއެމްގެ ރިޕޯޓްގައި ބުނި -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ގުރައިދޫ މަރުކަޒުން ބަލަހައްޓާ އުމުރުން ދުވަސްވީ އަންހެނުން ތިބޭ ވޯޑުގައި ދިރިއުޅޭ ބަޔަކު: އެ މަރުކަޒުގެ ބައެއް މުވައްޒަފުން ބަލި މީހުންނާ މެދު ލާއިންސާނީ އަމަލު ހިންގާ ކަމަށް އެޗްއާރްސީއެމްގެ ރިޕޯޓްގައި ބުނި -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ލާއިންސާނީ އަމަލުތަކާއި ޖިންސީ ގޯނާކުރުން

އެޗްއާރުސީއެމްގެ ހޯދުންތައް ދައްކާ ގޮތުން، ގުރައިދޫ މަރުކަޒުން ފަރުވާ ހޯދާ މީހުންނާ މެދު އެ ތަނުގެ ބައެއް މުވައްޒަފުން ނުވަތަ ކެއާވޯކަރުން ލާއިންސާނީ އިހާނެތި އަމަލުތައް ހިންގަ އެވެ. ބަލި މީހުންނާ ދިމާލަށް ބޭއަދަބީ، ހަޑިހުތުރު ބަހުން މުއާމަލާތު ކުރާ ކަމަށާއި އެ މީހުންނާ މެދު އަނިޔާވެރި ގޮތަށް އަމަލުތައް ބަހައްޓާ ކަމަށް، އެ ތަން ހިންގުމުގައި އިސްކޮށް އުޅޭ މީހުންނާއި އެ މަރުކަޒުން ބަލަހައްޓަމުން އަންނަ އުމުރުން ދުވަސްވީ މީހުން މައުލޫމާތު ދީފައިވާ ކަމަށް ރިޕޯޓުގައި ބުންޏެވެ.

ބަލި މީހުންނަށް ޖިންސީ ގޯނާކުރާ ބަލި މީހަކު މަރުކަޒުގައި އުޅޭކަމާއި އެ ބަލި މީހާ އަށް ތަކުރާރުކޮށް ނަސޭހަތް ދީފައިވާ ކަމާ އަދި މި ބަލި މީހާގެ ވާހަކަ އޮފީހަށް ވެސް އަންގާފައިވާ ކަމަށް ކެއާވޯކަރުން މައުލޫމާތު ދީފައިވެ އެވެ. -- އެޗްއާރުސީއެމް

އެ މަރުކަޒުން ފަރުވާ ހޯދަމުން އަންނަ ބައެއް ބަލި މީހުން، އެހެން ބަލި މީހުންނަށް ޖިންސީ ފުރައްސާރަ ކުރާކަން، ބަލި މީހުންގެ ފަރާތުން ލިބިފައިވާ މައުލޫމާތުންނާއި ކޮމިޝަނުން ވޯޑުތަކަށް ކުރި ޒިޔާރަތުގައި ފާހަގަވި ކަމަށް ވެސް އެޗްއާރުސީއެމުން ބުންޏެވެ.

"ބަލި މީހުންނަށް ޖިންސީ ގޯނާކުރާ ބަލި މީހަކު މަރުކަޒުގައި އުޅޭ ކަމާއި އެ ބަލި މީހާ އަށް ތަކުރާރުކޮށް ނަސޭހަތް ދީފައިވާ ކަމާއި އަދި މި ބަލި މީހާގެ ވާހަކަ އޮފީހަށް ވެސް އަންގާފައިވާ ކަމަށް ކެއާވޯކަރުން މައުލޫމާތު ދީފައިވެ އެވެ. ނަމަވެސް މި ކަމަށް އެކަށޭނެ ހައްލެއް ލިބިފައި ނުވާ ކަމަށް މުވައްޒަފުން ދީފައިވާ މައުލޫމާތުންނާއި ކޮމިޝަނުން ބެލިބެލުމުން ފާހަގަކުރެވިފައި ވެ އެވެ،" ރިޕޯޓްގައިވެ އެވެ.

