Roadha Mihaaru
ޖަލު އޮފިސަރުން ވެސް ކެމެރާ ބޭނުންކުރަން ފަށައިފި

ޖަލު އޮފިސަރުން ރަސްމީކޮށް ބޮޑީ ވޯން ކެމެރާ ބޭނުންކުރަން ފަށައިފި

05 ސެޕްޓެމްބަރ 2023

ޖަލު އޮފިސަރުން ރަސްމީކޮށް މިއަދު ބޮޑީ ވޯން ކެމެރާ ބޭނުން ކުރަން ފަށައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ޖަލު އޮފިސަރުން ރަސްމީކޮށް މިއަދު ބޮޑީ ވޯން ކެމެރާ ބޭނުން ކުރަން ފަށައިފި އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރުން ފްރީ ޓްރަޔަލްއެއްގެ ގޮތުގައި ބޮޑީ ވޯން ކެމެރާ ބޭނުންކުރަން ފެށީ މިދިޔަ އަހަރުގެ އޮގަސްޓު މަހު އެވެ.

އެ އިދާރާ އިން މިއަދު ބުނީ ބޮޑީވޯން ކެމެރާ ބޭނުން ކުރަން ފެށުމުން އޮފިސަރުން މިހާރަށް ވުރެ ޒިންމާދާރުވެ، ޖަވާބުދާރީވުން އިތުރު ވާނެ ކަމަށެވެ. ކެމެރާ ބޭނުން ކުރަން ފެށުމުން ޖަލު ހިންގުމުގެ ނިޒާމު ހަރުދަނާ ވާނެ ކަމަށް ވެސް ބުންޏެވެ.

އޭގެ ސަބަބުން ލިބޭނެ ފަސޭހަތައް:

- ގައިދީން ބެލެހެއްޓުމަށް އޮފިސަރުން އަމަލީ ގޮތުން ފްރޮންޓް ލައިންގައި ހަރަކާތްތެރިވުން.

- ގައިދީންގެ އުޅުމާއި އަހުލާގު ދެނެގަތުން.

- ޖަލުގައި ހިނގާ ހާދިސާތަކަށް ވާސިލް ވުމަށް ބޭނުންވާ ހެއްކާއި ގަރީނާ ހޯދުން.

- ރިހިބިލިޓޭޝަނަށް ބޭނުންވާ މައުލޫމާތު އެއްކުރެވޭނެ ނިޒާމެއް ގާއިމް ކުރުން.

ކަރެކްޝަނަލް ސާވިސް އިން ބުނީ ގައިދީންނާ މުއާމަލާތު ކުރާ ހުރިހާ ވަގުތުތަކުގައި ވެސް ކެމެރާ ބޭނުން ކުރާނެ ކަމަށެވެ. ހައި ސެކިއުރިޓީ ދޭން ޖެހޭ ގައިދީން އެއްތަނުން އަނެއްތަނަށް އުފުލާއިރު ލައިވް ސްޓްރީމް ކުރުމަށް ވެސް ބޭނުން ކުރާނެ ކަމަށް އެ އިދާރާ އިން ބުންޏެވެ.

ޖަލުން އޮފިސަރުން މިއަދު ރަސްމީކޮށް ބޭނުންކުރަން ފެށީ 51 ކެމެރާ އެވެ.

ފުލުހުން ވެސް ވަނީ މިދިޔަ އަހަރު ވޯން ކެމެރާ ބޭނުން ކުރަން ފަށައިފަ އެވެ. މުޒާހަރާތަކާއި ބޮޑެތި އޮޕަރޭޝަން ތަކުގައި ފުލުހުން އަންނަނީ ކެމެރާ ބޭނުން ކުރަމުންނެވެ. ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ސަލާމަތީ ކަންކަން ބަލަހައްޓާ ހުރިހާ ފުލުހުން ވެސް ބޮޑީ ވޯން ކެމެރާ ބޭނުންކުރާނެ ކަމަށް ފުލުހުންގެ އިދާރާ އިން ވަނީ ބުނެފަ އެވެ.