Roadha Mihaaru
ނުރައްކާތެރި ތަކެތި ހޯދަން ޖަލު ފާސްކުރަނީ

ނުރައްކާތެރި ތަކެތި ގެންގުޅޭ ކަމުގެ ތުހުމަތާ އެކު ޖަލު ފާސްކުރަނީ

23 ޖޫން 2019

މާފުށީ ޖަލުގައި މިދިޔަ ބުރާސްފަތި ދުވަހު ހަމަނުޖެހުން ހިންގި ޔުނިޓުގައި، ޖަލުގެ ސަލާމަތަށް ނުރައްކާ ވެދާނެ ފަދަ ތަކެތި ގެންގުޅޭ ކަމަށް ބެލެވޭތީ އެތަން މިއަދު ފާސްކުރަން ފަށައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މާފުށީ ޖަލުގައި މިދިޔަ ބުރާސްފަތި ދުވަހު ހަމަނުޖެހުން ހިންގި ޔުނިޓުގައި، ޖަލުގެ ސަލާމަތަށް ނުރައްކާ ވެދާނެ ފަދަ ތަކެތި ގެންގުޅޭ ކަމަށް ބެލެވޭތީ އެތަން މިއަދު ފާސްކުރަން ފަށައިފި އެވެ.

ހޯމް މިނިސްޓްރީން ބުނީ ޖަލުގައި ހިންގި ހަމަނުޖެހުމަށް ފަހު އެތަނުގެ ކަންކަން ހަމައަކަށް ނޭޅޭ ކަމަށެވެ. ޖަލުގެ ކަންކަން އާއްމު ހާލަތުގައި ދެމެހެއްޓުމަށް ގޮންޖެހުންތަކެއް ވެސް ކުރިމަތިވަމުންދާ ކަމަށް ހޯމް މިނިސްޓްރީން ބުންޏެވެ.

ހަމަނުޖެހުން ހިންގީ ޝަރީއަތް ނިމެންދެން ބަންދުކުރާ ޔުނިޓުގަ އެވެ. އެތަނުގެ ސީސީޓީވީ ކެމެރާތައް ވެސް ތަޅާލާފައިވާ ކަމަށް ހޯމް މިނިސްޓްރީން ބުންޏެވެ.

އެތަނުން ބުނިގޮތުގައި ޖަލުގެ ސަލާމަތަށް ނުރައްކާތެރި ވެދާނެ ފަދަ ތަކެތި ހޯދަން އޮޕަރޭޝަނެއް ކުރިއަށް ގެންދަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އިރުޝާދުގެ ދަށުން، ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒާއި ޑެޕިއުޓީ ކޮމިޝަނަރާއި އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސްގެ ހާޒިރުގަ އެވެ. އެ އޮޕަރޭޝަން ފަށައިގެން ނިމެންދެން ވީޑިއޯ ކުރަން ވަނީ ހަމަޖައްސައިފަ އެވެ.

"މި އޮޕަރޭޝަން ކުރިއަށް ގެންދަނީ ގާނޫނުތަކާއި ގަވާއިދުތަކާއި ހެދިފައިވާ އުސޫލްތަކާއި ޖަލު އޮފިސަރުން ހިފަހައްޓަން ޖެހޭ ސުލޫކީ އަދި އަހުލާގީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމާއި ބާރުގެ ބޭނުން ކުރާނީ ކޮންމެހެން ބޭނުންކުރަން ޖެހިއްޖެ ހާލަތެއްގައި އެ ހާލަތަކާ އެކަށީގެންވާ އެންމެ ދަށް މިންވަރަކަށް ކަން މިނިސްޓްރީން ކަށަވަރު ކުރާނެ ކަމުގެ ޔަގީންކަން އެންމެހާ ފަރާތްތަކަށް އަރުވަމެވެ،" ހޯމް މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

ހޯމް މިނިސްޓްރީން ބުނިގޮތުގައި ޖަލުގައި ހިނގައިދިޔަ ހާދިސާއާ ގުޅިގެން އެ މިނިސްޓްރީގެ ސިޔާސަތަކީ ސިއްރުކުރުމުގެ ސަގާފަތް ދޫކޮށްލުމެވެ. ދެފުށްފެންނަ އުސޫލަކުން މައުލޫމާތު ހާމަކޮށް ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން އެންމެހާ ކަންކަން ކުރިއަށް ގެންދާނެ މަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

މާފުށީ ޖަލުގައި ހަމަނުޖެހުން ހިންގީ ޖަލަށް ވެއްދުން މަނާ އެއްޗެއް ގެނެސްދޭން ގައިދީއަކު އެދުމުން އެކަމަށް އޮފިސަރަކު އިންކާރު ކުރުމުންނެވެ. އޮފިސަރުގެ ގައިގައި ދަގަނޑުބުރިއަކުން ޖެހުމާ އެކު ހިތްހަމަނުޖެހި އޮފިސަރުން ގޮޅިއަށް ވަދެ ހަ ގައިދީއަކަށް އަނިޔާކުރި އެވެ.

އަދި ގޮޅިން ބޭރަށް ނެރެ ޓްރިމަރަކުން ބޯ ތުނިކޮށް ކޮށާލި އެވެ.

މި ހަމަނުޖެހުމާ ގުޅިގެން ޖަލުގެ އިމަޖެންސީ ސަޕޯޓް ގްރޫޕް (އީއެސްޖީ)ގެ ކޮމާންޑަރު ވަނީ ސަސްޕެންޑްކޮށްފަ އެވެ. މި މައްސަލައިގައި ޖަލު އޮފިސަރުންގެ ހިތްހަމަނުޖެހުންތަކެއް އެބަހުއްޓެވެ. ގައިދީން ތިބޭ ގޮޅިތަކަށް ވަނުމަށާއި އެކި ކަންކަމުގައި ގައިދީން މާލެ ގެންނަން ވެސް މިއަދު ދެކޮޅު ހެދި އެވެ.