އެ މަރުކަޒުން ފަރުވާ ހޯދާ މީހުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ހާއްސަ ޑޮކްޓަރުންނަށް ދެއްކުމަށް އެޕޮއިންޓްމަންޓް ހޯދުމަށް އައިޖީއެމްއެޗަށް ޖުލައި 2021 އިން ފެށިގެން ހަތަރު ފަހަރެއްގެ މަތިން ސިޓީ ފޮނުވިޔަސް، އެޕޮއިންޓްމަންޓް ލިބިފައިނުވާ ކަމަށް މަރުކަޒު ހިންގުމުގައި އިސްކޮށް އުޅޭ މީހުން ދީފައިވާ މައުލޫމާތުންނާއި ލިޔެކިއުންތައް ބެލިބެލުމުން ކޮމިޝަނަށް ފާހަގަވި އެވެ.

ހާއްސަ އެހީ އަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ނަފުސާނީ ފަރުވާ ރަނގަޅަށް ނުދެވޭއިރު، އެ ފަރުވާ އަށް ހާއްސަ ޑޮކްޓަރެއް ނެތްތާ ވެސް ނުވަ އަހަރެއް ވެއްޖެ އެވެ.

އެ މަރުކަޒަށް މި އަހަރުގެ ޖޫންގެ ކުރިން ސައިކޭޓްރިސްޓެއް ނަގާނެ ކަމަށް ޖެންޑާ މިނިސްޓްރީން ބުނި ނަމަވެސް "މިހާރު" އަށް އެނގިފައިވާ ގޮތުގައި އެކަން އަދިވެސް ހަމައެއް ނުޖެހެ އެވެ. އެކަމަކު، އެ މަގާމަށް ޑޮކްޓަރުން ހޯދަން އިއުލާން ވެސް ކުރި އެވެ.

އެޗްއާރުސީއެމްގެ ރިޕޯޓްގައި ބުނީ ގުރައިދޫ މަރުކަޒަށް މި އަހަރު ކުރި ޒިޔާރަތުގައި ފާހަގަވި ކަންތައްތަކާ ގުޅިގެން އިސްލާހުކުރަން ޖެހޭ ހަ ކަމެއް ޖެންޑާ މިނިސްޓްރީ އަށް ހުށަހަޅާފައިވާނެ ކަމަށެވެ.

ގުރައިދޫ މަރުކަޒުން ބަލަހައްޓާ ނަފްސާނީ ބަލި މީހަކު ދެ އަތް މައްޗަށް ނަގައިގެން: އެ މަރުކަޒުގައި ނަފުސާނީ ފަރުވާ ދެވޭނެ ރަނގަޅު ނިޒާމެއް ނެތް ކަމަށް އެޗްއާރްސީއެމްގެ ރިޕޯޓްގައި ބުނި -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ގުރައިދޫ މަރުކަޒުން ބަލަހައްޓާ ނަފްސާނީ ބަލި މީހަކު ދެ އަތް މައްޗަށް ނަގައިގެން: އެ މަރުކަޒުގައި ނަފުސާނީ ފަރުވާ ދެވޭނެ ރަނގަޅު ނިޒާމެއް ނެތް ކަމަށް އެޗްއާރްސީއެމްގެ ރިޕޯޓްގައި ބުނި -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އިސްލާހު ކުރަން ހުށަހެޅި ކަންތައްތައް:

1. ކެއާވޯކަރުންގެ މަސައްކަތްތަކާއި ބަލި މީހުންގެ ކަންތައްތައް ހުރި ނެތް ގޮތް ބެލުމަށް ގުރައިދޫ މަރުކަޒުން ކަނޑައަޅާ އުސޫލެއްގެ މަތިން އެ ތަނުގެ ސުޕަވައިޒަރުން ވޯޑުތަކަށް ގަވާއިދުން ޒިޔާރަތްކޮށް، ލިޔެކިއުމުން ބެލެހެއްޓުން.

2. މަރުކަޒުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނަށް އެންޓި ޓޯޗާ ގާނޫނުގެ މައުލޫމާތު ހިމެނޭ ތަމްރީނުތައް ގަވާއިދުން ދީ، އެކަން ލިޔެކިޔުމުން ބެލެހެއްޓުން.

