Roadha Mihaaru
"ގުރައިދޫ މަރުކަޒުގެ މައްސަލަތައް ވާނީ ހައްލުކޮށްފައި"

ގުރައިދޫ މަރުކަޒުގެ މައްސަލަތައް ވާނީ ހައްލުކޮށްފައި: ސަރުކާރު

14 އޮކްޓޯބަރ 2022

ހާއްސަ އެހީ އަށް ބޭނުންވާ މީހުންނަށް ފަރުވާދިނުމަށް ސަރުކާރުން ކ. ގުރައިދޫގައި ހަދާފައިވާ މަރުކަޒަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން މި އަހަރުގެ ކުރީކޮޅުގައި ކުރި ޒިޔާރަތަށް ފަހު، އެކުލަވައިލި ރިޕޯޓުގައި އިސްލާހުކުރަން އަންގާފައިވާ ވަރަށް ގިނަ ކަންކަން މިހާރު ހައްލުކޮށްފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ހާއްސަ އެހީ އަށް ބޭނުންވާ މީހުންނަށް ފަރުވާދިނުމަށް ސަރުކާރުން ކ. ގުރައިދޫގައި ހަދާފައިވާ މަރުކަޒަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން މި އަހަރުގެ ކުރީކޮޅުގައި ކުރި ޒިޔާރަތަށް ފަހު، އެކުލަވައިލި ރިޕޯޓުގައި އިސްލާހުކުރަން އަންގާފައިވާ ވަރަށް ގިނަ ކަންކަން މިހާރު ހައްލުކޮށްފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނިއުސް ކޮންފަރެންސްގައި އެ އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވީ އެޗްއާރުސީއެމްގެ ރިޕޯޓަކީ މިދިޔަ ޖުލައި މަހު ޝައިއުކުރި ރިޕޯޓެއް ކަމަށެވެ. އެޗްއާރުސީއެމުން ބުދަ ދުވަހު އެ ރިޕޯޓް ޓުވީޓްކުރުމުން، ފަހުގެ ރިޕޯޓެއް ކަމަށް މީޑިއާތަކަށް އޮޅުން އެރީ ކަމަށެވެ.

ޖުލައި މަހު އެ ރިޕޯޓް ނެރުނު ފަހުން، އެ ރިޕޯޓްގައި އަންގާފައިވާ ގޮތަށް މިހާރު ގުރައިދޫ މަރުކަޒުގެ ވަރަށް ގިނަ ކަންކަން ރަނގަޅުކޮށްފައިވާ ކަމަށް މިއުވާން ވިދާޅުވި އެވެ. އެ ރިޕޯޓްގައި އަވަހަށް އިސްލާހުކުރަން ޖެހޭ ހަ ކަމެއް ފާހަގަކޮށްފައި އޮތްއިރު، އެ ހުރިހާ ކަމެއް ވެސް މިހާރު ހައްލުކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

"އެ ބޭފުޅުންގެ [އެޗްއާރުސީއެމްގެ] ރިކޮމެންޑޭޝަންތަކާ އެކު މިހާރު [ގުރައިދޫ] މަރުކަޒަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެނެވިފައި ވަނީ،" އޭނާ ވިދާޅުވި އެވެ.

"އެ ރިޕޯޓާ ގުޅޭ ގޮތުން މީޑިއާތަކުގައި ހުރި ވާހަކަތައް ހަގީގަތުގައި މިހާރުގެ ހާލަތު މުޅިން ރިޕްލެކްޓެއް ނުކުރާނެ."

އެޗްއާރްސީއެމުން ގުރައިދޫ މަރުކަޒަށް މި އަހަރުގެ މާޗު 6-8 އަށް ކުރި މޮނީޓަރިން ޒިޔާރަތަށް ފަހު އެކުލަވާލި އެ ރިޕޯޓްގައި ބުނީ 2008 ވަނަ އަހަރުން ފެށިގެން ރަނގަޅު ކުރަން އަންގަމުން އަންނަ ވަރަށް ގިނަ ކަންކަން އަދިވެސް ރަނގަޅު ނުކުރާ ކަމަށާއި އެ މަރުކަޒުގައި އަސާސީ ގިނަ ހިދުމަތްތައް ވެސް ލިބެން ނެތް ކަމަށެވެ.

