Roadha Mihaaru
ޖަލުން "ޖިހާދަށް": މާފުށީޖަލުގައި ހަރުކަށި އައްޑާއެއް

ޖަލުން "ޖިހާދަށް": މާފުށީ ޖަލުގައި ހަރުކަށި އައްޑާއެއް!

01 ސެޕްޓެމްބަރ 2022

"އަހަރެން ޖަލަށް ވަތް އިރު ހަގީގަތުގައި ނޭނގެ އިސްލާމް ދީނާ ބެހޭ އެއްވެސް އެއްޗެއް. މަންމަ ނަމާދު ކުރާށޭ ބުނީމަ ނަމާދު ކުރަނީ.

މޫސާ ރަޝީދު މޫސާ ރަޝީދު

"އަހަރެން ޖަލަށް ވަތް އިރު ހަގީގަތުގައި ނޭނގެ އިސްލާމް ދީނާ ބެހޭ އެއްވެސް އެއްޗެއް. މަންމަ ނަމާދު ކުރާށޭ ބުނީމަ ނަމާދު ކުރަނީ.

"މިތަނުން [ޖަލުން] އަހަރެން ދަސްކުރީ ޝަހީދަކަށް ވާން... އަހަންނަށް އެނގޭހާ ވެސް އެއްޗަކީ އިސްލާމް ދީނުގައި އެންމެ މަތީ ދަރަޖަ ލިބެނީ ޖިހާދު ކޮށްގެން ޝަހީދުވާ މީހުންނަށް،" އިސްލާމިކް މިނިސްޓްރީ އާއި ޓްރާންސްޕޭރަންސީ މޯލްޑިވްސް ގުޅިގެން ޖަލުތަކުގައި ހަރުކަށި ފިކުރު ފެތުރިފައިވާ މިންވަރު ބެލުމަށް ހެދި ދިރާސާ ރިޕޯޓަށް އިންޓަވިއު ދިން އުމުރުން 39 އަހަރުގެ މީހަކު ބުނެފައި ވެއެވެ. އެ ރިޕޯޓް އިއްޔެ ވަނީ އާންމު ކޮށްފަ އެވެ.

ރާއްޖޭގެ ޖަލުތަކުގައި ހައްދުފަހަނަ އަޅައި ދިޔުމުގެ ކަންކަން ހިނގައި ގޮތާއި އެކަމަށް މަގުފަހިވާ ސަބަބުތައް ދެނެގަތުމަށް ހެދި މި ދިރާސާ އިން ވަނީ، ތަފާތު އެކި ކުށްތަކުގައި ޖަލަށް ލާ މީހުންނާ ހަރުކަށި ފިކުރުގެ ބަޔަކު ބައްދަލުކޮށް އެ މީހުންގެ ސިކުނޑި ދޮވެ، މުޅިން ބަދަލުކޮށްލައި، ހަރުކަށި ފިކުރަށް އަނބުރާލާ ގޮތުގެ ގިނަ ވާހަކަތަކެއް ހާމަކޮށްފަ އެވެ.

އެ މައުލޫމާތުތައް ހޯދާފައި ވަނީ މާފުށީ ޖަލުގައި ބަންދުކޮށްފައި ތިބި 20 ގައިދީއަކާއި ސްޓާފުންނާއި އަދި ކުރިން އެ ޖަލުގައި ގައިދީއެއް ގޮތުގައި އުޅުނު ޑްރަގް ރީހެބިލިޓޭޝަން ޕޭޝަންޓަކާ އިންޓަވިއުކޮށްގެންނެވެ.

އިންޓަވިއު ކުރި 20 ގައިދީންގެ ތެރެއިން ތިން މީހެއް ފިޔަވައި އެހެން އެންމެންނަކީ ވެސް، އެ މީހުންގެ ފިކުރަށް ތަބާ ނުވާ އެހެން މުސްލިމުންގެ ލޭ ހުއްދަ ވާނެ ކަމަށާއި ރާއްޖޭގައި ގާއިމް ވެފައި ވަނީ ދީނާ ހިލާފު ދައުލަތެއް ކަމަށް ގަބޫލު ކުރާ މީހުންނެވެ.