3. ގުރައިދޫ މަރުކަޒުން ބަލަހައްޓާ މީހުން، އެކަކު އަނެކަކަށް ކުރާ ޖިންސީ ފުރައްސާރަ އާއި ޖިންސީ ގޯނާގެ އަމަލުތައް ހުއްޓުވާނެ ނިޒާމެއް ހަމަޖައްސައި ފިޔަވަޅުތައް އަޅައި، ލިޔެކިއުމުން އެކަންކަން ބެލެހެއްޓުން.

4. ފަރުވާ ހޯދާ މީހުން ދިރިއުޅޭ ވޯޑުތަކުގެ އެތެރެ މޮނިޓާ ކުރެވޭ ގޮތަށް ސީސީޓީވީ ކެމެރާ ހަރުކޮށް، މަރުކަޒުން ކަނޑައަޅާ އުސޫލެއްގެ މަތިން ގަވާއިދުން މޮނިޓާކޮށް ބެލެހެއްޓުން.

5. މަރުކަޒުގެ ސިއްހީ ފަރުވާދޭ ބައިގައި މަސައްކަތްކުރާ މުވައްޒަފުންގެ މަޝްވަރާއާ އެކު، ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ މުހިންމު ސިއްހީ އާލާތްތައް ހޯދުން.

6. ސްޕެޝަލިސްޓް ކޮންސަލްޓޭޝަންގެ ހިދުމަތް ދޭ ހޮސްޕިޓަލްތަކާ މަޝްވަރާކޮށް، ހާއްސަ ޑޮކްޓަރުންނަށް ދެއްކުމަށް ޑޮކްޓަރުން ލަފާދޭ ބަލި މީހުންނަށް އަވަހަށް ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމު ހަމަޖެއްސުން.

އިސްލާހު ކުރަން ހުށަހެޅި ބައެއް ކަންކަން މިހާރު ފެށިގެން ރަނގަޅު ކުރަން އަންގާފައިވާއިރު، ބައެއް ކަންކަން ރަނގަޅުކުރަން ހަ މަހާއި އެއް އަހަރުގެ މުއްދަތެއް ދީފައިވެ އެވެ.

ދައުލަތުގެ އެހީ ކޮންމެހެން ބޭނުންވާ މީހުންނަށް އެ ހައްގު ކަށަވަރުކޮށްދިނުމަށް 1970 ގެ އަހަރުތަކުގައި ހުޅުވި ގުރައިދޫ މަރުކަޒު މިހާރު ވެފައި ވަނީ އާއިލާތަކުން ބަލަން މަސައްކަތަކަށްވެ އުމުރުން ދުވަސްވީ މީހުން ގެންގޮސް ލާ ތަނަކަށެވެ. އެ މަރުކަޒު ނަފުސާނީ ބަލި މީހުންނަށް ހާއްސަ ކުރިޔަސް، އެ ތަނުގައި ތިބީ އެ ބަލިތަކުގެ މީހުން އެކަންޏެއް ނޫނެވެ. ރަނގަޅުވެފައި ތިބި މީހުންނާއި އެއްވެސް ބައްޔެއް ނެތަސް އެތަނަށް ގެންދާ ހާލަތު ގަދަކަމުން ކުރިމަތިކުރުވި މީހުން ވެސް ހިމެނެ އެވެ.

ގުރައިދޫ މަރުކަޒުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެ ތަން ހުޅުވި ފަހުން ގެންދިޔަ ދޮށީ އުމުރުގެ މީހުންގެ ތެރެއިން މަދު މީހަކު ފިޔަވައި، މަރުވުމާ ހަމައަށް އާއިލާތައް ފެނުމުގެ ނަސީބެއް ނުލިބެ އެވެ. ނަފުސާނީ ބަލީގައި ފަރުވާކުރަން ގެންދާ މީހުންގެ ތެރެއިން، ރަނގަޅުވާ މީހުންނާ ވެސް ހަވާލެއް ނުވެ އެވެ.

އެ މަރުކަޒުގެ ޖާގަ އަށް ވުރެ ވެސް އިތުރަށް މިހާރު އެތަނުގައި މީހުން ވެސް އެބަ ތިއްބެވެ. އެޗްއާރުސީއެމްގެ ރިޕޯޓްގައި ވެސް އެކަން ވަނީ ފާހަގަކޮށްފަ އެވެ.