Roadha Mihaaru
ޖަލު އޮފިސަރަކަށް މާލެއިން ދިޔަ ގުރޫޕަކުން ހަމަލާދީފި

ޖަލު އޮފިސަރަކަށް މާލެއިން ދިޔަ ގުރޫޕަކުން ހަމަލާދީފި

23 ޖޫން 2019

މާލެއިން މާފުއްޓަށް ދިޔަ ގްރޫޕަކުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ޖަލު ބަލަހައްޓާ ޖޫނިއަ އޮފިސަރަކަށް ރޭ ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

މާލެއިން މާފުއްޓަށް ދިޔަ ގްރޫޕަކުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ޖަލު ބަލަހައްޓާ ޖޫނިއަ އޮފިސަރަކަށް ރޭ ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.

އެކަމަކު ކަރެކްޝަނަލްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ގުރޫޕަކުން ހިންގި އެ މާރާމާރީ އާއި މިދިޔަ ބުރާސްފަތި ދުވަހު ޖަލުގައި ހިންގައިގެން އުޅޭ ހަމަނުޖެހުންތަކާ އެއްވެސް ގުޅުމެއް ނުވާ ކަމަށެވެ.

ރޭގެ ހަމަލާގައި އޮފިސަރުގެ މޫނުމަތި ފެޅުނެވެ. އެކަމަކު އޭނާގެ ހާލު ސީރިއަސްއެއް ނޫނެވެ.

އެނގިފައިވާ ގޮތުގައި، މާފުށީ މީހަކާ އިނދެގެން އުޅޭ އެހެން ރަށަކަށް ނިސްބަތްވާ ޖަލު އޮފިސަރަށް ހަމާލާދިނީ މާލެއިން މާފުއްޓަށް ދިޔަ ގުރޫޕަކުންނެވެ. ބައެއް މީހުން ބުނާ ގޮތުގައި އެ މާރާމާރީ އަކީ އާއިލީ މައްސަލައެކެވެ.

މި މާރާމާރީއާ ބެހޭ ގޮތުން ފުލުހުންގެ ފަރާތުން އަދި އެއްވެސް މައުލޫމާތެއް ނުލިބެ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ޖަލުގައި ހަމަނުޖެހުން ހިންގީ ޝަރީއަތްތައް ނިމެންދެން މީހުން ބަންދުކޮށްފައި ތިބޭ ޔޫ ހަތަރެއްގަ އެވެ. ޖަލަށް ވެއްދުން މަނާ އެއްޗެއް އެހެން ގޮޅިއަކުން ގެނެސްދޭން އޮފިސަރަކު ދެކޮޅު ހެދުމުން ދަގަނޑުބުރިއަކުން އޭނާ އަށް ފުރަތަމަ ހަމަލާދިނީ ގައިދީއެކެވެ. އޭގެ ބަދަލު ހިފުމެއްގެ ގޮތުން އިމަޖެންސީ ސަޕޯޓް ގްރޫޕް (އީއެސްޖީ)ގެ އޮފިސަރުން ގޮޅިތަކަށް ވަދެ ގައިދީންގެ ގައިގައި ތަޅައި އަނިޔާކުރީ އެވެ.

މި ހަމަނުޖެހުމުގައި ހަ ގައިދީއަކަށް އެކި ވަރުގެ އަނިޔާވި އެވެ.