އިސްލާހު ކުރަން ހުށަހެޅި ކަންތައްތައް:

1. ކެއާވޯކަރުންގެ މަސައްކަތްތަކާއި ބަލި މީހުންގެ ކަންތައްތައް ހުރި ނެތް ގޮތް ބެލުމަށް ގުރައިދޫ މަރުކަޒުން ކަނޑައަޅާ އުސޫލެއްގެ މަތިން އެ ތަނުގެ ސުޕަވައިޒަރުން ވޯޑުތަކަށް ގަވާއިދުން ޒިޔާރަތްކޮށް، ލިޔެކިއުމުން ބެލެހެއްޓުން.

2. މަރުކަޒުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނަށް އެންޓި ޓޯޗާ ގާނޫނުގެ މައުލޫމާތު ހިމެނޭ ތަމްރީނުތައް ގަވާއިދުން ދީ، އެކަން ލިޔެކިޔުމުން ބެލެހެއްޓުން.

3. ގުރައިދޫ މަރުކަޒުން ބަލަހައްޓާ މީހުން، އެކަކު އަނެކަކަށް ކުރާ ޖިންސީ ފުރައްސާރަ އާއި ޖިންސީ ގޯނާގެ އަމަލުތައް ހުއްޓުވާނެ ނިޒާމެއް ހަމަޖައްސައި ފިޔަވަޅުތައް އަޅައި، ލިޔެކިއުމުން އެކަންކަން ބެލެހެއްޓުން.

4. ފަރުވާ ހޯދާ މީހުން ދިރިއުޅޭ ވޯޑުތަކުގެ އެތެރެ މޮނިޓާ ކުރެވޭ ގޮތަށް ސީސީޓީވީ ކެމެރާ ހަރުކޮށް، މަރުކަޒުން ކަނޑައަޅާ އުސޫލެއްގެ މަތިން ގަވާއިދުން މޮނިޓާކޮށް ބެލެހެއްޓުން.

5. މަރުކަޒުގެ ސިއްހީ ފަރުވާދޭ ބައިގައި މަސައްކަތްކުރާ މުވައްޒަފުންގެ މަޝްވަރާއާ އެކު، ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ މުހިންމު ސިއްހީ އާލާތްތައް ހޯދުން.

6. ސްޕެޝަލިސްޓް ކޮންސަލްޓޭޝަންގެ ހިދުމަތް ދޭ ހޮސްޕިޓަލްތަކާ މަޝްވަރާކޮށް، ހާއްސަ ޑޮކްޓަރުންނަށް ދެއްކުމަށް ޑޮކްޓަރުން ލަފާދޭ ބަލި މީހުންނަށް އަވަހަށް ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމު ހަމަޖެއްސުން.

އެފަދަ މަރުކަޒެއްގައި ލިބެން ހުންނަ ޖެހޭ އަސާސީ ކަންކަން ކަމަށްވާ ސައިކޭޓްރިސްޓެއްގެ ހިދުމަތާއި ތަފާތު އެކި ބަލިތަކުގެ ހާއްސަ ޑޮކްޓަރަށް ދެއްކުމުގެ އިންތިޒާމާއި ބަލި މީހުންނަށް އަޅައިލާނެ ވަރަށް މުވައްޒަފުން ނެތް ކަމަށް ބުންޏެވެ. އަދި ބަލި މީހުންނަށް އެހީތެރިކަން ދިނުމަށް ބޭނުންވާ ފަންނީ މުވައްޒަފުން ވެސް ނެތް ކަމަށް ރިޕޯޓުގައިވެ އެވެ.

އެޗްއާރުސީއެމްގެ ހޯދުންތައް ދައްކާ ގޮތުން، ގުރައިދޫ މަރުކަޒުން ފަރުވާ ހޯދާ މީހުންނާ މެދު އެ ތަނުގެ ބައެއް މުވައްޒަފުން ނުވަތަ ކެއާވޯކަރުން ލާއިންސާނީ އިހާނެތި އަމަލުތައް ހިންގަ އެވެ. ބަލި މީހުންނާ ދިމާލަށް ބޭއަދަބީ، ހަޑިހުތުރު ބަހުން މުއާމަލާތު ކުރާ ކަމަށާއި އެ މީހުންނާ މެދު އަނިޔާވެރި ގޮތަށް އަމަލުތައް ބަހައްޓާ ކަމަށް، އެ ތަން ހިންގުމުގައި އިސްކޮށް އުޅޭ މީހުންނާއި އެ މަރުކަޒުން ބަލަހައްޓަމުން އަންނަ އުމުރުން ދުވަސްވީ މީހުން މައުލޫމާތު ދީފައިވާ ކަމަށް ރިޕޯޓުގައި ބުންޏެވެ.