ޖަލުގައި އަމީރަކާއި، ހުކުމް އިއްވާ ކައުންސިލް!

އެ ރިޕޯޓުގައި ބުނާ ގޮތުން މާފުށީ ޖަލާއި އެހެން ކޮންމެ ޖަލެއްގައި ވެސް ހައްދުފަހަނަ އަޅައި ދިއުމުގެ ފިކުރު ފެތުރުމުގައި އިސްކޮށް އަމީރެއް ހުރެ އެވެ. އޭގެ އިތުރުން ހައްދުފަހަނަ އަޅާފައިވާ ސެލް ނުވަތަ އައްޑާގައި ޝޫރާ ކައުންސިލެއް (އިސްލާމީ ފަނޑިޔާރުން ކަމަށް ބުނެ ހަދާފައިވާ ޕެނަލްއެއް) ވެސް އޮވެ އެވެ. އަދި އެ ކައުންސިލުން ބައެއް ގައިދީންނަށް އަދަބު ވެސް ދެ އެވެ.

އެ މީހުންނަކީ ދިވެހި ދައުލަތާ ހަނގުރާމަ އިއުލާންކޮށް ޖިހާދު ކުރަން ތައްޔާރަށް ތިބި މީހުންނެވެ. އަދި ދިވެހި ދައުލަތަކީ ދީނާ ހިލާފު ދައުލަތެއް ކަމަށްވާތީ އެ މީހުންނަކީ ވެސް ހަނގުރާމައިގެ ތެރެއިން ބޭއިންސާފުން ޖަލަށްލާފައި ތިބި ބައެއް ކަމަށް އެ މީހުން ގަބޫލު ކުރެ އެވެ.

މާފުށީ ޖަލުގެ ސެކިއުރިޓީ ޕޯސްޓެއްގައި ސިފައިން ހަރަކާތްތެރިވަނީ.

މާފުށީ ޖަލުގެ ސެކިއުރިޓީ ޕޯސްޓެއްގައި ސިފައިން ހަރަކާތްތެރިވަނީ.

ދިގު މުއްދަތަކަށް ޖަލު ހުކުމެއް އަންނަ މީހުންނަށާއި ޖަލުގައި ގިނަ ދުވަސްތަކެއް ހޭދަ ކުރަން ޖެހި އުންމީދު ގެއްލިފައި ތިބި މީހުންނާ ހަރުކަށި ފިކުރުގެ އަމީރުން ގޮސް ބައްދަލުކޮށް ދިވެހި ދައުލަތުން އަނިޔާވެރިވާ ކަމާއި އިންސާފުން ބޭރުން އަމަލު ކުރާ ކަމަށް ބުނެ ވިސްނައިދެ އެވެ. އަދި ހަގީގީ އިސްލާމީ ދައުލަތެއް އޮތް ނަމަ އެ މީހުން އެ ހާލުގައި ޖަލުގައި ތިބެން ނުޖެހޭނެ ކަމަށް ވެސް އެ މީހުން ބުނެ އެވެ.

މި ދިރާސާ ރިޕޯޓަށް ވާހަކަ ދެއްކި ދެ ގައިދީއަކު ބުނި ގޮތުގައި އެ މީހުން ފަތުރަމުން އައި ކަންކަމާ ސުވާލު އުފައްދައި ދެކޮޅު ހަދާ ބައެއް ގައިދީންނަށް ޖަލު ތެރެއިން އެހެން ބަޔަކު އައިސް ހަމަލާދެ އެވެ. އެއީ ޔުނިޓުގެ އަމީރުން އަންގައިގެން އެ މީހުންނަށް ދޭ އަދަބެއް ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

އެ މީހުން ހަގީގަތުގައި ގުޅިފައި އޮންނަނީ ސީރިޔާގެ އައިސިސް އާއި ނުސްރާ ޖަމާއަތާ އެވެ. އަދި އެ ހަނގުރާމާގައި ބައިވެރިވުމަށް ފަހު ރާއްޖެ އައިސް މިހާރު ވެސް މިނިވަންކަމާއެކު ދިރިއުޅެމުން އަންނަ މީހުންނާ ވެސް ޖަލުގައި ތިބި ގައިދީން ބަރާބަރަށް ގުޅުން ބާއްވާ ކަން އެ ރިޕޯޓުން އެނގެ އެވެ.

