Roadha Mihaaru
ޖަލު އޮފިސަރަކަށް ހަމަލާދޭން އުޅުނު ދެ މީހަކު ހައްޔަރު

ޖަލު އޮފިސަރަކަށް މަރުތޭލަކުން ހަމަލާދޭން އުޅުނު މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފި

01 ޖުލައި 2024

ހުޅުމާލޭ ޖަލުގައި މަސައްކަތް ކުރާ ޕްރިޒަން އޮފިސަރަކު ސައިކަލުގައި ދުއްވާފައިދަނިކޮށް، މަރުތޭކަލަކުން އޭނާގެ ބޮލުގައި ޖަހައި މާރާމާރީ ހިންގަން އުޅުނު ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ހުޅުމާލޭ ޖަލުގައި މަސައްކަތް ކުރާ ޕްރިޒަން އޮފިސަރަކު ސައިކަލުގައި ދުއްވާފައިދަނިކޮށް، މަރުތޭކަލަކުން އޭނާގެ ބޮލުގައި ޖަހައި މާރާމާރީ ހިންގަން އުޅުނު ދެ މީހަކު ހައްޔަރުކޮށްފި އެވެ.

މިދިޔަ މަހުގެ 11 ވަނަ ދުވަހު ހިންގި އެ ހާދިސާއާ ގުޅިގެން ހައްޔަރުކޮށްފައިވަނީ، ރ. އިނގުރައިދޫ މިރިހިމާގެ، އަހުމަދު އިޔާޒް 24 އާއި ގއ. މާމެންދޫ ގްލޭނޫރަންމާގެ އަހުމަދު ރަބީއު 26 އެވެ.

ފުލުހުން ބުނީ އެ ހާދިސާ ހިނގި ސަރަހައްދުގައި ހުރި ޕޮލިސް ކެމެރާ ފުޓޭޖްތައް ބެލިއިރު، ހުޅުމާލެ ޖަލު ސަރަހައްދުގައި ސައިކަލެއްގައި ހެލްމެޓް އަޅައިގެން ތިބި ދެ މީހަކު ހުޅުމާލެ ޖަލުން ނުކުންނަ މުވައްޒަފުންނަށް ފާރަލަމުން ދިޔަކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އަދި ޖަލު އޮފިސަރަށް ހަމަލާ ދޭން މަސައްކަތްކޮށްފައިވަނީ ވީޑިއޯ ފުޓޭޖްތަކުން ފެންނަ ދެ މީހުން ކަން ތަހުގީގަށް ލިބިފައިވާ މައުލޫމާތުން ކަށަވަރުކުރެވިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މައްސަލައިގައި ހައްޔަރުކުރި ދެ މީހުންގެ ތެރެއިން އިޔާޒް ހައްޔަރުކޮށްފައިވަނީ ފިލައިގެން ގޮސް ހއ. ބާރަށުގައި ހުއްޓައި މިދިޔަ މަހުގެ 14 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ކަމަށާއި ރަބީއު ހައްޔަރުކުރީ މާލޭގެ ގެސްޓް ހައުސްއެއްގައި ފިލައިގެން އުޅެނިކޮށް މިދިޔަ މަހުގެ 20 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ބުންޏެވެ.

އެ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ތަހުގީގު ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ ހާދިސާގައި ޖަލު އޮފިސަރަށް އަނިޔާއެއް ލިބިފައި ނުވި ނަމަވެސް، ފުލުހުން ބުނި ގޮތުގައި، އެއީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ދަނީ ތަހުގީގު ކުރަމުންނެވެ.