ނެޓުވޯކާ ގުޅޭ ގައިދީންނަށް ފައިސާ އާއި އެހީ!

ބައެއް ގައިދީން ދީފައިވާ މައުލޫމާތުތަކުގެ މައްޗަށް ބިނާ ކޮށް ރިޕޯޓުގައި ބުނެފައި ވަނީ މާފުށީ ޖަލުގައި ހިންގާ ހައްދުފަހަނައަޅާފައިވާ ސެލްތަކަކީ ބަރާބަރަށް ފަނޑުކޮށްގެން ހިންގާ ސެލްތަކެކެވެ. އަދި އެ ސެލްތަކާ ގުޅޭ އާ މެމްބަރުންނަށް ވަރަށް ގިނަ އިނާޔަތްތަކާއި ފައިސާގެ އެހީ އާއި އެ މީހުންގެ އާއިލާ އަށް ވެސް އެހީތެރިކަން ލިބެ އެވެ.

އެ ރިޕޯޓުގައިވާ ގޮތުން އެ މީހުންނާ ގުޅިގެން ލިބޭނެ އެއް ފައިދާއެއް ކަމަށް ބުނަނީ ދީނީ ތައުލީމް ވަރަށް ފުންކޮށް އުނގެނުމުގެ ފުރުސަތެވެ. އެއީ ބައެއް ގައިދީން ވަރަށް ބޭނުންވާ ކަމަކަށް ވަނީ އެ މީހުންނަކީ ސްކޫލަށް ނުގޮސް މަގުމަތީ ބޮޑުވެ އަދި މަސްތުވާތަކެތި ބޭނުން ކުރާތީ މަލާމަތް ރައްދުވެ މުޖުތަމައުގައި އެކަހެރި ކޮށްލާފައިވާ ބަޔަކަށް ވާތީ އެވެ.

އެ ތައުލީމް ދިނުމުގެ އިތުރުން ގަވައިދާ ހިލާފަށް ޖަލަށް ވައްދާ ފޯނުތަކާއި ފައިސާ އާއި އެހެނިހެން މުދާތައް އެ މީހުންގެ ސެލްތަކާ ގުޅޭ އާ ގައިދީންނަށް ދީ ޖަލުގައި ރަނގަޅަށް އުޅެވޭނެ ގޮތް ހަދައިދެ އެވެ.

ކުރު މުއްދަތަކަށް ޖަލަށްލާ ގައިދީންގެ ތެރެއިން ސީރިއާ އަށް ދާން އެއްބަސްވާ ގައިދީންގެ އާއިލާތަކަށް މާލީ އެހީތެރިކަން ފޯރުކޮށް ދޭން ޖަލުގެ ސެލް އިން ނިންމަ އެވެ. ގައިދީން ކިޔައި ދިން އެ ވާހަކަތަކަކީ ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ) އިން ވެސް ކަށަވަރު ކުރެވިފައިވާ މައުލޫމާތުތަކެއް ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

ގޭންގުތައް ބޭނުންކޮށްގެން ސެލްތައް ފުޅާ ކުރާ ގޮތް

ރިޕޯޓުގައި ބުނާ ގޮތުން ގޭންގުތަކަށް މީހުން ވަންނަ ސަބަބާއި ހަރުކަށި ފިކުރަށް ބަދަލުވުމާ ވަރަށް ފަރަގު ބޮޑެވެ. ގޭންގުތަކަށް ޒުވާނުން ވަންނަނީ އެ މީހުންނަކީ ބައެއްގެ މެދުގައި ބަލައިގަނެވޭ ބައެއް ގޮތުގައިވުމަށެވެ. އެއަށް ފަހު މަސްތުވާތަކެތި އުފުލުން ފަދަ ބައެއް ކަންކަމުގައި ބައިވެރިވެ އެންމެ ފަހުން އެ ކަންކަމުގެ ތެރެއަށް އެކީ ވަދެވި އެފަދަ މައްސަލަތަކާ ހެދި ޖަލަށް ދާން ޖެހެ އެވެ.

ގައިދީންތަކެއް

ގައިދީންތަކެއް

މަސްތުވާތަކެތިން ސަލާމަތް ކުރުމަށްޓަކައި ދައުލަތުގެ މުއައްސަސާތަކުގެ ބަދަލުގައި އެ މީހުންނާ ބައްދަލު ކުރަނީ ޖަލުތަކުގައި އުޅޭ ހަރުކަށި ފިކުރުގެ ސެލްތަކުންނެވެ. އަދި އެ މީހުން މަސްތުވާތަކެތި ބޭނުން ކޮށްފައި ތިބުމުން ނަރަކަ އަށް ދާނެ ކަމަށާއި އެކަމުން ސަލާމަތް ވެވެން އޮތް ހަމައެކަނި ގޮތަކީ އެ ގްރޫޕްތަކާ ގުޅިގެން ކަމަށް ބުނެދެ އެވެ. އަދި އެހާ ހިސާބުން ސީރިޔާގައި އުޅޭ ޖަމާއަތްތަކާ ގުޅިގެން ޖިހާދަށް ދިއުމަށް ސިކުނޑި ދޮވުމުގެ މަސައްކަތް ފަށާ ކަމަށް އެ ރިޕޯޓުގައި ބުނެ އެވެ.

ގޭންގުތަކުގައި އިސްކޮށް ހަރަކާތްތެރިވާ ބައެއް މީހުންނަށް އެ މީހުން މިނިވަންވުމަށް ފަހު އެ ގޭންގުތަކުން ކުރަމުން ދިޔަ ގާނޫނާ ހިލާފު އަމަލުތައް ކުރިޔަށް ގެންދެވޭނެ ކަމަށް ސެލްތަކުން ބުނެ އެވެ. އެ މީހުންގެ ފިކުރަށް ތަބާ ނުވާ އެހެން އެންމެނަކީ ކާފަރުން ކަމަށާއި ކާފަރުން އަތުން ލޫޓުވާ ވައްކަން ވެސް ކުރުން ހުއްދަވެގެންވާ ކަމަށް އެ މީހުންނަށް ވިސްނައިދެ އެވެ.

އެގޮތަށް ގޭންގުތަކުން ރާވައިގެން ކުރާ ކުށްތަކުން ހޯދާ ފައިސާތައް ޖަލުގައި ތިބި ސެލްތަކަށް ހަރަދު ކުރާ ކަމަށް ބައެއް ގައިދީންނާ ހަވާލާ ދީ އެ ރިޕޯޓުގައި ބުނެފައި ވެއެވެ.

އިސްލާހު ކުރަން ލަފާ ދީފައިވާ ގޮތް:

- ތޮއްޖެހުން ކުޑަ ކުރުމާއެކު ޖަލުގެ ހާލަތު ރަނގަޅު ކުރުން

- ހަރުކަށި ފިކުރުގެ ގައިދީން ވީއެންމެ އަވަހަކަށް އެކަހެރި ކުރުން

- ތައުލީމީ އަދި ރީހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގައި ގިނަ ކުރުން. ހާއްސަކޮށް ޑްރަގް ބޭނުން ކުރާ މީހުންނަށް.

- ރިހެބިލިޓޭޝަން ސެންޓަރުތަކުން ދޭ އިނާޔަތްތައް އިތުރުކޮށް، އާއިލާތަކަށް ގަވާއިދުން ސުޕަވައިޒް ކުރާ ކޯލްތައް ފަދަ އިނާޔަތްތައް އިތުރު ކުރުން.